Night club thakuge andhiri kamun Islam dheenuge alikamah!
image
1 ކޮމެންޓް
 

ނައިޓު ކުލަބުތަކުގެ އަނދިރިކަމުން އިސްލާމްދީނުގެ އަލިކަމަށް!

ނިކޯލް ކުއީން އަކީ އެމެރިކާގެ ލުއިޒިއާނާގައި އުޅެ ބޮޑުވި މީހެކެވެ. ނިކޯލް ކުޑައިރު އޭނާގެ އާއިލާއާއެކު ނަސާރާއިން ބެޕްޓިސްޓް ފައްޅިއަށް ގޮސް ހެދި އެވެ. އެގޮތަށް ގޮސް އުޅުމުގެ ތެރޭގައި އޭނާ ދީނަށް ގަޔާވި އެވެ.
ފަހުން ނިކޯލްވީ ޓެކްސަސްގެ ނައިޓްކްލަބުތަކުގައި އޮންނަ އިވެންޓުތައް ފޮޓޯ ނަގާ މީހަކަށެވެ. އެއީ ޕަޕަރާޒީންނޭ ކިޔާ މީހުންނާ އެއްވައްތަރެއްގެ ވަޒީފާއެކެވެ. ގިނައިން ޖެހެނީ މަޝްހޫރު މީހުންގެ ފޮޓޯ ނަގާށެވެ.

އެހެންވެ ނިކޯލަށް އަބަދުވެސް ޖެހެނީ އެކި ނައިޓް ކްލަބުތަކުގައި އުޅޭށެވެ. އެއް ޕާޓީން އަނެއް ޕާޓީއަށް ގޮސް، ދުވާލު ގިނަ ވަގުތު ނިދާ، ރޭގަނޑުގެ ވަގުތު ހޭލަ އެވެ. އެއީ ހަމަޖެހޭ ދިރިއުޅުމެއް ނޫންކަން ނިކޯލަށް އޭރުވެސް އިނގެ އެވެ.

އެގޮޓަށް އުޅެމުން ދިޔައިރު، ނިކޯލަށް ދިޔެއީ އެކަނިވެރިކަން އިހުސާސްވަމުންނެވެ. ކިތައްމެ ގިނަ ބަޔަކާ ދިމާވިޔަސް، އެމީހުންގެ ރަނގަޅު ނިޔަތެއް ނޯންކަން ނިކޯލަށް ވިސްނެއެވެ.

އެގޮތަށް ފޮޓޯގްރާފަރެއްގެ ގޮތުގައި އުޅެމުންދިޔައިރު، ނިކޯލް އަބަދުވެސް ދިޔެއީ އޭނާ ހެއްދެވި ފަރާތް މަތިން ހަނދުމަ ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. އެކަމަކު ނިކޯލްގެ ސިކުނޑިއަށް ހަމަޖެހުމެއް ދުވަހަކުވެސް ނާދެ އެވެ.

އޭރުވެސް ނިކޯލުގެ ބައެއް މުސްލިމް ރައްޓެހިން ތިބެ އެވެ، އެކަމަކު އެމީހުންނަކީ ދީނީ ކަންކަމަށް މާ ސަމާލުކަން ދޭ ބައެއް ނޫނެވެ. ނިކޯލަށް ބޮޑަށް އިސްލާމްދީން އެނގެން ފެށީ ރާބުއިމަށް ދެކޮޅު ހަދާ މުސްލިމް ރައްޓެހިންގެ ސަބަބުންނެވެ.

އެއް ރޭ ނައިޓު ކުލަބެއްގައި ފޮޓޯ ނެގުމަށްފަހު މުސްލިމް ރައްޓެހިންތަކަކާ ދިމާވިއިރު، ނިކޯލްގެ މިހާރުގެ ފިރިމީހާ ހަސަންއާ ދިމާވި އެވެ. ހަސަންވެސް އޭރު ދިޔެއީ ނިކޯލް ފަދައިން ސިކުނޑިއަށް ހަމަޖެހުން ހޯދަން މަސައްކަތް ކުރަމުންނެވެ.

ދެމީހުން އެކުގައި ދީނުގެ ވާހަކަ ދައްކަން ފެށި އެވެ. އެ ވާހަކަތަކުގެ ތެރެއިން ނިކޯލް ނިންމީ އިސްލާމްދީނު އުނގަންނައިދޭ ކްލާހަކަށް ދާށެވެ. އެއާއެކު ނިކޯލަށް ފެންނަން ފެށީ އޭނާ މުޅި ހަޔާތުގައި ނުލިބިގެން އުޅުނު ކަންތަކެވެ.

އޭނާއާ ދިމާވި މުސްލިމުން އުޅެމުން ދިޔެއީ ހިތްހަމަޖެހިގެންނެވެ. ރަނގަޅު އަހުލާގާއި، ރިވެތި އުސޫލުގައި ހިފަހައްޓައިގެން، އެހެން މީހުންނާ މެދު ވިސްނަމުންނެވެ.

އިސްލާމްދީން ބޮޑަށް ދަސްކުރަން ފެށުމުން، ނިކޯލަށް އެފިކުރުތަކުން ދުރަކަށް ނުދެވުނެވެ. ނައިޓު ކުލަބުގައި ރާބޮއެ މަޖާ ކުރަން އުޅޭ މީހުންނާއި، އިސްލާމްދީނަށް އުޅޭ މީހުންނާ ހުރި ތަފާތާ މެދު އަބަދު ވިސްނެން ފެށީ އެވެ.

ޔޫޓިއުބާއި އެހެން ގޮތް ގޮތުން ވެސް އިސްލާމްދީނުގެ ކަންކަން ދަސްކުރަން ރޭގަނޑު ހޭލާ އިންނަން ނިކޯލް ފެށި އެވެ. އެއާއެކު ނިކޯލަށް ހޭވެރިކަން އައި ކަހަލަ އެވެ.

އެހިސާބުން އިސްލާމްވުމުގެ މަސައްކަތް ފެށި އެވެ. އެކަންވީ ނިކޯލަށް ވަރަށް އުނދަގީ ދަތުރަކަށެވެ. އެކަމަކުވެސް އިސްލާމްދީނުގައިވާ ހުރިހާ ކަމެއް މަޑުމަޑުން ދަސްކުރި އެވެ.

އެ ދިގު ދަތުރަށްފަހު އޭޕްރިލް 2007 ގައި ނިކޯލް ޝަހާދަތް ކިޔައި އިސްލާމްވި އެވެ. ނިކޯލް ގަބޫލު ކުރާ ގޮތުގައި އޭގެ ފަހުން އޭނާގެ މުޅި ހަޔާތް ބަދަލުވެއްޖެ އެވެ. އުމުރު ދުވަހު ހޯދަމުން ދިޔަ ހިތްހަމަޖެހުން ސިކުނޑިއަށް ލިބިއްޖެ އެވެ.
ހިޔާލު

އިބްރާހމް

ނިކޯލަށް މާތްﷲ ހިދާޔަތްދެއްވިކަމަށްޓަކައި ﷲއަށް ޙަމްދުކުރަން.