Roadha mahu hingi 221 accident ga 54 meehakah aniyaavi
image
މާލޭގައި ކުރިން ހިނގާފައި އެކްސިޑެންޓެއް -- ފޮޓޯ: އަވަސް
0 ކޮމެންޓް
 

ރޯދަމަހު ހިނގި 221 އެކްސިޑެންޓުގައި 54 މީހަކަށް އަނިޔާވި: ފުލުހުން

މިއަހަރުގެ ރޯދަމަހުގެ މިހާތަނަށް މާލޭގައި އެކަނި 221 އެކްސިޑެންޓެއް ހިނގާ 54 މީހަކަށް އެކިވަރުގެ އަނިޔާވެއްޖެ އެވެ.
ފުލުހުންގެ ޓްރެފިކް މެނޭޖުމަންޓް ޑިޕާޓްމަންޓުން ކޮންމެ ހަފްތާއަކުވެސް ނެރޭ ތަފާސްހިސާބުތަކަށް ބަލާއިރު، މޭ 6 ގައި ރޯދަމަސް ފެށި ފަހުން އެންމެ ގިނަ އެކްސިޑެންޓް ހިނގީ ނިމުނު ހަފްތާގަ އެވެ.

އެގޮތުން 25 މޭ އިން 31 މޭ ގެ ނިޔަލަށް 64 އެކްސިޑެންޓެއްގައި 17 މީހަކަށް އަނިޔާވި އެވެ. 18 މޭ އިން 24 މޭ އަށް ހިނގި ހަފްތާގައި 47 އެކްސިޑެންޓެއްގައި ހަ މީހަކަށް އަނިޔާވި އެވެ.

އޭގެ ކުރިން އައި ހަފްތާ، 11 މޭ އިން 17 މޭ އަށް 54 އެކްސިޑެންޓެއްގައި 20 މީހަކަށް އަނިޔާވިއިރު، ރޯދަމަހުގެ ފުރަތަމަ ހަފްތާ، 4 މޭ އިން 10 މޭ އަށް 56 އެކްސިޑެންޓެއްގައި 11 މީހަކަށް އަނިޔާވި އެވެ.

ކޮންމެ އަހަރަކުވެސް ރޯދަ މަހު ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުރުވެ އެވެ. އެގޮތުން މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހު ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވި އެވެ.

ނިދި ޖެހިފައި އިން ޑްރައިވަރަކު ދުއްވި ބަހެއްގެ ދަށުވެގެން މަރުވީ ޔޫކްރެއިނުގެ ފަތުރުވެރި އެކެވެ. އެ ހާދިސާއަށް ފަހު ބަސް ޑްރައިވަރުން މަގުމަތީގެ ރައްކާތެރިކަމަށް އަހުލުވެރި ކުރުވުމަށް މަސައްކަތް ފެށި އެވެ.

އޭގެ އިތުރުން ވެސް ފުލުހުންނާއި، ޔޫތު މިނިސްޓްރީ އަދި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން އަންނަނީ މާލޭގައި މަގުމަތީގެ ރައްކާތެރިކަމަށް ސަމާލުކަން އިތުރު ކުރުމަށް "ރޯޑް ސޭފްޓީ ކެމްޕެއިން" ހިންގަމުންނެވެ.
ހިޔާލު