Vaahaka: Lift
image
ވާހަކަ: ލިފުޓު--
ފަތުހުﷲ އަހުމަދު
0 ކޮމެންޓް
 

ވާހަކަ: ލިފުޓު

ފުންނޭވާއެއް ދޫކޮށްލެވުނެވެ. ހިޔާލުތަކުގެ ދުނިޔެއިން އަހަންނަށް ނުކުންނަށް މަޖުބޫރުވީމައެވެ. ފަހަތުން އަހަރެންގެ އިސްތަށިގަނޑަށް މައްޗަށް ހިއްލުނުހެން ހީވުމުންނެވެ. އިސްތަށިގަނޑަށް އާދަޔާ ޚިލާފު ވައިރޯޅިއެއް އެޅުމުންނެވެ. ސިހިފައި އަހަންނަށް އެނބުރިލެވުނެވެ. ސަރައްކާލީގެ އެއްކޮޅުން ފެންނަމުން ދިޔަ ތިރީސް ނުވަވަނަ ނަންބަރުގެ އެޕާޓުމަންޓްގެ ދޮރުފަތް އަހަންނަށް ފެންނަމުން ދިޔައީ ކޮންމެ ވެސް ވަރެއްގެ ފުސްކަމަކާއެކުގައެވެ. ހީވަނީ ދެފުށް ފެންނަ އެއްޗެއް އަހަންނާ ދިމާއަށް ބަލަން ހުރި ހެންނެވެ. ހިތުގައި ފުނިޖެހެމުން ދިޔަ ބިރުވެރިކަން ކެނޑިގެން ދިޔައެވެ. ބޭނުންވީ ޔަގީންކޮށްލާށެވެ. އެއީ ހަގީގަތެއްތޯ ބަލައިލާށެވެ.
އަހަރެންގެ ލޮލަށް ފެންނަމުން ދިޔައީ ކިހައިވަރެއްގެ ތެދެއްކަން ކަށަވަރުކޮށްލާށެވެ. ދެ ފަހަރަކު އެސްފިޔަ ޖަހައިލެވުނެވެ. ކުރިމަތިން ފެންނަމުން ދިޔައީ މީހެކެވެ. ނަމަވެސް އެމީހާގެ މޫނެއް ކަނދުރާއެއް ސާފެއް ނުވެއެވެ. މުޅި މީހާ ހީވަނީ ޖެލީ ގަނޑެއް ހެންނެވެ. މީހަކު ހުރިކަން ހަމަ ލޮލަށް ފެންނަނީ ކިރިޔަ ކިރިޔާއެވެ. ބައެއް ފަހަރު އެ މީހާގެ ހަށިގަނޑާ މަންޒަރާ އެކުވެއެވެ. ބައެއް ފަހަރު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފާހަގަވެއެވެ. ސަމާލުކަންދީ ބަލައިފި ނަމަ މޫނުގެ ވަނާތައް ވެސް ހާމަވެއެވެ.

އަހަރެން ބޭނުންވީ ޔަގީންކޮށްލާށެވެ. އެހެންވެ ވަރަށް ފަރުވާތެރިކަމާއެކު ސަމާލުވެގެން، ގޮތް ނޭނގޭ އެމީހާއަށް ބަލަން މަޑުކޮށްލީމެވެ. ހަރަކާތެއް ވެސް ނުގެނެސް އެމީހާގެ މޫނަށް ނަޒަރު ހުއްޓައިލީމެވެ. އަހަރެން ބަލަން ފެށިއިރު އެމީހާގެ ބޮލެއް ފާހަގައެއް ނުކުރެވެއެވެ. ފެންނަމުން ދިޔައީ ކަރާހަމައަށެވެ. އެމީހާގެ މޫނާ ދިމާއަށް ސަމާލުކަން ދެވުނު މިންވަރު އިތުރުކޮށްލެވުނެވެ. އެއާއެކު މަޑުމަޑުން ބޮލުގެ ބައްޓަން ސާފުވަމުން ދިޔައެވެ. ފުރަތަމަ ފާހަގަވީ ބޮލުގެ ބައްޓަމުގެ ބޭރެވެ. އިރުކޮޅަކުން ނޭފަތުގެ ބައްޓަން ހާމަވިއެވެ. އެއަށްފަހު ދަތްދޮޅިއެވެ. ދެން ދެ ކޮލެވެ. އެންމެ ފަހުން ލޮލުގެ ބައްޓަމެވެ. މުޅި މީހާ ފެންނަނީ ހުދުކުލައިގެ ޖެލީ ގަނޑެއް ހެންނެވެ. އެހައިމެ އޮމާނެވެ. ވިދުން ހުރެއެވެ.

