Siyaasee beynumah vakikohfai thibi Fenakaige 48 meehakah anburaa vazeefaa dheefi
image
ފެނަކައިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ އެމްޑީ.-- ފޮޓޯ: ވަން
0 ކޮމެންޓް
 

ސިޔާސީ ބޭނުމަށް ވަކިކޮށްފައި ތިބި ފެނަކައިގެ 48 މީހަކަށް އަނބުރާ ވަޒީފާ ދީފި

ކުރީގެ ސަރުކާރުން ސިޔާސީ ބޭނުންތަކަށް ފެނަކައިން ކަނޑާލި 94 މުވައްޒަފުންގެ ތެރެއިން، 48 މުވައްޒަފަކަށް އަލުން އަނބުރާ ވަޒީފާ ދީފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
ފެނަކައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު ސައީދު ވިދާޅުވީ، ސިޔާސީ ބޭނުމަށް ވަޒީފާ އިން ވަކިކުރި މުވައްޒަފުންގެ ތެރޭގައި އެ ކުންފުނީގައި ގިނަ ދުވަސްތަކަކު، އިހުލާސްތެރި ހިދުމަތްތަކެއް ކޮށްދީފައިވާ މީހުން ހިމެނޭ ކަމަށެވެ.

ވަޒީފާ އަނބުރާ ދިނީ އެ މީހުންގެ މައްސަލަތައް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ބެއްލެވުމުގެ ދަށުން ސްކްރީން ކުރައްވައިގެން ކަމަށް ސައީދު ވިދާޅުވި އެވެ. ކުރީގެ ސަރުކާރުން ސިޔާސީ ސަބަބުތަކާއި، ނުހައްގުން ވަޒީފާ އިން ވަކިކޮށްފައިވާ މީހުންނަށް އަނބުރާ ވަޒީފާ ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ފެނަކައިގެ ޑެޕިއުޓީ މެނެޖިިން ޑައިރެކްޓަރުން އަބުދުﷲ ވަހީދު ވިދާޅުވީ، ކުރީގެ ސަރުކާރުން ސިޔާސީ ބޭނުމަށް އެ ކުންފުނީގެ 94 މީހަކު ވަޒީފާ އިން ވަކިކުރި ކަމަށެވެ. ނަމަވެސް އޭގެ ތެރެއިން ބައެއް މީހުން މިހާރު އެހެން ވަޒީފާތަކުގައި އުޅޭތީ، އަނބުރާ ވަޒީފާ ދިނީ އެ ކުންފުންޏަށް އަނބުރާ އަންނަން ބޭނުންވެފައި ތިބި 48 މީހުންނަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެ ކުންފުންޏަށް އުސޫލުން ބޭރުން 137 މީހަކު ވައްދައި، އެ މީހުންގެ ވަޒީފާ އެއް މަސް ދުވަހުގެ ތެރޭގައި ދާއިމީ ކޮށްފައިވާ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ. ވަހީދު ވިދާޅުވީ އޭގެ ތެރެއިން ބައެއް މުވައްޒަފުންގެ ފަރާތުން ކުންފުންޏަށް އެދެވޭ އެއްބާރުލުން ވެސް ނުލިބޭ ކަމަށެވެ.

އެ ކުންފުނީގެ ހިންގުމަށް އާ މެނޭޖްމަންޓުން މިދިޔަ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހު ހަވާލުވީފަހުން މިހާތަނަށް ނުހައްގުން އެއްވެސް މީހަކު ވަޒީފާ އިން ވަކިކޮށްފައި ނުވާނެ ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ. އެކަމަކު އެ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން، ރީޖަނަލް އޮފީސްތައް އުވާލަން ބޯޑުން ނިންމުމުން އެ ތަންތަނުގައި ތިބި މުވައްޒަފުންގެ ވަޒީފާ ގެއްލުނު ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ވަހީދު ވިދާޅުވީ ރީޖަނަލް އޮފީސްތައް އުވާލަން ނިންމީ، ކުންފުނީގެ ހެޑް އޮފީހާ ރަށްރަށުގެ އޮފީސްތަކާ ގުޅިގެން މަސައްކަތް ކުރުމުން، މަސައްކަތްތައް ހަލުވިވާނެ ކަމަށެވެ. އެގޮތުން އެ ކުންފުނީގެ އަމާޒަކީ ކަރަންޓް މައްސަލައެއް ދިމާވެއްޖެ ނަމަ އެންމެ ގިނައިރު ވެގެން ބައިގަޑިއިރު ތެރޭގައި އެކަމަށް އެޓެންޑް ވުން ކަމަށް އެ ކުންފުނީގެ އެމްޑީ ސައީދު ވިދާޅުވި އެވެ.
ހިޔާލު