Nikamethi aailaa ehge dhiriulhun ADK in badhalukohdheefi
image
އޭޑީކޭއިން އާންމުކުރި ވީޑިއޯގެ ސްކްރީންޝޮޓެއް--
މާއިދާ މުހައްމަދު ރަޝާދު
2 ކޮމެންޓް
 

ނިކަމެތި އާއިލާއެއްގެ ދިރިއުޅުން އޭޑީކޭއިން ބަދަލުކޮށްލައިފި

ކޮންމެ ރޯދަ މަހަކާއި ދިމާކޮށް އޭޑީކޭއިން ހިންގަމުން އަންނަ ސީއެސްއާރު ޕްރޮގްރާމުގެ ދަށުން މިއަހަރުވެސް ލ. ހިތަދޫގައި ދިރިއުޅޭ ނިކަމެތި އާއިލާއެއްގެ ދިރިއުޅުން ބަދަލުކޮށްލައިފި އެވެ.
އޭޑީކޭ ޓީމުގެ ލޮލުގައި އެ އާއިލާ އަޅައިގަތީ އެހީއަށް ބޭނުންވެފައިވާ ނިކަމެތި އާއިލާއެއް ހޯދުމަށް އެމީހުން ރާއްޖޭގެ އެކި ރަށްރަށަށް ދަތުރުކުރަނިކޮށެވެ. އެ އާއިލާގެ ދިރިއުޅުން ބަދަލުކޮށްލި ގޮތުގެ ވީޑިއޯ އިއްޔެ އޭޑީކޭއިން ސޯޝަލް މީޑިއާއަށް އަޕްލޯޑް ކުރިއިރު އެ ވީޑިއޯ ބެލި ކޮންމެ މީހެއްގެ ލޮލަށް ކަރުނަ ގެނުވިއެވެ.

ވީޑިއޯ ފެށެނީ އެއާއިލާއަށް ނިސްބަތްވާ އުމުރުން 17 އަހަރުގެ އަހުމަދު ނަބީހުގެ ތައާރަފަކުންނެވެ. އެކަމަކު އާއިލާގެ ހާލަތު އެހެން މީހަކަށް ސިފަކޮށްދެވޭހާ ހިތްދަތިކަމުން އޭނާއަށް ރޮވުނެވެ. އިތުރަކަށް ކުރިއަކަށް ނުދެވުނެވެ. ބުނެވުނުހާ ވެސް އެއްޗަކީ، "އެކަކަށް ލިބޭ އެއްޗެއް އަނެކަކަށްދީގެން" އުޅޭ ވާހަކައެވެ.

ނަބީހަކީ ބައްޕައެއްގެ އެހީއާ ނުލައި މަންމައާއެކު އުޅޭ ފަސް ކުދިންގެ ތެރެއިން އެއް ކުއްޖެކެވެ. އެމީހުން މަހްރޫމްވީ ބައްޕައެއްގެ ލޯބިން އެކަންޏެއް ނޫނެވެ. އެންމެ އަސާސީ ހިދުމަތްތަކުން ވެސްވީ މަހްރޫމެވެ. އެގޮތުން އެއާއިލާއަށް ނިސްބަތްވާ އުމުރުން 13 އަހަރުގެ ކުއްޖާ ކައިރީ ސްކޫލަށް ނުދަނީ ކީއްވެތޯ ސުވާލުކުރުމުން ވަނީ، "މަލާމާތާއި ފުރައްސާރައިގެ ތެރެއަށް ދާން" ބޭނުން ނުވާ ކަމަށް ބުނެފައެވެ.

ދެން އޮތީ އެންމެ ހަގަށް ތިބި ދެ ކުދިންގެ ވާހަކައެވެ. އެ ކުދިން ނިދަނީ އެގޭގައި އޮތް ހަމައެކަނި ގޮދަޑި ބިންމަތީގައި ފަތުރާލައިގެންނެވެ. މަދިރި އާއި މެހި އަދި އެނޫންވެސް ދިރޭ ސޫފިތަކުގެ އުނދަގުލާއެކުއެވެ.

ވީޑިއޯގައި އެގޭގެ ހާލަތު ވެސް ވަރަށް ރަނގަޅަށް ދައްކުވައިދެއެވެ. ފެންވެރުމަށް ގޭގައި ގިފިއްޔެއް ހުއްޓަސް ފާހާނާއެއް ނެތެވެ. ވެހޭހާ ވާރޭއެއްގައި ދޭހާ އަތްވެއްގައި ފާހާނާ ކުރުމަށް ދާން ޖެހެނީ ބޯގަސްތަކުގެ ތެރެއިން އަތިރި އަށެވެ. ބަދިގެއެއް ހުއްޓަސް އަތްދޮންނާނެ ތަނެއް ނުހުރެ އެވެ. ތަށި ދޮންނަނީ ވެސް ގިފިލިންނެވެ. ކޮޓަރި ތެރޭގައި ވެސް ހެދުން އަޅުވާލާނެ އަލަމާރިއެއްގެ މިންވަރުން ވެސް އެގޭގައި ނެތެވެ. އެހާ ވެސް ނިކަމެއްޗެއެވެ.

