Jalu thakuge haalathu rangalhu kuran kuraa masahkathah huras neylhumah govaalaifi
image
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ފޮޓޯ: ރައީސް އޮފީސް
1 ކޮމެންޓް
 

ޖަލުތަކުގެ ހާލަތު ރަނގަޅު ކުރަން ކުރާ މަސައްކަތަށް ހުރަސް ނޭޅުމަށް ގޮވާލައިފި

ސަރުކާރުން ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކުރާ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ބަދަލުގައި އެއްބާރުލުން ދިނުމަށް ހޯމް މިނިސްޓްރީން ގޮވާލައިފި އެވެ.
ޖަލުތައް އޮޑިޓް ކުރުމަށްފަހު ނެރުނު ރިޕޯޓުގައި ވަނީ ދޮގު މައުލޫމާތު ކަމަށާއި، އެ ރިޕޯޓަކީ އެއްވެސް ޒިންމާދާރުކަމެއް ނެތް ރިޕޯޓެއް ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން އިއްޔެ ވަނީ ބޮޑަށް އެ ރިޕޯޓަށް ފާޑުކިޔާފަ އެވެ.

މިއަދު ނެރުނު ބަޔާނެއްގައި ހޯމް މިނިސްޓްރީން ބުނީ އޮޑިޓް ރިޕޯޓުގައި "އެކި ފަރާތްތަކާ ހަވާލާދީ ހިއްސާކޮށްފައިވާ މައުލޫމާތުތަކަށް އިންކާރުކޮށް ރިޕޯޓުގެ ހުށަހެޅުންތަކާމެދު ސުވާލު އުފައްދަމުންދާ" ކަމަށެވެ.

އޭގެ ބަދަލުގައި ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކުރާ މަސައްކަތަށް ހުރަސްއެޅުމުގެ ބަދަލުގައި، އެމަސައްކަތަށް އެއްބާރުލުން ދިނުމަށް އެ ބަޔާނުގައި ގޮވާލާފައި ވެއެވެ.

"ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019 ގައި ފާހަގަކޮށްފައިވާ މައްސަލަތަކަކީ އިސްލާހުކުރަން ޖެހޭކަންކަން ކަމުގައި ބަލައިގަނެ އެކަންކަން އިސްލާހުކުރުމުގެ މަސައްކަތް މި މިނިސްޓްރީއިން ކުރަމުން ގެންދާކަމާއި އަދި ގުޅުންހުރި އެހެން ފަރާތްތަކުންވެސް އެމަގަށް އަމާޒުހިފުމަކީ މި މިނިސްޓްރީގެ އެދުމެއް،" ބަޔާނުގައި ބުނެފައި ވެއެވެ.

ހޯމް މިނިސްޓްރީން އިތުރަށް ބުނީ ޖަލުތައް އޮޑިޓް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމަކަށްވާއިރު، ޖަލުތައް ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެއްތުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމަށެވެ.

"މި ދެންނެވި ސިޔާސަތު ތަންފީޒުކުރުމަށްޓަކައި، ޖަލުތަކުގެ ހާލަތު ދެނެގަތުމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އެކުލަވާލެއްވި ކޮމިޝަނަކީ ފަންނީ ގޮތުން ޤާބިލު ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކޮމިޝަނެކެވެ. އަދި އެ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓަކީ ތަފާތު އެކި ގޮތްގޮތުން އެއްކުރެވިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގެ ޖަލުތަކުގެ ޙާލަތާއި، އެޙާލަތު އެގޮތުގައި އޮތް ސަބަބުތަކާއި އަދި އެކަންކަން އިސްލާހުކުރުމަށް އަޅަންވީ ފިޔަވަޅުތައްވެސް ހިމެނޭގޮތަށް އެކުލަވާލާފައިވާ ތަފްސީލީ ރިޕޯޓެކެވެ،" ހޯމް މިނިސްޓްރީން ބުންޏެވެ.

ޖަލުތަކުގެ އޮޑިޓް ރިޕޯޓުގައިވާ މައުލޫމާތުތައް ދޮގުކޮށް އެޗްއާރްސީއެމުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ރިޕޯޓު އެކުލަވާލުމަށް އެ ކޮމިޝަނުން އޮޑިޓް ކޮމިޓީ އަށް ދިން މައުލޫމާތަށް ރިއާޔަތްކޮށްފައި ނުވާ ކަމަށާއި، އެއީ "ހަގީގަތާއި ހިލާފު މައުލޫމާތު ހިމަނައިގެން ނެރެފައިވާ ޒިންމާދާރުކަން ކުޑަ ރިޕޯޓެއް" ކަމަށެވެ.

ރަނގަޅު ކުރަން ޖެހޭ ކަންކަމުގެ ގޮތުގައި އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ އެޗްއާރްސީއެމުން އެކި ފަހަރި މަތިން އެކި އިދާރާތަކަށް ހުށަހެޅި ކަންކަން ކަމުގައި ވެސް އެބަޔާނުގައިވެ އެވެ. އަދި އެ ހުށަހެޅުންތައް ތަންފީޒު ކުރުމަށް މިހާރުވެސް އެތައް މަސައްކަތެއް ކުރަމުންދާ ކަމަށް ބުނެފައި ވެއެވެ.

ޖަލުތަކުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެކި މުއައްސަސާތަކުން އިހުމާލުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެޗްއާރްސީއެމް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަދި އެހެނިހެން ތަންތަން ފާހަގަކޮށްފައި ވެއެވެ. އޭގެ އިތުރުން ބައިނަލްއަގްވާމީ މިންގަނޑު "މަންޑޭލާ ރޫލްސް" އަށް ފެތޭ އެންމެ ޖަލެއް ވެސް ރާއްޖޭގައި ނެތް ކަމަށް ބުނެފައި ވެއެވެ.

ޖަލުތައް އޮޑިޓް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލި ކޮމިޓީން ތިން މަސް ދުވަހަށް ކުރި މަސައްކަތުން ހުރިހާ ޖަލަކާއި، މީހުން ބަންދުކުރާ ތަންތަނަށް ގޮސް ހެދި ދިރާސާއަށްފަހު އިއްޔެ ނެރުނު ރިޕޯޓުގައި ބުނީ ޖަލުތަކުގެ ހާލަތ އޮތީ ދިވެހިން ލަދުގަންނަން ޖެހޭ ހިސާބުގައި ކަމަށެވެ.
ހިޔާލު

ވާނު

ދެން ފަސް ތަރީ ގެ ހޮޓާ ކިޔަން ވީ ނުން ޖަލު ނުކިޔާ..
އެތާ ފިލްމު ބާލަ ވަޖީފަ އަދާ ކޮށް 24 ގަޑި އިރު ފެން ލިބޭ ކާން ދޭ..މަނިކު ފާނު ދެން ލާން ވާ އިރަށް މާފުށި ޖަލު އެންޑް އައިލެންޑް އެން ސްޕާ ކިޔަ.