Maabinhuraa massala Supreme Court gai ilthimaas kurumah nimmaifi
image
ހައި ކޯޓުގައި އޮތް އަޑުއެހުމަކަށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ވަޑައިގަންނަވަނީ--
0 ކޮމެންޓް
 

މާބިންހުރާ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމަށް ނިންމައިފި

ޅ. މާބިންހުރާ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ހިޔާނާތުގެ ދައުވާ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.
އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުން އަށް އަހަރުގެ ޖަލު ހުކުމެއް ކޮށްފައިވަނީ ޅ. މާބިންހުރާގެ މައްސަލައިގަ އެވެ. އެގޮތުން އެރަށުގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 77 މިލިއަން ރުފިޔާ (ފަސް މިލިއަން ޑޮލަރު) އަށް އަދީބު ހިޔާނާތްތެރިވެފައިވާ ކަމަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވެ އެވެ.

ހައި ކޯޓުން ބުރާސްފަތި ދުވަހު އެ މައްސަލައިގައި ކުރި ހުކުމުގައި ބުނެފައި ވަނީ އަދީބު ޖަލަށްލުމަށް ކުރި ހުކުމަށްފަހު މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ދޫކޮށްލުމަށް އެންގި ފަރާތްތަކުގެ ތެރޭގައި އަދީބުވެސް ހިމެނޭ ކަމަށެވެ. އަދި 1 ފެބްރުއަރީގެ އަމުރުން ބައެއް ސުޕްރީމް ކޯޓުން ބާތިލުކުރި ނަމަވެސް އިޖުރާއަތާއި ހިލާފަށް ކުރި ހުކުމްތައް ކަމަށް ބުނެފައިވާ ބައި ބާތިލުކޮށްފައި ނުވާ ކަމަށެވެ.

އެހެންކަމުން އަދީބުގެ މައްސަލަ އަލުން ބެލުމުގެ ފުރުސަތު އޮތުމުން އެ މައްސަލަ އަލުން ބެލުމަށް ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފަނޑިޔާރު ހުސައިން ޝަހީދު ވަނީ ހުކުމް ކުރައްވާފައެވެ. އަދި ކްރިމިނަލް ކޯޓުން އެމައްސަލައިގައި އިއްވި ހުކުމް ބާތިލުކުރެއްވި އެވެ.

އެމައްސަލައާއި ގުޅިގެން ޕީޖީ އައިޝަތު ބިޝާމް ބައެއް މީޑިއާތަކަށް ވިދާޅުވެފައި ވަނީ ހައިކޯޓުން އަދީބުގެ މައްޗަށް ސާބިތު ނުވާ ކަމަށް ނިންމި މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރައްވާނޭ ކަމަށާއި، މިހާރު އެކަމުގެ މަސައްކަތްތައް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ފިސްތޯލައެއް ގެންގުޅު ކަމަށް ބުނެ އަދީބުގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެއް ކުރިއިރު، މިދިޔަ ހޯމަ ދުވަހު ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށްފަ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިންނެވި ލޯންޗު ކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގައި އަދީބުގެ މައްޗަށް އިއްވި 15 އަހަރުގެ ޖަލު ހުކުމް ވެސް ވަނީ ބާތިލުކޮށްފަ އެވެ. އަދި އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް ވަނީ އަމުރުކޮށްފަ އެވެ.
ހިޔާލު