Eemaankamuge fonimeerukan libunvanee Ramadan mahahfahu alhukamugai dhemihurumun
image
ކަޢުބާ، މަސްޖިދުލްޙަރާމް
0 ކޮމެންޓް
 

އީމާންކަމުގެ ފޮނިމީރުކަން ލިބުންވަނީ ރަމަޟާން މަހަށްފަހު އަޅުކަމުގައި ދެމިހުރުމުން

ކިޔަމަންތެރިން ކޮށްފައިވާ އަޅުކަންތަކުގެ ނަތީޖާއިން ކޮންމެވެސް މިންވަރެއް، މިދުނިޔެގޭގައި ދެއްކެވުމަކީ ސުވަރުގޭގައި ﷲ ތަޢާލާ އެބައިމީހުންނަށް ދެއްވުމަށް ވަޢުދުވެވޮޑިގެންވާ ޘަވާބު ލިބޭނެކަން އެބައިމީހުންނަށް ކަށަވަރުވެގެންދާ ކަމެކެވެ. ރޯދަމަހުގައި މިފަދަ ނިޢުމަތްތަކެއްގެ ރަހަ މުސްލިމުންނަށްވަނީ ކޮންމެވެސް ވަރަކަށް ލިބިފައެވެ.
ފުރިހަމަ ނިއުމަތަކީ ޢިލްމާއި ޢަމަލުން އިސްލާމްދީނުގައި ހިފެހެއްޓުމެވެ. ފަހެ، އެކަމުގެ އަހުލުވެރިންވަނީ ދުނިޔެއާއި، ބަރުޒަޚާއި އާޚިރަތުގައިވެސް ދާއިމީ ނިޢުމަތުގައެވެ.

ﷲ ތަޢާލާ ވަހީކުރައްވައެވެ. ﴿إِنَّ الْأَبْرَارَ لَفِي نَعِيمٍ﴾ [الانفطار: 13]، [المطففين: 22] މާނައީ: “ހަމަކަށަވަރުން ހެޔޮލަފާ ކިޔަމަންތެރިންވަނީ ނިޢުމަތުގައެވެ.”

ފަހެ، ދުނިޔޭގައި ﷲ ތަޢާލާވަނީ އެބައިމީހުންގެ މޭތައް އިސްލާމްދީނަށް ތަނަވަސްކޮށްދެއްވާފައެވެ. އަދި އެއިލާހުވަނީ އެބައިމީހުންނަށް ނޫރެއް ލައްވާފައެވެ.

ﷲ ތަޢާލާ ވަހީކުރެއްވިއެވެ. ﴿أَوَمَنْ كَانَ مَيْتًا فَأَحْيَيْنَاهُ وَجَعَلْنَا لَهُ نُورًا يَمْشِي بِهِ فِي النَّاسِ كَمَنْ مَثَلُهُ فِي الظُّلُمَاتِ لَيْسَ بِخَارِجٍ مِنْهَا﴾ [الأنعام: 122] މާނައީ: “(ކާފިރުކަމުން) މަރުވެފައިވަނިކޮށް (ތެދުމަގު ދެއްކެވުމުން) ތިމަންއިލާހު އެމީހަކު ދިރުއްވައި، މީސްތަކުންގެ ތެރޭގައި އެނޫރެއްގެ އަލީގައި ހިނގާނޭ ނޫރެއްލެއްވި މީހަކާއި، އަނދިރީގެ ތެރޭގައި ނުނިކުމެހުންނަ މީހަކާ އެއްފަދަވާނޭ ހެއްޔެވެ؟”

އަދި ދެދުނިޔޭގައިވެސް އެބައިމީހުންނަށްޓަކައި ރަޙްމަތް ލިޔުއްވާފައިވެއެވެ. ފަހެ، އެއިލާހު ވަޙީކުރެއްވިއެވެ. ﴿أُولَئِكَ سَيَرْحَمُهُمُ اللَّهُ﴾ [التوبة: 71] މާނައީ: “އެބައިމީހުންނަށް ﷲ ރަޙްމަތްލައްވާ ހުށްޓެވެ.” އަދި އާޚިރަތަށްޓަކައި ތައްޔާރުކުރެވިގެންވާ ކަންކަން މާ ހެޔޮވެފައި މަތިވެރިއެވެ.

