Jail thakuge audit report Majleehuge maadhamaage jalsa ah
image
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއަށް ޖަލުތަކުގެ އޮޑިޓް ރިޕޯޓް ހަވާލު ކުރައްވަނީ--
މުހައްމަދު ފަތުހުﷲ
0 ކޮމެންޓް
 

ޖަލުތަކުގެ އޮޑިޓް ރިޕޯޓު މަޖިލީހުގެ މާދަމާގެ ޖަލްސާއަށް

ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓްގެ މައްސަލަ މާއްދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.
މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާގައި ޖަލުތަކުގެ އޮޑިޓް ރިޕޯޓް އެޖެންޑާ ކޮށްފައިވަނީ މަޖިލީހުގެ ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ އެޖެންޑާގެ ދަށުން ނެވެ.

ޖަލުތައް އޮޑިޓް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލި ކޮމިޓީން ތިން މަސް ދުވަހަށް ކުރި މަސައްކަތުން ހުރިހާ ޖަލަކާއި، މީހުން ބަންދުކުރާ ތަންތަނަށް ގޮސް ހެދި ދިރާސާއަށްފަހު މިދިއަ ހަފްތާގައި ނެރުނު ރިޕޯޓުގައި ބުނެފައިވާގޮތުން ރާއްޖޭގެ ޖަލުތަކުގެ ހާލަތު އޮތީ ދިވެހިން ލަދުގަންނަން ޖެހޭ ހިސާބުގައި ކަމަށެވެ.

ޖަލުތަކުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެކި މުއައްސަސާތަކުން އިހުމާލުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެޗްއާރްސީއެމް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަދި އެހެނިހެން ތަންތަން ފާހަގަކޮށްފައި ވެއެވެ. އޭގެ އިތުރުން ބައިނަލްއަގްވާމީ މިންގަނޑު "މަންޑޭލާ ރޫލްސް" އަށް ފެތޭ އެންމެ ޖަލެއް ވެސް ރާއްޖޭގައި ނެތް ކަމަށް ބުނެފައި ވެއެވެ.

އެރިޕޯޓް ނެރުމާއި ގުޅިގެން އެޗްއާރުސީއެމުން ބުނެފައިވަނީ އެރިޕޯޓްގައި ހުރީ ދޮގު މައުލޫމާތު ކަމަށެވެ. އެޗްއާރުސީއެމްގެ އެބަޔާނާއި ގުޅިގެން ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައި، ސަރުކާރުން ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކުރާ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ބަދަލުގައި އެއްބާރުލުން ދިނުމަށް އެމިނިސްޓްރީން ވަނީ ގޮވާލާފަ އެވެ.

"ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019 ގައި ފާހަގަކޮށްފައިވާ މައްސަލަތަކަކީ އިސްލާހުކުރަން ޖެހޭކަންކަން ކަމުގައި ބަލައިގަނެ އެކަންކަން އިސްލާހުކުރުމުގެ މަސައްކަތް މި މިނިސްޓްރީއިން ކުރަމުން ގެންދާކަމާއި އަދި ގުޅުންހުރި އެހެން ފަރާތްތަކުންވެސް އެމަގަށް އަމާޒުހިފުމަކީ މި މިނިސްޓްރީގެ އެދުމެއް،" ބަޔާނުގައި ބުނެފައި ވެއެވެ.

ހޯމް މިނިސްޓްރީން އިތުރަށް ބުނީ ޖަލުތައް އޮޑިޓް ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމަކަށްވާއިރު، ޖަލުތައް ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެއްތުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއް ކަމަށެވެ.

"މި ދެންނެވި ސިޔާސަތު ތަންފީޒުކުރުމަށްޓަކައި، ޖަލުތަކުގެ ހާލަތު ދެނެގަތުމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އެކުލަވާލެއްވި ކޮމިޝަނަކީ ފަންނީ ގޮތުން ޤާބިލު ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކޮމިޝަނެކެވެ. އަދި އެ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓަކީ ތަފާތު އެކި ގޮތްގޮތުން އެއްކުރެވިފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގެ ޖަލުތަކުގެ ޙާލަތާއި، އެޙާލަތު އެގޮތުގައި އޮތް ސަބަބުތަކާއި އަދި އެކަންކަން އިސްލާހުކުރުމަށް އަޅަންވީ ފިޔަވަޅުތައްވެސް ހިމެނޭގޮތަށް އެކުލަވާލާފައިވާ ތަފްސީލީ ރިޕޯޓެކެވެ،" ހޯމް މިނިސްޓްރީން ބުންޏެވެ.

ހޯމް މިނިސްޓަރު އިބްރާން އަބްދުﷲ ވަނީ ޖަލުތަކުގެ އޮޑިޓް ރިޕޯޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަށާއި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއަށް އަރުވާފަ އެވެ.
ހިޔާލު