Forklift ge massala STELCO aai dhekolhah nimmaifi
image
ސްޓެލްކޯ--
0 ކޮމެންޓް
 

ފޯކްލިފްޓްގެ މައްސަލަ ނިންމީ ސްޓެލްކޯއާ ދެކޮޅަށް

އަމިއްލަ ކުންފުންޏަކުން ސްޓެލްކޯއަށް ސަޕްލައިކޮށްދިން ފޯކްލިފްޓް ބަލައިގަތުމަށް ސްޓެލްކޯއިން ދެކޮޅުހަދާ އެ އުޅަނދު ސްޓެލްކޯގެ އިމާރާތުން ނެރުމަށް އެދި ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ސްޓެލްކޯއާ ދެކޮޅަށް ނިންމައިފި އެވެ.
2010 ވަނަ އަހަރު ސެންޓާ އެންޓަޕްރައިސަސް އާއި ސްޓެލްކޯއާ ދެމެދު ހެދި އެއްބަސްވުމުގެ ދަށުން ސެންޓާ އެންޓަޕްރައިސަސް އިން ފޯކްލިފްޓް ގެނެސްފައިވާއިރު ސްޓެލްކޯއިން އެ ފޯކްލިފްޓް ބަލައިގަތުމަށް ދެކޮޅުހަދާފައިވަނީ އެ ފޯކްލިފްޓަކީ އެއްބަސްވެފައިވާ ފަދަ ހަ ޓަނުގެ ފޯކްލިފްޓެއް ނޫން ކަމަށް ބުނެ އެވެ.

އެ އުޅަނދު ސްޓެލްކޯ ގޯތި ތެރޭގައި އޮތުމުން އެތަނުން އެ އުޅަނދު ނެރުމަށް އަމުރުކޮށްދިނުމަށް އެދި ސްޓެލްކޯއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ 2015 ވަނަ އަހަރު ސިވިލް ކޯޓުން ނިންމާފައިވަނީ ސްޓެލްކޯއާ އެއްކޮޅަށެވެ. އެކަމަކު ފަހުން ހައިކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލުކޮށްފަ އެވެ.

އެމައްސަލަ ސްޓެލްކޯގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު ސްޓެލްކޯ އާއި ދެކޮޅަށް އެމައްސަލަ ނިންމާފައިވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ، އެ ފޯކްލިފްޓްގެ ޕްލޭޓް ނަމްބަރުގައި އެއީ 4.6 ޓަނުގެ އުޅަނދެއް ކަމަށް ބުނެފައި އޮތް ނަމަވެސް އެއީ ހަ ޓަނުގެ އުޅަނދެއްކަން އެ ފޯކްލިފްޓް އުފެއްދި ބޭރުގެ ކުންފުނިން ދީފައިވާ ލިޔުންތަކަށް ބަލާއިރު އިނގޭ ކަމަށެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީ އާއި ކަސްޓަމްސްގެ ލިޔުންތަކަށް ބަލާއިރު ވެސް ސްޓެލްކޯ އަށް ގެނެސްދީފައިވަނީ ހަ ޓަނުގެ އުޅަނދެއް ކަން އެނގޭ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެއެވެ.

ފޯކްލިފްޓްގެ މައްސަލަ ސްޓެލްކޯއާ ދެކޮޅަށް ނިންމާފައިވާއިރު، ބަދަލުގެ ގޮތުގައި 40 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދުމަށް ސެންޓާ އެންޓަޕްރައިސަސްއިން ވަނީ ސްޓެލްކޯއާއ ދެކޮޅަށް ދައުވާ ވެސް ކޮށްފައެވެ.
ހިޔާލު