Modi ge dhathurugai radar thah rasmeekoh ifthithaahu kuranee
image
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ--
0 ކޮމެންޓް
 

މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރާޑަރުތައް ރަސްމީކޮށް އިފްތިތާހުކުރަނީ

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރާއްޖޭގައި ޤާއިމުކޮށްފައިހުރި އިންޑިއާގެ ރާޑަރުތައް ރަސްމީކޮށް އިފްތްތިތާހު ކުރާނެ އެވެ.
ސީއެންއެމް އަށް ޔަގީންވެފައިވާ ގޮތުގައި މިމަހުގެ 7 އިން 8 އަށް މޯދީ ރާއްޖެ އަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެ ރާޑަރުތައް އިފްތިތާހު ކުރާނެ އެވެ. އެކަމަކު އެއާ ބެހޭ ތަފްސީލެއް ނުލިބެ އެވެ.

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރާއްޖޭގައި ވަނީ ޖުމްލަ 10 ރާޑަރު ހަރުކޮށްފައެވެ. ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ކުރިން ވިދާޅުވެފައިވަނީ އެ ރާޑަރުތަކަކީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ. އެގޮތުން އިންޑިއާ ކަނޑު ބޭނުންކޮށްގެން ވަގަށް މަސްތުވާތަކެތި އެތެރެކުރުމާއި ތަފާތު އެކި ކުށްތައް ކުރުން ހުއްޓުވުމަށް ރާޑަރުތައް އެހީތެރިވެދޭނެ ޝަމާލް ވިދާޅުވި އެވެ.

ރާއްޖޭގައި ރާޑަރު ބެހެއްޓުން ހިމެނޭ ގޮތުން ޑިފެންސް މަޝްވަރާތައް އިންޑިއާއާއެކު ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ. އެ މަޝްވަރާތަކަކީ އޭރު ދެ ގައުމުން ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ކުރިއަށް ގެންދިޔަ މަޝްވަރާތަކެކެވެ.

އިންޑިއާއިން އަންނަނީ މި ސަރަހައްދުގެ އެހެން ބައެއް ޤައުމުތަކުގައިވެސް މި ރާޑަރު ސިސްޓަމްތައް ބެހެއްޓުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އިންޑޮނޭޝިޔާ، މިޔަންމާ އަދި ބަންގްލަދޭޝްއާއެކު ވެސް އިންޑިއާއިން އަންނަނީ މަޝްވަރާކުރަމުންނެވެ.

ރާއްޖޭގެ ކަނޑު ސަރަހައްދަކީ ބޮޑު ސަރަހައްދަކަށްވާއިރު، މަސްތުވާތަކެތި ވަގަށް އެތެރެ ކުރުމާއި، އެހެން މަނާ ކަންކަން ރާއްޖޭގެ ސަރަހައްދުގައި ކުރުން މި ރާޑަރުތަކުގެ ސަބަބުން މަދުވާނެ އެވެ.
ހިޔާލު