Adeeb ge massala thah fonuvaalee dhauvaa thah belun sahha nuvaanethee
image
0 ކޮމެންޓް
 

އަދީބުގެ މައްސަލަތައް ފޮނުވާލީ ދައުވާތައް ބެލުން ސައްހަ ނުވާނެތީ: ކްރިމިނަލް ކޯޓު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މައްޗަށް ދައުވާކުރާ މައްސަލަތައް އަނބުރާ ފޮނުވާލީ މިހާރު ދައުވާ އުފުލާފައި ހުރި ގޮތަށް ކުރިއަށް ގެންދިޔުން ގާނޫނީ ގޮތުން ސައްހަ ނުވާނެތީ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް އިއްވި 15 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް މައްސަލަ އަލުން ބެލުމަށް ހައި ކޯޓުން ވަނީ އަންގާފަ އެވެ. އެކަމަކު ކްރިމިނަލް ކޯޓުން މިދިޔަ ހަފުތާގައި ވަނީ އެ މައްސަލަ ނުބެލޭނެ ކަމަށް ނިންމާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފަ އެވެ.

އަދީބާއި ގުޅޭ 15 މައްސަލައެއް އަނބުރާ ފޮނުވާލަން ކްރިމިނަލް ކޯޓުން ވަނީ ނިންމުމުގައި ބުނީ ފިނިފެންމާ މައްސަލަ އަލުން ބަލަން ހައި ކޯޓުން ކުރި ހުކުމް ބިނާކޮށްފައި އޮތީ މިދިޔަ އަހަރުގެ ފެބްރުއަރީ 1 ގައި ނެރުނު އަމުރުގެ މައްޗަށް ކަމަށެވެ.

އެ އަމުރުގެ ބައެއް ބައިތައް ސުޕްރީމް ކޯޓުން ފަހުން ބާތިލް ކުރިޔަސް، ނުފޫޒު ފޯރުވައިގެން ކޮށްފައިވާ ހުކުމްތަކުގެ ވާހަކަ އޮތް ބައި ބާތިލް ކޮށްފައި ނެތުމުން، ހައި ކޯޓުގެ އެ ހުކުމުގެ އިބާރާތުގައި، ސިޔާސީ އެކި ސަބަބުތަކަށްޓަކައި ގާނޫނު އަސާސީ އާއި ބައިނަލްއަގްވާމީ މުއާހަދާތަކާ ޚިލާފަށް ހިންގާފައިވާ ޖިނާއީ ތަހުގީގުތަކުގެ ވާހަކަ ވެސް ބަޔާން ކޮށްފައި އެބައޮތް ކަމަށާއި އެހެންވެ، ލޯންޗް މައްސަލާގައި ހިންގި ތަހުގީގަކީ ގާނޫނު އަސާސީ އާއި ބޭރުގެ މުއާހަދާތަކާ ޚިލާފަށް ހިންގާފައިވާ ތަހުގީގެއް ކަމަށް ބެލެވޭ ކަމަށް ކްރިމިނަލް ކޯޓުގެ ނިންމުމުގައިވެ އެވެ.

"ގަޒިއްޔާ ކުރިއަށް ގެންދިއުމަކީ ބާތިލް ތަހުގީގެއްގެ މައްޗަށް ހިންގޭ އޭގެ ނަތީޖާ އާއި މަޞީރު ފެށުމުގައި ވެސް ބާތިލް ޝަރީއަތަށް ވެގެންދާނެ ކަމެއް ކަމަށްވާތީ، އެ ގަޒިއްޔާ މިހާރު އޮތްގޮތުގެ މަތިން އިތުރަށް ބަލައި ކުރިއަށް ގެންދިއުން ގާނޫނީ ގޮތުން ސައްހަ ނުވާނެތީ.." އެ ނިންމުމުގައިވެ އެވެ.

ލޯންޗު މައްސަލާގެ އިތުރުން އަދީބު ބަންދުގައި ބަހައްޓައިގެން ހިންގި އެހެން މައްސަލަތަކުގެ ތަހުގީގުތަކާއި ގުޅިގެން އުފުލާފައިވާ ދައުވާތަކުގެ މައްޗަށް ވެސް ހިންގަން ޖެހެނީ އެ އުސޫލު ކަމަށް ނިންމުމުގައި ވެއެވެ.
ހިޔާލު