އަހަންނަށް ހައިރާންކަން ލިބުނީ އެހައި ހިސާބުންނެވެ. އެއީ ދެވަނަ މީހެއް ނޫނެވެ. އެއީ އެ ދެލޮލެވެ. އެ ނޭފަތެވެ. އެ ކޯތާފަތެވެ. އެ ދެ ތުންފަތެވެ. އަހަންނަށް ހިތުދަސް އެ މޫނެވެ. އެއީ ޝާމިންއެވެ. ޝާމިންގެ ކޮންމެ ގުނަވަނަކީ އަހަންނަށް ހިތުދަސް ގުނަވަނެކެވެ. އޭނާގެ ކޮންމެ ހަރަކާތަކީ އަހަންނަށް ހިތުދަސް ހަރަކާތެކެވެ. މަޑުމަޑުން އަހަންނަށް ޝާމިންގެ ގޮތަށް ފެންނަމުން ދިޔަ އެ މީހާއާ ދިމާއަށް ހިނގައި ގަނެވުނެވެ.

އެ މީހާ ވެސް އަހަންނާ ދިމާއަށް އައެވެ. އަހަންނަށް ހުއްޓިލެވުނެވެ. މަޑުމަޑުން ކަނާއަތް މައްޗަށް ހިއްލައިލެވުނެވެ. އަހަންނަށް އަތްޖައްސައިލެވޭތޯ ބެލުނީ ޝާމިންގެ މޫނުގައެވެ. އޭނާގެ ކޯތާފަތުގައެވެ. އޭނާގެ ނޭފަތުގައެވެ. ނަމަވެސް އިނގިލި އެތެރެއަށް ވަދެގެން ދިޔައީއެވެ. އެއާއެކު އެ މީހާގެ ސިފަ ބަދަލުވާން ފެށީއެވެ. ދެ ފުށް ފެންނަ އެ މީހާގެ ކުލަ ގަދަ ކަޅުކުލައަށް ބަދަލުވީއެވެ. ހީވަނީ ކަޅު ހިޔަންޏެއް ހެންނެވެ. މީހާގެ މޫނުގެ އެއްވެސް ގުނަވަނެއް ފާހަގައެއް ނުކުރެވެއެވެ.
އަހަންނަށް ފަހަތަށް ޖެހެވުނެވެ. މޭ ނަގައި ޖެހެން ފެށުނެވެ. ނޭވާ އަވަސްވާން ފެށިއެވެ. ނޭނގޭ ތުރުތުރެއް ހަށިގަނޑުގައި ދައުރުވާން ފެށިއެވެ.

"ކާކު؟ ތި ކާކުތަ؟" ބާރުބާރަށް އަހަންނަށް ހަޅޭއްލަވައި ގަނެވުނެވެ.
އެއާއެކު އެ ހިޔަނި ގެއްލުނެވެ. އަހަންނަށް ވަށައިގެން ހޯދައިލެވެނެވެ. އެއްވެސް މީހެއްގެ ނިޝާނެއް ނެތެވެ. އެއްވެސް ހިލަމެއް ނުވެއެވެ. މުޅިތަނަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ކުއްލިއަކަށް އަޑެއް އިވުނެވެ. އަޑުއައީ ލިފުޓާ ދިމާއިންނެވެ. ސިހިފައި އަހަންނަށް ބަލައިލެވުނެވެ. ލިފުޓުގެ ދޮރު ހުޅުވުނީއެވެ. ލިފުޓުގައި ހުރީ އެ ފަންގިފިލާގައި އުޅޭ މީހެކެވެ.
"ކިހިނެއް ވެފަ މާ ހާސްވެފަ ތި ހުރީ؟" ހަސަންބެ އަހަރެންގެ މޫނަށް ބަލައިލަމުން ހުއްޓިލިއެވެ.

