Vaahaka: Lift
image
ވާހަކަ: ލިފުޓު--
ފަތުހުﷲ އަހުމަދު
3 ކޮމެންޓް
 

ވާހަކަ: ލިފުޓު

ފުރަތަމަ ބައި
ފިކުރުތަކުން ސިކުނޑިވަނީ ބަރުހެލިވެފައެވެ. ނުވިސްނަން ހުއްޓަސް ވިސްނެނީއެވެ. އެކަމާ ޚިޔާލު ކުރެވެނީއެވެ. މަންމަ އެދެއްކީ ވެސް ތެދުވާހަކައެވެ. ބަދަލުވާން ޖެހޭނީ ހަގީގަތުގައި ވެސް އަހަންނެވެ. ވިސްނުމުގެ މިސްރާބު ބަދަލުކުރާން ވެސް ޖެހޭނީ އަހަންނަށެވެ. އެއީ ވެސް ތެދެކެވެ. އެކަން ވެސް ގަބޫލުކުރަމެވެ. ނުވިސްނިގެން މި އުޅެނީ އެހެން ކަމެކެވެ. ސިކުނޑިއަށް ތިލަ ނުވެގެން މިއުޅެނީ އެކަމެވެ. ފަށަންވީ ހިސާބެކެވެ. ފުރަތަމަ ކުރާންވީ ކަމެކެވެ. ދެން ކުރާންވީ ކަމެކެވެ. ހުރިހާ ކަމެއް ނިމޭ އިރު މަސްރަހަށް އަންނާނެ ބަދަލެވެ. އަހަންނަށް ވާނެ ގޮތެވެ.

ދެ ފިކުރެއްގެ ތެރޭގައި ހުރެ ހިނގައިގަތީމެވެ. މަންމަގެ އެޕާޓުމަންޓުން ބޭރަށް ނުކުންނާށެވެ.
"ދަރިފުޅާ ޔަސްމާ. މަންމަ މި ދެއްކި ވާހަކަތަކަށް ވިސްނާތި. އަމިއްލަ ދިރިއުޅުން އިސްލާހް ކުރަން ފަށަންވީ އަމިއްލަ ނަފުސާ ހަމައިން" އޯގާތެރިކަމާ އެކު މަންމަ އަހަރެންގެ ބޮލުގައި ފިރުމައިލިއެވެ. "ޝަރީފުގެ ހުރިހާ ވަގުތެއް، ހުރިހާ މަސައްކަތެއް ގުރުބާން އެ ކުރަނީ ދަރިފުޅުމެންގެ ދިރިއުޅުން ބާއްޖަވެރި ކުރުމަށް. ދަރިފުޅަށް އެޔަށްވުރެ ރަނގަޅު ފިރިއެއް ނުލިބޭނެ"
"މަންމާ؟" އަހަންނަށް އަތް ޖައްސައިލެވުނީ ބަނޑުގައެވެ.
"މި ކަމާ ދެން ނުވިސްނާ. މި ކުއްޖާ ދުނިޔެއަށް އަޔަދީ. ގޯހެއް ފޮރުވަން އިތުރު ގޯހެއް ހެދުމެއް ނެތް" މަންމަ އަހަރެންގެ އަތުގައި ހިފައިލިއެވެ. "މި ވެސް އިބުރަތެއް. މި ވެސް ފިލާވަޅެއް. ހަމައަކަށް އެޅުނީމަ ޝަރީފަށް ވެސް ކިޔައިދޭނީ"
މަންމަ އަހަރެންގެ އަތަށް ކޮތަޅެއް ދިއްކޮށްލިއެވެ.

"މި؟" ސުވާލުގެ ނަޒަރުން އަހަރެން މަންމަގެ މޫނަށް ބަލައިލީމެވެ.
"މީގައި ހުންނާނެ ދަރިފުޅަށް މި ދަނޑިވަޅު ބޭނުން ކުރެވިދާނެ ސާމާނުތަކެއް. ގެއަށް ގޮސް ބަލައިލާ" މަންމަ ހިނިތުންވެލިއެވެ. "އެކަނި ދާން ކެރޭނެތަ؟ ދޮންބެ ސައިކަލުގައި ދާންވީނު"
"ކާރެއްގަ ދާނީ. ދޮންބެ އެއިނީ ޤުރުއާން ކިޔަވާށެއްނު" އަހަރެން ވެސް ގަދަކަމުން ނަމަވެސް ހިނިތުންވެލީމެވެ.

