Bayaan nerunas SC ah alun thubaareh nulibeyne: AG
image
ޖަސްޓިސް، ޔޮހާން ކްރީގްލަރގެ އަރިހުގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްޢަތު
ސީއެންއެމް
2 ކޮމެންޓް
 

ބަޔާން ނެރުނަސް ސްޕްރީމް ކޯޓަށް އަލުން އިތުބާރެއް ނުލިބޭނެ: އޭޖީ

ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ދިރާސާ ހެއްދެވުމަށް ސަރުކާރުން ނެގެސްފައިވާ ސައުތު އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް، ޔޮހާން ކްރީގްލަރގެ ނަންފުޅަށް ހުތުރުވާގޮތަށް ސުޕްރީމް ކޯޓުން ބަޔާން ނެރުނު ނަމަވެސް ގެއްލިފައިވާ ސްޕްރީމް ކޯޓްގެ އިތުބާރު އަލުން އިޔާދަ ނުވާނެކަމަށް ބަންޑަރަ ނައިބު އިބްރާހިމް ރިފްޢަތު ވިދާޅުވެއްޖެއެވެ.
އެޓާޏީ ޖެނެރަލްގެ އޮފީހުން ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަށް ބޭނުންވާ ދިރާސާ ކުރުމަށް ގެންނެވި ދެކުނު އެފްރިކާގެ ރިޓަޔަޑް ޖަސްޓިސް ޔޮހާން ކްރީގްލަރ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކާ އިންޒާރު ދިންކަމަށް ސުޕްރީމް ކޯޓުން ތުހުމަތުކޮށް ސްޕްރީމް ކޯޓުން އާދީއްތަ ދުވަހުވަނީ ބަޔާނެއް ނެރެފަ އެވެ.

ސުޕްރީމް ކޯޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށް ފަނޑިޔާރުގެ އިޞްލާޙު ކުރުމަށް މުހިއްމު މަސައްކަތްތަކެއް، ޢިލްމީ އަދި ފަންނީ ފެންވަރުގައި ކުރެވިފައި ވަނިކޮށް، ކްރީގްލަރ ރާއްޖެ ގެންނަވައި، މަޝްވަރާ ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލު ކުރެއްވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހުގެ ފަރާތުން އެދިފައިވާ ކަމަށެވެ.

އެގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މެއި 29 ވަނަ ދުވަހުގެ ރޭ ކްރީގްލަރއާ ބައްދަލުކުރެއްވިކަން ފާހަގަކުރައްވާ ސުޕްރީމް ކޯޓުގެ ބަޔާނުގައި ބުނެފައިވަނީ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ސުޕްރީމް ކޯޓުން ކުރަމުން އަންނަ މަސައްކަތްތަކުގެ މައުލޫމާތު ކްރީގްލަރއާ ހިއްސާކޮށްފައިވާ ކަމަށެވެ. އެކަމަކު ކްރީގްލަރ ގެ ވާހަކަފުޅުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރުދައްކާ އިންޒާރު ދީފައިވާކަމަށް ސުޕްރީމް ކޯޓުން ބުނެފައިވެ އެވެ.

"ރިޓަޔަޑް ޖަސްޓިސް ކްރީގްލަރގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން މަޤާމުން ވަކި ކުރުމުގެ ޕްލޭނެއް އޮތް ކަމަށާއި، ހުތުރުކޮށް އަދި އިހާނެތި ގޮތެއްގައި ފަނޑިޔާރުން ބޭރު ކުރުމުގެ ކުރިން މަޤާމު ދޫކޮށްލުން ފަދަ ގޮތެއް އިޚްތިޔާރު ކުރުން ރަނގަޅުވާނެ ކަމަށާއި، ޤާނޫނުއަސާސީ ބަދަލު ކޮށްގެން ވިޔަސް ފަނޑިޔާރުގެ އަލުން އެކުލަވައިލާނެ ކަމަށާއި، ސިޔާސީ ބާރުތަކާއި ފަނޑިޔާރުގެއާ ދެމެދުގައި މިހާރު އޮތީ ކުރިމަތިލުމެއް ކަމަށާއި އެ ކުރިމަތިލުމުން ފަނޑިޔާރު ގެއަށް ލިބޭނީ ބޮޑު ނާކާމިޔާބީއެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އަދި އޭނާ ތައްޔާރު ކުރައްވައި ހުށަހަޅުއްވާ ރިޕޯޓުގައި ރާއްޖޭގެ ފަނޑިޔާރުން މަޤާމުން ވަކިކުރުމަށް އޭނާ ރެކޮމެންޑް ކުރައްވާނެ ކަމަށް ވެސް ވިދާޅުވެ، ދިވެހި ދައުލަތުގެ ސިޔާދަތީ ބާރުތަކުގެ ތެރެއިން އެއް ބާރު ކަމުގައިވާ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރަށް ވަރަށް ޞަރީޙަ އިބާރާތުން ވަނީ ބިރު ދައްކަވައި އިންޒާރު ދެއްވާފައެވެ." ސުޕްރީމް ކޯޓުން ނެރުނު ބަޔާނުގައި ވެއެވެ.