އެއިލާހު ވަޙީކުރެއްވިއެވެ. ﴿لِلَّذِينَ أَحْسَنُوا فِي هَذِهِ الدُّنْيَا حَسَنَةٌ وَلَدَارُ الْآخِرَةِ خَيْرٌ وَلَنِعْمَ دَارُ الْمُتَّقِينَ﴾ [النحل: 30] މާނައީ: “މި ދުނިޔޭގައި ހެޔޮކޮށް ކަންތައްކުޅަ މީހުންނަށް ހެޔޮ ދަރުމަ ހުށްޓެވެ. އަދި އާޚިރަތުގެ ގޮވަތި، ހެޔޮކަން ބޮޑުކަން ކަށަވަރެވެ. އަދި ތަޤުވާވެރިންގެ ގޮވަތީގެ މޮޅުކަމާއެވެ!”

ﷲ ތަޢާލާ، ދުނިޔޭގައި އެއިލާހުގެ އަޅުތަކުންނަށް ދެއްވާފައިވާ އެންމެ ބޮޑެތި ނިޢުމަތްތަކުގެ ތެރޭގައި: ދީނަށް އެބައިމީހުންގެ ހިތުގައި ލޯބިޖެއްސެވުމާއި، އެބައިމީހުންގެ ހިތްތަކުގައި އެކަން ޒީނަތްތެރިކޮށްދެއްވުމާއި، އެއިލާހަށް ކިޔަމަންތެރިކަން އަދާކުރުމުގެ ފޮނިކަން އެބައިމީހުންނަށް ދެއްވުމާއި، ދީނުގެ ޢަޤީދާއިން އެބައިމީހުންގެ އެތެރެފުށް ޒީނަތްތެރިވުމާއި އެއިލާހަށް ކިޔަމަންގަތުމުން އެބައިމީހުންގެ ބޭރުފުށް ޒީނަތްތެރިވުން ހިމެނެއެވެ.

ﷲ ތަޢާލާ ވަހީކުރެއްވިއެވެ. ﴿وَلَكِنَّ اللَّهَ حَبَّبَ إِلَيْكُمُ الْإِيمَانَ وَزَيَّنَهُ فِي قُلُوبِكُمْ﴾ [الحجرات: 7] މާނައީ: “އަދި އެހެނެއްކަމަކު ﷲ ތިޔަބައިމީހުން އީމާންކަމަށް ލޯބިޖައްސަވައި، ތިޔަބައިމީހުންގެ ހިތްތަކުގައި އެ އީމާންކަން ޒީނަތްތެރިކުރެއްވިއެވެ.” އަދި މުއުމިނުންނަކީ މީސްތަކުންގެ ތެރެއިން ދިރިއުޅުމުގައި އެންމެ ހެޔޮވެގެންވާ މީހުންނެވެ. އަދި އެބައިމީހުންގެ ތެރެއިން މޭ އެންމެ ތަނަވަސްވެގެންވާ މީހުންނެވެ.

އެއިލާހު ވަހީކުރެއްވިއެވެ. ﴿أَلَا إِنَّ أَوْلِيَاءَ اللَّهِ لَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ [62] الَّذِينَ آمَنُوا وَكَانُوا يَتَّقُونَ [63]﴾ [يونس: 62، 63] މާނައީ: “ދަންނާށެވެ! ހަމަކަށަވަރުން ﷲގެ ވަލީވެރިންގެ މައްޗަކަށް އެއްވެސް ބިރެއްނެތެވެ. އަދި އެބައިމީހުންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައިވެސް ނުމެވޭމެއެވެ. [62] އެބައިމީހުންނީ އީމާންވެ، ތަޤުވާވެރިވެ އުޅުނު މީހުންނެވެ. [63]”

