Palestine ge kudhinnah hadhiyaa kuri 2 classroom Israelun vikkaalanee
image
ފަލަސްތީނުގެ ކުދިންތަކެއް ކިޔަވަނީ. ޔޫރަޕުން ކްލާސްރޫމް ހަދިޔާ ކުރީ 49 ދަރިވަރުން ބޭނުން ކުރުމަށް -- ފޮޓޯ: ދަ ގާޑިއަން
2 ކޮމެންޓް
 

ޔޫރަޕުން ފަލަސްތީނުގެ ކުދިންނަށް ހަދިޔާކުރި ދެ ކްލާސްރޫމު އިޒްރޭލުން ނީލަމުގައި ވިއްކާލަނީ

ޔޫރަޕްގެ އިއްތިހާދު (އީޔޫ) އިން ފަލަސްތީނުގެ ކުދިންނަށް ހަދިޔާކުރި ދެ "ޕްރީފެބްރިކޭޓެޑް" ކްލާސްރޫމް ނީލަމުގައި ވިއްކާލަން އިޒްރޭލުގެ ޑިފެންސް މިނިސްޓްރީން ނިންމައިފި އެވެ.
ފަލަސްތީނުގެ ބިންތަކަށް ވެރިވެ ގަތުމަށް އިޒްރޭލުން އުފައްދާފައިވާ އިދާރާ "ސިވިލް އެޑްމިނިސްޓްރޭޝަނުން" އެ ކްލާސްރޫމުތައް އަތުލައިގަތީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

އެ ދެ ކްލާސްރޫމް ހަދިޔާ ކުރީ އިޒްރޭލުން ވެރިވެގަނެފައިވާ ހުޅަނގު އައްސޭރީގެ އިބްޒިގް ގައި ގްރޭޑް އެކަކުން ހަޔަކަށް ކިޔަވާ އުމުރުގެ 49 ކުއްޖަކަށެވެ.

އިޒްރޭލުގެ ނޫސް މާރިވްގައި ޖަހާފައި އިޝްތިހާރެއްގައި ބުނެފައި ވަނީ އެ ދެ ކްލާސްރޫމު ނީލަން ކިޔުން އިންނާނީ ސިވިލް އެޑްމިނިސްޓްރޭޝަނުގެ އޮފީހުގައި ކަމަށެވެ.

އެ ކްލާސްރޫމުތައް އަތުލައިގަތުމުން ގުދުސް އާއި ރާމަﷲ އަށް ކަނޑައަޅާފައި ހުންނަ އީޔޫގެ މިޝަނުން އެކަން ކުށްވެރި ކުރި އެވެ. އަދި އެ ކްލާސްރޫމުތައް ކުރިން ހުރި ތަނުގައި އަލުން ބެހެއްޓުމަށް ވެސް އިޒްރޭލަށް ގޮވާލި އެވެ.

ހުޅަނގު އައްސޭރީގެ ބައެއް ހިސާބުތަކުގައި ފަލަސްތީނުގެ މީހުންނަށް ކޮންމެވެސް ވަރެއްގެ މިނިވަންކަން ލިބެ އެވެ. އެކަމަކު ގިނަ ސަރަހައްދުތަކުގައި މީހުން އުޅެނީ އިޒްރޭލުން ހުއްދަ ނުހޯދާ ކަމަށް ބުނެ، އެގައުމުން އަބަދުވެސް ދަނީ މީހުންގެ ގެތައް ސުންނާފަތި ކުރަމުންނެވެ.

ފަލަސްތީނުގެ އަތުން ވެރިވަގަތް ބިމުގައި ދިރިއުޅެން އިޒްރޭލުގެ 400،000 އަށް ވުރެ ގިނަ މީހުން ވަނީ ހުޅަނގު އައްސޭރިއަށް ބަދަލުވެފަ އެވެ.
ހިޔާލު

ޚާޗުސް

ކޮބާ އިންސާނީ ހައްގުތަކާ ބެހޭ ބޮޑު ޖަމުއްޔާ ؟ ކޮބާ ޔޫެެން ؟ ކޮބާ ސޭވްދަ ޗިލްޑްރަން ؟ ކޮބާ ސޭކު ގެގައުމުތައް؟ ކޮބާ އިސްލާމީ އުޚުއްވަތްތެރި ގައުމުތައް

ބޯގޯސް

ޖަނަވާރު ބައެއް.