މަންމަގެ އެޕާޓުމަންޓުން ބޭރަށް ނުކުންނަމުން މަންމައަށް ބަލައިލީމެވެ. ހިތްވަރުގަދަ ކުރާށޭ ބުނާފަދަ ގޮތަކަށް މަންމަ އަހަންނާ ދިމާއަށް ބަލައިލިއެވެ. މޫނާއި ދެ ލޮލުން އެތައް ވާހަކައެއް މަންމަ ފަހުމުކޮށްދިނެވެ. ހިތްވަރުދިނެވެ. ކެތްތެރިވުމަށް އެދުނެވެ. ކަންކަމާ ކުރިމަތި ލުމަށް ނަސޭހަތްދިނެވެ. ބަދަލުގައި އަހަރެން ދެ ތުންފަތަށް ބާރުކޮށްލަމުން ހިނިތުންވެލީމެވެ. ހިކިފައިވި އަހަރެންގެ ދެ ތުންފަތަށް ބާރުވިއެވެ. ކޮލުގެ މަސްތަކަށް ވާންވިއެވެ. ކޯތާފަތުގައި ހިކިފައިވާ ކަރުނަތަކުގެ އަސަރުންނެވެ.

ބަރު ފިޔަވަޅުތަކެއްގެ އެޅެމުން ދިޔައީ ސިކުނޑީގެ ބަރުކަމާ އެއްވަރަށެވެ. އަތުގައި އޮތް ކޮތަޅަށް ބަލައިލެވުނެވެ. ސުވާލުތަކެއް އުފެދެމުން ދިޔައެވެ. މަންމަގެ ޖުމުލަތައް ހަނދާނުގައި ތަކުރާރުވިއެވެ. ގެއަށް ގޮސް ނޫނީ ކޮތަޅު ނުބަލަން ނިންމީމެވެ.

މަންމަ އުޅެމުން ދިޔައީ ތަނަވަސް ފުރިހަމަ އެޕާޓުމަންޓެއްގައެވެ. އެއީ ހަތް ފަންގިފިލާގެ އިމާރާތެކެވެ. މަންމަ އުޅުނީ ހަވަނަ ފަންގިފިލާގައެވެ. އެ އިމާރާތަކީ ވަރަށް ފަހުން ހަދާފައިވާ އިމާރާތެކެވެ. އިމާރާތުގެ އެތެރޭގައި ވަނީ މަޑުމަޑު ފެހިކުލައެކެވެ. ކޮންމެ ފަންގިފިލާއެއްގައި ފަސް އެޕާޓުމަންޓު ހުރެއެވެ. ކޮންމެ އެޕާޓުމަންޓެއްގައި ތިން ކޮޓަރި ހުންނާނެ ކަމަށް ލަފާކުރެވުނީ މަންމަގެ އެޕާޓުމަންޓުގައި އެގޮތަށް ހުރުމުންނެވެ. އެޕާޓުމަންޓްތަކުގެ މެދުގައިވާ ސަރައްކާލީގެ އެއްކޮޅުގައިވަނީ ލިފުޓެވެ. ލިފުޓުގެ ކަނާއަތް ފަރާތުގައިވަނީ ސިޑިއެވެ.

އަހަރެން ދިޔައީ ލިފުޓާ ދިމާއަށެވެ. މުޅި ސަރައްކާލީގައިވަނީ ހިމޭންކަމެވެ. ފަޅުކަމެވެ. މުޅިތަނުގައި ރަސްކަން ކުރަމުން ދިޔައީ ފަނޑު އަލިކަމެވެ. އަހަންނަށް ބަލައިލެވުނީ އަތުގައިވާ ގަޑިއަށެވެ. ގަޑިން ދަންވަރު ބާރަ ޖަހަނީއެވެ. މަންމައާ ވާހަކަދައްކަން ލައްކަ އިރު އިނދެވިއްޖެއޭ ހިތަށް އެރިއެވެ. އަހަރެން މިއީ ތަރާވީސް ނިންމިގޮތަށް މަންމަގެ އެޕާޓުމަންޓަށް ދިޔަ މީހެކެވެ.