އެބައިމީހުންގެ ބާއްޖަވެރިކަމުގެ ތެރޭގައި: ހިތާއި ހަށިގަނޑަށް ލިބިގެންވާ އަމާންކަމަކީ އެބައިމީހުންގެ ޙަޔާތުގެ އެކުވެރިޔާއެވެ. އެއިލާހު ވަހީކުރެއްވިއެވެ. ﴿الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُمْ بِظُلْمٍ أُولَئِكَ لَهُمُ الْأَمْنُ وَهُمْ مُهْتَدُونَ﴾ [الأنعام: 82] މާނައީ: “އެބައިމީހުންނަކީ އީމާންވެތިބެ، އެބައިމީހުންގެ އީމާންކަމުގެ ތެރެއަށް (ޝިރުކުގެ) އަނިޔާވެރިކަމެއް ނުލާ މީހުންނެވެ. އަމާންކަންހުރީ އެބައިމީހުންނަށެވެ. އަދި އެބައިމީހުންނީ ތެދުމަގު ލިބިގެންވާ މީހުންނެވެ.”

ﷲ ތަޢާލާ މަޢުރިފާކޮށް ދެނެގަތުމަށްވުރެ ބޮޑު ނިޢުމަތެއް އަދި ލައްޒަތެއް ދުނިޔޭގައި ނުވެއެވެ. ފަހެ، އަޅާއަށް އޭނާގެ ރައްބު ދެނެގަނެވޭހިނދު، އެފަރާތަށް ލޯބިކޮށް އަޅުކަން ކުރެއެވެ. ﷲ އެއްކައުވަންތަކުރުމުން މޭ ތަނަވަސްވެ ބާއްޖަވެރިވެގެންދާ ފަދައިން އެހެން އެއްވެސް ކަމަކުން އެކަން ޙާޞިލު ނުވެއެވެ. މީހެއްގެ އުފާވެރިކަން ގުޅިފައިވަނީ އެކަމާއެވެ.

ﷲ ތަޢާލާ ވަހީކުރެއްވިއެވެ. ﴿قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجْمَعُونَ﴾ [يونس: 58] މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ﷲ ގެ ފަޟްލުވަންތަ ކަމާއި، އެއިލާހުގެ ރަޙްމަތަށްޓަކައި (އެބަހީ: އިސްލާމްދީނާއި ޤުރުއާނަށްޓަކައި) ފަހެ، އެބައިމީހުން އުފާކުރާހުށިކަމެވެ! އެބައިމީހުން (ދުނިޔެމަތީގައި) އެއްކުރާ ތަކެއްޗަށްވުރެ، އެކަން ހެޔޮކަން ބޮޑެވެ.”

ﷲ ތަޢާލާ މަޢުރިފާކޮށް ދެނެގަނެވޭ ވަރަކުން އޭނާ، ﷲ ދެކެ ލޯބިވާ މިންވަރު އިތުރުވެގެންދެއެވެ. ﷲ އަށް ލޯބިވެ، އެއިލާހު ލޯބިވެވޮޑިގަންނަވާ ކަންކަމުން އެއިލާހަށް ކުއްތަންވުމުން މެނުވީ އަޅާއަށް އުފާވެރިކަމެއް ނުވެއެވެ.

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿وَالَّذِينَ آمَنُوا أَشَدُّ حُبًّا لِلَّهِ﴾ [البقرة: 165] މާނައީ: “އަދި އީމާންވި މީހުން ﷲ ދެކެ ލޯބިވުން މާބޮޑެވެ.”

ނޯޓް: މިއީ 1439 ވަނަ އަހަރުގެ ފިޠުރު ޢީދު ދުވަހު މަސްޖިދުއްނަބަވީގައި ދެއްވި ޚުޠުބާގެ ޚުލާޞާގެ އެއްބައެވެ. ﷲ އިރާދަފުޅު ކުރެއްވިއްޔާ މާދަމާ ޚުޠުބާގެ ޚުލާޞާގެ އަނެއްބައި ގެނެސް ދެވޭނެ އެވެ.
ހިޔާލު