"ކަމެއް ނުވޭ،" ނޫން ގޮތަކަށް އަހަންނަށް ޖަވާބު ދެވުނެވެ. "ލިފުޓަށް އިންތިޒާރުކުރަނީ. މައްޗަށް އަންނާތީ"
"އަވަހަށް އަރާ. އެކަމަކު ހަތްވަނަ ފުލޯރއަށް ގޮސް ކަންނޭނގެ އަންނާނީ. ހިޔެއް ނުވޭ ލަސްވާނެ ހެންނެއް" ހަސަންބެ ލިފުޓުގެ ދޮރު ލެއްޕުނަ ނުދީ ހިފައްޓައިލިއެވެ.

"ޝުކުރިއްޔާ" އިނގިރޭސިބަހުން އަހަންނަށް ޝުކުރު އަދާކޮށްލެވުނެވެ. އެއާއެކު ހަސަންބެއަށް ލުއި ހިނިތުންވުމެއް ދެވުނެވެ.
ލިފުޓުގެ ދޮރު ލެއްޕެންދެން ހަސަންބެ ބަލަހައްޓައިގެން ހުއްޓެވެ. އަހަންނަށް ބަލައިލެވުނީ ހަސަންބެގެ މޫނަށެވެ. ލުއި ހިނިތުންވުމަކުން ހަސަންބެގެ މޫނު ފުރައިލިއެވެ. ބަދަލުގައި އަހަރެން ވެސް ގަދަކަމުން ހިނިތުންވެލީމެވެ. ހަސަންބެއަކީ މަންމަގެ ރަހުމަތްތެރިއެކެވެ. އަވަށްޓެރިއެކެވެ. ތިރީސް އަށްވަނަ އެޕާޓުމަންޓުގައި އުޅޭ ހިތްހެޔޮ މީހެކެވެ. މަންމަގެ އެޕާޓުމަންޓަށް އައިސް އުޅުމުގެ ތެރެއިން ދެކެފަރިތަވެ އޭނާ ވާހަކަދައްކަނީއެވެ.

ލިފުޓުގެ ދޮރު ލެއްޕުމާއެކު އަހަރެން ދާން ބޭނުންވާ މަންޒިލްގެ ފިތަށް އޮބައިލީމެވެ. އަހަންނަށް ބަލައިލެވުނީ ލިފުޓުގައި ދިއްލިފައިވާ ނިޝާނަށެވެ. އޭރު ލިފުޓު ހަތްވަނަ ފަންގިފިލާއަށް މިސްރާބު ޖަހައިފިއެވެ. ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އިތުރު މީހަކު ލިފުޓު ތެރޭގައި އުޅޭ ހެން ވީއެވެ. ވަށައިގެން އެނބުރިލެވުނެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

މިރޭ އަހަންނަށް މި ދިމާވަނީ ކޮންކަންތައް ތަކެއް ހެއްޔެވެ؟ އަހަންނަށް މި ކުރެވެނީ ކޮން އިހުސާސްތަކެއް ހެއްޔެވެ؟ އަހަންނަށް މި ފެންނަނީ ކޮން މަންޒަރުތަކެއް ހެއްޔެވެ؟ އަހަންނަކީ މި ކަހަލަ ކަންކަމާ ކުރިމަތިލާން ޖެހުނު މީހެއް ހެއްޔެވެ؟ އެކަނިމާ އެކަނި އުޅުމަކީ އަހަރެންގެ އާދައެކެވެ. ޝާރީފާ އިން ފަހުން ވެސް މަދު ދުވަސްކޮޅެއް ނޫނީ އަހަރެން އުޅެނީ އެކަންޏެވެ. މި ޒާތުގެ ކަންކަމާ ދުވަހަކު ވެސް ދިމައެއް ނުވެއެވެ.