ގޭގެ ބޭރުގައި ޓިނުގަނޑަކުން ހިޔާކޮށްފައިވާ ތަނެއްގައި ހިތްހަމަ ޖައްސާލައިގެން ތިބުމަށް އުނދޯއްޔެއް ހަރުކޮށްފައި ހުރިއިރު އެއީ ގުދުރަތީ ފިނި ރޯޅިން ހިތްހަމަ ޖައްސާލުމަށް ހަދާފައި ހުރި ތަންކޮޅެކެވެ. ގޭގައި ވަށާފާރެއް ނެތްއިރު ކޮންމެ އިރަކު ވެސް ގެއަށް މީހުން ވަދެ ނިކުމެވޭނެ ގޮތަކަށް އެ ގޭ ހުރިއިރު ކޮޓަރީގެ ދޮރުތައް ވެސް ހުރީ ހަލާކުވެފައެވެ.

އެ ހިތްދަތި ކަމުގެ ތެރެއަށް އުދާސްތައް އިތުރުވަނީ އެމީހުންގެ ނިކަމެތި ކަމުގެ ނާޖާއިޒު ފައިދާ މީހުން ނަގާތީއެވެ. އެ ކުދިންގެ މަންމަ، އައިމިނަތު މުހައްމަދަށް ވަނީ ޖިންސީ ގޯނާ އާއި ފުރައްސާރައާ ވެސް ކުރިމަތިލާން ޖެހިފައެވެ.

"އަހަންނަށް ގޯސްތައް ހެދިފައި އެބަހުރި، ބައެއް ގޯސްތައް ކުރެވެނީ މަޖްބޫރުވެގެން، އެކަމާއި ހިތާމަވެސް ކުރަން، އަހަރެމެން ނިކަމެތިވީމާ އަހަރެމެންގެ ނާޖާއިޒު ފައިދާ ނަގާ އަބަދުވެސް އަދި މިހާރު ވެސް ނަގައި،" އައިމިނަތު މުހައްމަދު ބުނެއެވެ.

އެ ހިތްދަތި ދިރިއުޅުން މި ރޯދަ މަހުގެ ތެރޭގައި ބަދަލުކޮށްލީ އޭޑީކޭ ޓީމުންނެވެ. ވެހުނު ވާރޭގެ ތެރޭގައި މަސައްކަތްކޮށް އެ ޓީމުން ވަނީ އެ އާއިލާއަށް ހިނިތުންވުމެއް ގެނުވާފައެވެ.

މިހާރު އެ ގެއަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މުޅި ގޭގެ ފުރާޅުގެ ޓިނުތައް ބަދަލުކޮށްލިއިރު ހުރިހާ ކޮޓަރިތައް މަރާމާތުކޮށް އެތަނަށް ވަނީ ޒަމާނީ ފެންވަރުގެ ފަރުނީޗަރު ވައްދާފައެވެ. އަދި ބަދިގެ ސެޓާއެކު ބަދިގެ ވެސް ޒަމާނީ ފެންވަރަށް ބަދަލުވިއިރު މިއަދު ކެއުމަށް ފެންޑާގައި ވަނީ ވަކިން ތަންކޮޅެއް ހަދާފައެވެ. ގިފިލީގައި ވެސް ތަށިމުށި ޖަހައި އެތަނަށް ވަނީ ފާހާނާ ލާފައެވެ. ޓިނުގަނޑުން ހިޔާކޮށްފައި އުނދޯލީގެ ބަދަލުގައި މިއަދު އެތާ ހުރީ، ރީތި ފެންޑާއެކެވެ. ސޯފާއަކާއި ކުޑަ ކުދިންނަށް ހާއްސަ އުނދޯއްޔެއް ވެސް އެތަނުގައި ހުރިއިރު ފާރުގައި ޓީވީ ހަރުކޮށް އެކުދިންނަށް އުފާވެރިކަން ގެނުވާނެ ގޮތަކަށް މުޅި ގެ ވަނީ ބަދަލުކޮށްފާއެވެ.

ނިކަމެއްޗަކަށް ވީތީ ސްކޫލުގެ މާހައުލުން ކުރިމަތިވާ ފުރައްސާރައާ ކުރިމަތިލާނެ ހިތްވަރެއް ނެތިގެން އެދުވަހު ސްކޫލަށް ނުދާން ހުރި ކުއްޖާ މިއަދު ސްކޫލަށް ވެސް ދަނީ އުފަލާއެކުއެވެ. ސްކޫލަށް ބޭނުންވާ ހުރިހާ ސާމާނެއް އޭޑީކޭއިން ހަމަކޮށްދިނުމުގެ ނަތީޖާއަކީ ސްކޫލަށް ގޮސް ފުރައްސާރައާ ކުރިމަތިލުމުގެ ހިތްވަރު އެ ކުޑަ ކުޑަ ފިރިހެން ކުއްޖާއަށް ލިބުމެވެ.
ހިޔާލު

އަބުސީ

ސާބަސް އޭޑީކޭ

ޜާނާ

ﷲ އެމީހަަކަށް ދެއްވަން ހުރި އެއްޗެއް ދެއްވަވާނެ.. ފަގީރަކަސް ސާފުތާހިރު ކަމެއް ނެތް ކަން ފާހަގަވި...