Manaa sarahahdhuga cigarette boegen 43 faraatheh joorimanaakoffi
image
ފޮޓޯ: އަވަސް
0 ކޮމެންޓް
 

މަނާ ސަރަހައްދުގައި ސިނގިރޭޓް ބޮއެގެން 43 ފަރާތެއް ޖޫރިމަނާކޮށްފި

ފާއިތުވި ހަފްތާގައި މަނާ ސަރަހައްދުގައި ދުންފަތުގެ އިސްތިއުމާލް ކުރި 43 ފަރާތެއް ޖޫރިމަނާކޮށްފި އެވެ.
ދުންފަތުގެ އިސްތިއުމާލް ކުރުން މަނާ ސަރަހައްދުތައް ކަނޑައަޅާފައި ވަނީ 2010 ވަނަ އަހަރުގެ ދުންފަތް ކޮންޓްރޯލްކުރުމާއި ބެހޭ ގާނޫނު އަދި އޭގެ ދަށުން އައި ގަވައިދުންނެވެ.

އެ ގާނޫނުގައިވާ ގޮތުން ސިނަމާތަކާއި ޖަލްސާކުރާ މާލަންތަކާއި އާންމު ދަތުރުފަތުރަށް ބޭނުންކުރާ އުޅަނދުތަކާއި ސައި ހޮޓާ، ކެފޭ، ރެސްޓޯރަންޓް، ކާބޯތަކެތި ހަދާ ތަންތަނާއި މިސްކިތްތަކާއި ސިއްހީ ހިދުމަތް ދޭ ތަންތަނާއި އުނގަންނައިދޭ ތަންތަނާއި ކުޑަކުދިން ބަލަހައްޓާ އަދި ތަމްރީންކުރާ ތަންތަނާއި އެ ތަންތަނުގެ ހާމަކޮށް އޮންނަ ބިމާއި އެ ތަންތަނުގައި ހުންނަ ހުރިހާ އިމާރާތްތަކާއި އެ ތަންތަނަށް ވަދެ ނިކުމެ އުޅުމުގައި ބޭނުންކުރަން ޖެހޭ ތަންތަން އަދި ސަރުކާރުގެ އިމާރާތްތަކުގައި ވެސް ދުންފަތުގެ އިސްތިއުމާލުކުރުން މަނަލެވެ.

ގަވައިދުގައި ބުނަނީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ކަމަށް ގާނޫނުގައި ބުނާ ތަންތަނުގެ އިތުރުން އެ ތަންތަނުން މަގުމައްޗަށް ނުކުންނަން ހުންނަ ދޮރުތަކާއި ދޮރާށިތަކާއި ގޭޓުތަކުގެ ކުރިމަތީގައި ވެސް ދުންފަތުގެ އިސްތިއުމާލުކުރުން މަނާވާނެ ކަމަށެވެ.

އޭގެ އިތުރުން ކެފޭ، ހޮޓާ އަދި ރެސްޓޯރަންޓުތަކުގައި ދުންފަތުގެ އިސްތިއުމާލް ކުރުމަށް ވަކި ހާއްސަ ސަރަހައްދެއް ކަނޑައަޅާފައި އެކަން އިނގޭނެހެން ބޯޑު ބެހެއްޓުން ލާޒިމެވެ.

ގަވައިދާއި ހިލާފުވާ މީހަކު ފުރަތަމަ ފަހަރަށް ޖޫރިމަނާ ކުރަނީ 500 ރުފިޔާ އިންނެވެ. އަދި ކެފޭ، ރެސްޓޯރެންޓެއްގައި ގަވައިދާ ހިލާފަށް ސިނގިރޭޓު ބޯނަމަ، 1000 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެ އެވެ. އެކަން ތަކުރާރުވާނަމަ ޖޫރިމަނާގެ އަދަދުތައް ބޮޑުވާނެ އެވެ.

ދާދިފަހުން މާލެ ސިޓީ ކައުންސިލުން ވެސް ވަނީ މާލޭގެ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކޮށްފަ އެވެ. އެގޮތުން ސިޓީ ކައުންސިލްގެ ނިންމުން ހަމަސް ފަހުން ތަންފީޒު ކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

ދުންފަތާއި ސިނގިރެޓާއި ދެކޮޅަށް ރާއްޖޭގައި ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިމަހުން ފެށިގެން ވަކިން ސިނގިރެޓް ވިއްކުން މަނާއިރު، މިއަހަރުގެ ނޮވެމްބަރު 31 އިން ފެށިގެން ސިނގިރެޓް ފޮށީގައި އިންޒާރުގެ ފޮޓޯ ހުންނަން ޖެހެ އެވެ.

އެވްރެޖު ގޮތެއްގައި ކޮންމެ އަހަރަކުވެސް ރާއްޖެ އަށް 460 މިލިއަން ސިނގިރޭޓް އިމްޕޯޓް ކުރެ އެވެ. އެއީ އަހަރަކު 1.6 ބިލިއަން ރުފިޔާ އެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނާ ގޮތުގައި ރާއްޖޭގެ އާބާދީގެ 35 އިންސައްތަ ފިރިހެނުން އަދި ތިނެއް އިންސައްތަ އަންހެނުންނަކީ ދުންފަތުގެ އިސްތިއުމާލް ކުރާ މީހުންނެވެ.
ފުލުހުން ސިނގިރޭޓް
ހިޔާލު