Feyli Quran Mubaaraathuge 1 Vana Aidheen aai Yaeesh ah
image
ފޭލި ގުރުއާން މުބާރާތުން އެއްވަނަ ހޯދި ކުއްޖެއް -- ފޮޓޯ: ފޭލި ޖަމިއްޔާ
0 ކޮމެންޓް
 

ފޭލި ގުރުއާން މުބާރާތުގެ އެއްވަނަ އައިދީން އާއި ޔައީޝް އަށް

ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ) އިން މި ރޯދަމަހު އޭދަފުށީގައި ބޭއްވި ގުރުއާން މުބާރާތުން އެއްވަނަ އެރަށު ގުލިސްތާނުގޭ އައިދީން ބިން އަލީ ރަޝީދު އާއި ތުޅާދޫ، ހުދުފަޅު ޔައީޝް މުހައްމަދު ސާޖިދު ހޯދައިފި އެވެ.
ހިތުން ކިޔުމުގެ ބައިން މުޅި މުބާރާތުން އެއްވަނަ އައިދީން ހޯދިއިރު ޔައީޝްއަށް އެއްވަނަ ލިބިފައި ވަނީ ބަލައިގެން ކިޔެވުމުގެ ބައިންނެވެ. އެއް ވަނަ ހޯދި ދެކުދިންނަށް ވެސް ވަނީ 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

އެ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ވަނަތައް ހޯދި ފަރާތްތަކަށް އިނާމާއި ޓްރޮފީ އަދި ހަނދާނީ ލިޔުން ހަވާލުކޮށް ދެއްވީ ބ. އަތޮޅު ކައުންސިލުގެ ރައީސް މަބްރޫކް ނަސީރެވެ.

އެ މުބާރާތުގެ ހިތުން ކިޔެވުމުގެ ގޮފިން ދެވަނަ ލިބުނީ އޭދަފުށީ ސާދީވިލާ، ލޫތު އަހްމަދު ނަސީރަށެވެ. އެ ގޮފިން ތިންވަނަ ލިބުނީ މާބަގީޗާގޭ ޔޫސުފް ކައިލް ލިސާނަށެވެ. ބަލައިގެން ކިޔެވުމުގެ ގޮފިން ރ. އިނގުރައިދޫ އާހް އަމްނާއު އަޙްމަދު ޝާހިދު ދެވަނަ ހޯދި އިރު އެ ގޮފިން ތިންވަނަ ލިބުނީ ތުޅާދޫ ދޮންވެލި ފަރާޝާ އަބްދުއްރަހްމާނަށެވެ.

އެ މުބާރާތުގައި ބައިވެރިވި ކުދިންތަކެއް -- ފޮޓޯ: ފޭލި ޖަމިއްޔާ

އެ މުބާރާތުގައި ވަނަ ހޯދި ކުއްޖަކަށް އިނާމު ހަވާލުކުރަނީ -- ފޮޓޯ: ފޭލި ޖަމިއްޔާ

އޭގެ އިތުރުން އެމުބާރާތުގެ އެކި އުމުރުފުރާތަކުން ވެސް ދެ ގޮފިން ވަނީ ވަނަތައް ހޮވައި އިނާމާއި ޓްރޮފީދީފަ އެވެ. އެމް 7 ޕްރިންޓް އާއި މަންޓާ އެއާގެ އިތުރުން ހެޔޮއެދޭ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކު މިދިޔަ މަހުގެ 25 އިން 27 އަށް ކުރިއަށް ގެންދިޔަ އެ މުބާރާތުގައި 200 އަށްވުރެ ގިނަ ދަރިވަރުންނާއި މީހުން ބައިވެރިވި އެވެ.

މިއީ ފޭލި ޖަމިއްޔާއިން ބޭއްވި އެފަދަ 17 ވަނަ ގުރުއާން މުބާރާތެވެ.
ހިޔާލު