އަހަރެންގެ ކަނދުރާ މައްޗަށް ހޫނު ނޭވާއެއް އެޅުހެން ހީވިއެވެ. ހިތުގައި އަޒުމު ކަނޑައެޅީމެވެ. ފަސްއެނބުރި ނުބެލުމަށެވެ. ކޮންމެ މީހަކު ހުއްޓަސް، ކޮންމެ ފަދަ ކަމެއް ދިމާވިޔަސް ނުބެލުމަށެވެ. އަހަންނަށް ބަލައިލެވުނީ ލިފުޓުގެ އެއް ބިތަށެވެ. ސްޓެންސްޓިލް އެ ބިތުން ފެންނަނީ އަހަރެން ސޫރައެވެ. ފުސްވެފައިވާ މަންޒަރެއްގެ ސިފާގައެވެ. އަހަރެން ލައިގެން ހުރި ނޫ ކުލައިގެ ހެދުމުގެ ކުލައިން މުޅި ބިތްވަނީ ފެވިފައެވެ. ފަރުވާތެރިކަމާ އެކު އަހަންނަށް ބަލައިލެވުނެވެ. އެ ބިތަށެވެ. އިތުރު ކަމެއް ފާހަގަވުމުންނެވެ. ދެވަނަ މީހަކު ވެސް ލިފުޓުގައި ހުރިހެން ހީވެގެންނެވެ. އަހަންރެންގެ ފަހަތުގައި ހުދުކުލައިގެ ހެދުމެއް ލައިގެން ހުރި މީހަކު ހުންނަ ކަމަށް ލިފުޓުގެ ބިތުގައި ފެވިފައިވާ މަންޒަރުން ފާހަގަވަމުން ދިޔައެވެ.

ފުން ނޭވާއެއް ދޫކޮށްލެވުނެވެ. މުޅި މީހާ ދާހިތްލަމުން ދިޔައެވެ. ނޭނގޭ ތުރުތުރެއް މުޅި ހަށިގަނޑުގެ ތެރޭގައި ދައުރުވަމުން ދިޔައެވެ. ދެ ލޯ ބޮޑުކޮށްލަމުން އަހަރެންގެ ކުރިމަތިން ފެންނަމުން ދިޔަ ލިފުޓުގެ ބިތަށް ބަލައިލީމެވެ. އަހަންނަށް ފާހަގަވަމުން ދިޔައީ ފަހަތުގައި ހުރި މީހާ މަޑުމަޑުން ކުރިއަށް ޖެހެމުން ދިޔަ ތަނެވެ.

އެ މަންޒަރު ބަލަން އުނދަގޫވިއެވެ. މަޑުމަޑުން ދެ ލޯ މަރައިލީމެވެ. ދެ ލޮލަށް ބާރުކޮށްލީމެވެ. އެއާއެކު ހިތަށް އެކި ޒާތުގެ ވަހުމުތައް އިތުރުވާން ފެށިއެވެ.

އަހަންނަށް ސިފަވަމުން ދިޔައީ ބިރުވެރި ސިފައެއްގައި ހުރި މީހެކެވެ. ފިލްމުތަކުގައި އުޅޭ ކަހަލަ ލޭ ބޯ މީހެކެވެ. އެމީހާ އަހަރެންގެ ފަހަތުގައި ހުރެ މަޑުމަޑުން ކުރިއަށް ޖެހެމުން ދިޔަ ކަމެވެ. އަހަންނާ ހަމައަށް އާދެވުމުން އެމީހާގެ އަނގަހުޅުވާލިއެވެ. އަނގަ ހުޅުވާލުމާއެކު އެމީހާގެ ދޫ ހަރަކާތްކޮށްލި މަންޒަރު ފެނުނެވެ. އެއީ އާދަޔާ ޚިލާފު ބޮޑު ދުލެކެވެ. ދުލުގެ ކޮޅުވަނީ ދެ ކަފި ވެފައެވެ. ހަރުފައެއްގެ ދޫ ފަދައިންނެވެ. އެ ދޫ މަޑުމަޑުން ކުރިއަށް ޖެހެމުން ދިޔައެވެ. ކުރިއަށް ޖެހެމުން ދިޔަވަރަކަށް ދޫ ބޮޑުވަމުން ދިޔައެވެ. ދިގުވަމުން ދިޔައެވެ. އެންމެފަހުން އަހަރެންގެ ކަނދުރާއާ ހަމައަށް ދޫ ފޯރިއެވެ. ކަނދުރާމަތީގައި ދޫ ޖައްސައިލަން ތައްޔާރުވިއެވެ. ކުއްލިއަކަށް ލޯ ހުޅުވާލެވުނެވެ. މަޑުމަޑުން ފަހަތް ބަލައިލެވުނެވެ.