ސުޕްރީމް ކޯޓުގެ ބަޔާނުގައި ބުނެފައިވަނީ ކްރީގްލަރ ގެ އަމަލަކީ ދިވެހި ދައުލަތުގެ ކަރާމަތާއި ހައިބަތަށް އިޙްތިރާމް ކުޑަކުރުމުގެ ޢަމަލުތަކެއް ކަމުގައި މެނުވީ ނުވާނެ ކަމަށެވެ. އަދި ހުރިހާ ފަރާތްތަކަކުން ވެސް ޤާނޫނުއަސާސީ އިން ކަށަވަރުކޮށްދީފައިވާ ފަނޑިޔާރުގޭގެ މިނިވަންކަމަށް ފުރިހަމައަށް އިޙުތިރާމު ކުރުމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސްނަގައިގެން ފަނޑިޔާރުގެ އިޞްލާޙުކޮށް ހަރުދަނާ ކުރުމަށް ކުރަމުން ގެންދާ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދެމުން ގެންދިޔުމަށް އިލްތިމާސް ކުރައްވާފައިވެ އެވެ.

ސްޕްރީމް ކޯޓުގެ މި ބަޔާނަށް ރައްދުދެއްވައި ބަންޑާރަ ނައިބު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓްވިއުއެއްގައި ވިދާޅުވީ ބައިނަލްއަޤްވާމީ މައިދާނުގައި އިހްތިރާމް ހޯދާފައިވާ ތަޖުރިބާކާރު ފަނޑިޔާރުންގެ ނަންފުޅަށް ހުތުރުވާގޮތަށް ސުޕްރީމް ކޯޓުން ނޫސްބަޔާންނެރެ ވާހަކަ ދެއްކުމަކީ ފަނޑިޔާރުގެއާމެދު ގެއްލިފައިވާ އިތުބާރު އަލުން ހޯދޭނެކަމެއް ނޫން ކަމުގައެވެ.

ފަނޑިޔާރުގެ އިސްލާހުކުރުމަކީ އެޖެންޑާ 19 ގައި އެންމެ އިސްކަންދޭ ކަންތައްކަމަށާއި، ފާއިތުވި އަހަރުތަކުގައި ފަނޑިޔާރުގެ އިސްލާހުކުރަންޖެހޭކަމަށް އދ.އާއި އީޔޫއާއި އަދި އެނޫންވެސް ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާއަތްތަކުން އެތައް ރިޕޯޓްތަކެއް ނެރެފައިވާކަމަށް ބަންޑަރަ ނައިބު ވިދާޅުވި އެވެ. އަދި ޝަރުޢީ ދާއިރާ އިސްލާހުކުރަންޖެހޭ އެތައްކަމެއް ހުރިކަން ބަންޑާރަ ނައިބު ފާހަގަ ކުރެއްވިއެވެ.

1 ފެބުރުއަރީ 2018 ގައި ސުޕްރީމް ކޯޓުގެ ނެރުނު އަމުރަކީވެސް ސުޕްރީމްކޯޓުގެ މައްޗަށް އެކި ސިފަސިފާގައި އެކި މިންވަރަށް ނުފޫޒު ފޯރާފައިވާކަން އެގެން އޮތް އަމުރެއްކަމަށް ބަންޑަރަ ނައިބު ވިދާޅުވިއެވެ.
ހިޔާލު

ގުއިއްޒު

ކޮންސަލްޓަންޓް ބިރުދެއްކިއްޔާ ކޯޓުގެ ހުރުމަތްކެނޑި ކަމުގެ ކުށުގައި 15 ދުވަހަށް އޭނަ ޖަލަށްލާ. ސޫމޫޓޯ އޮންނާނެނުން.

ލަކޫ

ތިޔަބުނާ އިތުބާރު ލިބޭނީ ޝަރުޢީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި ފަރަންޖީން ގެނެސްގެން ސަކަރާއްޖަހައިގެންތޯ ؟ ޝަރުޢީ ދާއިރާގެ އިސްލާހަކީ ކޮބައިތޯ ތިމާބޭނުން ގޮތަކަށް މޮޑޭ ފުއްގަޑެއްގެ ގޮތުގައި އެތަން އޮތުންތޯ ؟