މަޑުމަޑުން ލިފުޓާ ދިމާއަށް ދިޔައީމެވެ. ފަހަތުން އަޑެއް އިވުނުހެން ހީވުމުން އެނބުރިލީމެވެ. މަންމަގެ އެޕާޓުމަންޓާ ދިމާއަށެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ކުރިއަށް ބަލައިލީމެވެ. އެއްވެސް މީހަކު ނެތެވެ. ކުށް ހީއެއްކަމަށް ސިކުނޑި ބުނެލިއެވެ. އޭރު އަހަންނަށް ހުރެވުނީ ސަރައްކާލީގެ މެދުގައެވެ. އެއީ ގާތްގަނޑަކަށް ވިއްސަކަށް ފޫޓުގެ ދިގު ސަރައްކާއްޔެކެވެ.

ހިތަށް ޖަމާވަމުން ދިޔައީ ބިރުވެރިކަމެވެ. ހިތް ބަރުހެލިވަމުން ދިޔައީ ބަރު ވިންދު ތަކަކުންނެވެ. ކުރިއަށް ވުރެ ފިޔަވަޅުތައް ވެސް ބަރުވަމުން ދިޔަ ކަހަލައެވެ. ދެތިން ފިޔަވަޅު ކުރިއަށް އެޅުނެވެ. އަނެއްކާ ވެސް ފިޔަވަޅުތައް ހުއްޓުނެވެ. މަޖުބޫރުވީއެވެ. ފަހަތުން އަޑެއް އިވުނީއެވެ. މި ފަހަރު އިވުނީ ބަރު އަޑެކެވެ. ވަރަށް ބަރު އަޑެކެވެ. ޑަންކިޔައިފައި އެއްޗެއް ވެއްޓުނު އަޑެވެ. ހީވީ ސަރައްކާލީގެ މައްޗަށް އެއްޗެއް ވެއްޓުނު ހެންނެވެ. މުޅި ސަރައްކާލީގެ ތެރެއަށް އެކަމުގެ ގުޑުން އިހުސާސްވިއެވެ.

ބޭއިޚްތިޔާރުގައި އަހަންނަށް ފަހަތް ބަލައިލެވުނެވެ. އެއްވެސް އާދަޔާ ޚިލާފުކަމެއް ނެތެވެ. އެއްވެސް އިތުރު މީހަކު ނެތެވެ. އެއްޗެއް ވެސް މުށިގަނޑުމަތީގައި ނެތެވެ. މުށިތަކަށް ވެސް ގޮތެއް ނުވެއެވެ. ކޮންމެ އެޕާޓުމަންޓެއްގެ ދޮރުފަތާ ދިމާއަށް ވަކިވަކިން ބަލައިލެވުނެވެ. އެޕާޓުމަންޓުތަކުގެ ދޮރުފަތުގައިވާ ނަންބަރުތައް ކިޔައިލެވުނެވެ. އަހަންނަށް ބަލައިލެވުނީ މަންމަގެ އެޕާޓުމަންޓަށެވެ. ދޮރުފަތުގައިވާ ތިރީސް ނުވަވަނަ ނަންބަރު ހިތުން ކިޔައިލެވުނެވެ. އެއީ އަހަންނަށް ޚާއްޞަ ނަންބަރެއް ވީމައެވެ. އަހަންނާއި ޝަރީފުގެ ކާވެންޏަށް ތިރީސް ނުވަ ދުވަސްފުރި މިރޭ ސާޅީސްވަނަ ދުވަހަކަށް ގުނަން ފެށުނީއެވެ.

ދެފަރާތަށް ބޯހޫރައިލެވުނެވެ. ހިތުގައި ފުނިޖެހެމުން ދިޔަ ސުވާލުތަކަށް ޖަވާބެއް ނުލިބުމުންނެވެ. މިހާރު ވެސް މާ ލަސްވެއްޖެ ކަމަށް ހިތް ބުނެލިއެވެ. މި ދަންވަރު ކާރެއް ހޯދުމަކީ ވެސް ފަސޭހަކަމަކަށް ނުވާނެއޭ ހިތަށް އެރިއެވެ. އަވަސްއަވަސް ކޮށްލައިގެން ލިފުޓާ ދިމާއަށް ދިޔުމަށް އަޒުމު ކަނޑައެޅީމެވެ. ކިތައްމެ އަޑެއް އިވުނަސް ކިތައްމެ ކަމެއް ހިނގިޔަސް އެނބުރި ނުބެލުމަށް ނިންމީމެވެ.
އަހަންނަށް ކުރިއަށް އެޅުނީ ދެ ތިން ފިޔަވަޅެވެ. ހުއްޓެން މަޖުބޫރުވީއެވެ. މޫނުމައްޗަށް އެޅުނު ހޫނު ނޭވާއެއްގެ ސަބަބުންނެވެ. އަހަންނަށް ލޯ މަރައިލެވުނެވެ. އެތެރެއަށް ނޭވާ ހިފަހައްޓައިލެވުނެވެ. ނޭފަތުގެ ތެރެއަށް ވަދެގެން ދިޔައީ މީރު ސެންޓެއްގެ ވަހެވެ. އެޓަރނިޓީ ތާޒާވަހެވެ. އެ ހިތްގައިމު ވަހާއެކު ހަރަކާތްތައް ގަނޑުވީއެވެ.