އެއްވެސް މީހަކު ނެތެވެ. އެއްވެސް އެއްޗެއް ވެސް ނެތެވެ. އަހަންނަށް ކުރެވުނީ ކުށް ހީ އެއްހެޔެވެ؟ ލޯ މަރައިގެން ހުރުމުން އަހަންނަށް ސިފަވި މަންޒަރެއް ހެއްޔެވެ؟ މިއީ މާ ގިނައިން އިނގިރޭސި ފިލްމުތައް ބަލާތީ ވާގޮތެއް ހެއްޔެވެ؟

ނޫނެކެވެ. އަހަންނަށް ކޮންމެ ވެސް ކަންތައްތަކެއް އެބަ ދިމާވެއެވެ. އަހަންނަށް ކޮންމެ ވެސް ކަމެއް މެދުވެރިވާން އެބަ އުޅެއެވެ. ސުންޕާ ހިޔަންޏެއް އަހަރެންގެ ފަހަތުގައި އެބަ އުޅެއެވެ. ލިފުޓުގައިވާ ނަންބަރަށް ބަލައިލީމެވެ. އެއްމެ ފަންގިފިލައަކަށް އަރަން ވެސް ހާދަވަގުތެއް އެބަ ހޭދަވެއޭ ހިތަށް އެރިއެވެ. އެހެންވެ އަތުގައި އޮތް ގަޑިއަށް ބަލައިލެވުނެވެ. ނޫނެކެވެ. ގިނަ ވަގުތެއް ނުވެއެވެ. އަހަންނަށް މާގިނަ ޚިޔާލު ކުރެވެނީއެވެ. ސިކުންތަކުން އެތައް ޚިޔާލެއް ކުރެވެނީއެވެ. ބޮޑެތި ކަންތައްތަކެއް ސިފަކުރެވެނީއެވެ.

ކުއްލިއަކަށް އަޑެއް އިވުނެވެ. ސިހިފައި އަހަންނަށް ބަލައިލެވުނެވެ. ފާޑަކަށް ހިނި ވެސް އާދެވުނެވެ. ބިރުން ހުންނަންޏާ ވާނީ ވެސް އެކަހަލަ ގޮތެއްތާއެވެ. ލިފުޓުގެ ފުރަތަމަ މަންޒިލަށް އާދެވުނީއެވެ. ލިފުޓުގެ ދޮރު ހުޅުވުނީއެވެ. ހަތްވަނަ ފަންގިފިލާއަށެވެ. ދޮރުހުޅުވުމާއެކު ފިނި ވައިރޯޅިއެއް ލިފުޓުގެ ތެރެއަށް ފެތުރިގަތެވެ. އަހަންނަށް ބަލައިލެވުނީ މީހަކު ހުރިތޯއެވެ. އެއްވެސް މީހަކު ނުފެނުނެވެ. އެހެންވެ ލިފުޓުގެ ދޮރު ލައްޕާލުމަށް ޓަކައި ފިތައިލީމެވެ. މަޑުމަޑުން ދޮރު ލެއްޕެމުން ދިޔައެވެ. ލެއްޕެމުން ދިޔަ ދޮރުގެ ހަނިހަނި ދޭތެރެއިން އަނެއްކާ ވެސް ފިނިފިނި ވައިރޯޅިއެއް ލިފުޓުގެ ތެރެއަށް ވަނެވެ. މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ.

(ނުނިމޭ)
ހިޔާލު