އެ ސެންޓުގެ ނަން އަހަންނަށް ހިތާއިހިތުން ދެ ފަހަރަކު ކިޔައިލެވުނެވެ. އެއާއެކު ހަނދާނުގެ ތަސްވީރުތައް އުދުހިގަތެވެ. ޝާމިންގެ ހަނދާންތަކެވެ. އޭނާއާއެކު ހޭދަކުރެވުނު އުފާވެރި ދުވަސްތަކެވެ. ޝާމީންގެ ސައިކަލުގެ ފަހަތުގައި އިނދެ ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުއްވުނު ދުއްވުން ތަކެވެ. ދާލަންމަތީގައި ހޭދަކުރެވުނު އުފާވެރި ހަވީރުގެ ވަގުތެވެ. ދާލަން ހުޅުވުނު ދުވަހު ދާލަމުގެ އެއްކޮޅުން އަނެއްކޮޅަށް ދެމީހުން އަތުގައި ހިފައިގެން ހިނގައިލެވުނު ހިނގައިލުމެވެ. އެ އުފާވެރި މަންޒަރުތަކެވެ.

ޝާމިންއާއެކު ހުޅުމާލޭގައި އޭނާގެ ކޮޓަރީގައި ހޭދަކުރެވުނު ވަގުތުތަކުގެ މަންޒަރުތަކުން ސިކުނޑި ފުރެމުން ދިޔައެވެ. ޝާމިންގެ ތަނަވަސް މޭމަތީގައި ބޯ އަޅައިލައިގެން އޮވެ ދެކެވުނު ވާހަކަތަކެވެ. އެ ފިރުމުންތަކާއި އެ އިހުސާސްތަކެވެ. ތަޖުރިބާތަކެވެ. ދެވަނަ ސިކުންތުގައި އެ ހަނދާންތަކުގެ މައްޗަށް ވެރިވަމުން ދިޔައީ ލޭގެ ކޯރުތަކެވެ. ސިކުނޑިއަށް ތިލަވަމުން ދިޔައީ ލެއިން ކަޅިވެފައިވާ ޝާމިންގެ މޫނެވެ. ފަޅަފަޅައިގެން ގޮސްފައިވާ ޝާމިނުގެ ކޯތާފަތެވެ. ހަންގަނޑު ފަޅައިގެން ގޮސް ނުކުމެފައިވާ އޭނާގެ ދެ އަތުގެ ކަށިތަކެވެ. ބިނދިފައިވާ އޭނާގެ ދެ ފަޔެވެ. އެއީ އެ ދުވަހެވެ. އަހަރެން ބަލައި މާލެ އައުމަށް ޝާމިން ދާލަންމަތިން ބާރު ސުޕީޑުގައި ދުއްވާފައި އަންނަނިކޮށް އެކްސިޑެންޓުވި ދުވަހެވެ. އެއީ އަހަރުމެންގެ ކާވެނީގެ ރަން ކިޔަން ނިންމައިގެން އެކަމާ އުޅުނު ވަގުތެވެ.

-ނުނިމޭ--
ހިޔާލު

އަސްލޭ

ވަރަށް ސަޅި. ރީތި ސިފަކުތުން އެބަހުރި... ޗާލު ކުރު ޖުމުލަތައް އެބަހުރި.

ސަރައްކާލި

އަގީމު ސަރައްކާލި.... ހައްހައް... ހަމަ ސަޅި ވަރަށް ސަޅި

އަލީ

އޮބޮނެސް ޓު ދަ މެކްސް