Shahvaalu mahuge 6 roadhaige maaikan
image
މަސްޖިދުއްނަބަވީ--
0 ކޮމެންޓް
 

ޝައްވާލު މަހުގެ ހަ ރޯދައިގެ މާތްކަން

ހެޔޮކަންތަކުގެ މަތީގައި ދެމިހުރުމަކީ ކޮންމެ މުސްލިމެއްގެ ކިބައިން ނުހަނުބޮޑަށް އެދެވިގެންވާ ކަމެކެވެ. ނަފްސު ޠާހިރުކޮށް، އާޚިރަތް ބާއްޖަވެރިކޮށް، ހައްދަވާ ގެންގުޅުއްވާ އިލާހުގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި، ކޮންމެހެންވެސް ބޭނުން ކަމެކެވެ.
މިގޮތުން ރޯދައަކީ ހިތްތަކުގައި ޖަހާ ދަބަރު ފިލުވާލާ މުހިއްމު އަޅުކަމެކެވެ. ހިތްތަކުގެ ބަލިތަކުން ޝިފާ ލިއްބައިދޭ ބޭހެކެވެ. އެހެންކަމުން ރަމަޟާން މަސް ލެއްވިގެންވަނީ ހިތްތަކަށް ފަރުވާ ކުރުމަށް ލިބޭ މުހިއްމު މޫސުމެއްކަމުގައެވެ. އަދި ހިތްތަކަށް ލިބޭ ޠަހާރަތެއް ކަމުގައެވެ.

ރަމަޟާން މަސް ނިމުމަށްފަހު ޝައްވާލުމަހުން ހަ ދުވަހު ރޯދަ ހިފުމަކީ މިގޮތުން ލިބިގެންދާ އަގުހުރި ފުރުޞަތެކެވެ. އެހެނީ ރަމަޟާން މަހުގެ ރޯދައަށްފަހު، ޝައްވާލުމަހުން ހަ ރޯދަ ހިފުމުގެ ސަބަބުން ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ ތެރޭގައި އޭނާއަށް ހުރެވޭތީއެވެ.

ޝައްވާލު މަހުގެ ހަ ދުވަހުގެ ރޯދަހިފުމަށް ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އުއްމަތަށް އިރުޝާދު ދެއްވާފައެވެ. އޭގެ މާތްކަން ބަޔާން ކުރައްވާފައެވެ. މި ހަ ރޯދަ ހިފުމަށް ބާރުއަޅުއްވާފައިވެއެވެ.

ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘުކުރެއްވިއެވެ. «مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتاًّ مِنْ شَوَّال كَانَ كَصِيَامِ الدَّهْرِ» [رواه مسلم وغيره] މިބަސްފުޅުގެ މާނައީ: "ރަމަޟާން މަހުގެ ރޯދައަށް ފަހު ޝައްވާލު މަހުން ހަ ރޯދަ ހިފައިފީ މީހާ މުޅި އަހަރުގެ ރޯދަ ހިފި ފަދަ އެވެ."

الإمام النووي رحمه الله ވިދާޅުވިއެވެ. ޢިލްމުވެރިން ވިދާޅުވިއެވެ. މުޅި އަހަރުގެ ރޯދަ ހިފި ކަމުގައި ވަނީ، އެއީ ހަމަކަށަވަރުން ހެޔޮކަމެއް ވަނީ އޭގެ 10 ގުނަ ފަދައިންނެވެ. ފަހެ ރަމަޟާން މަހަކީ 10 މަސް ފަދައެވެ. ހަ ދުވަހަކީ ދެމަސް ފަދައެވެ.

އޭގެ މާނައަކީ؛ ކޮންމެ ހެޔޮކަމެއް އެއީ އޭގެ 10 ގުނަ ފަދައިން ސަވާބާއި ދަރުމަ ލިބޭނެ ކަމެކެވެ. އެގޮތުން މުޅި ރަމަޟާންމަހުގެ ރޯދަ ހިފުމުން އޭގެ 10 ގުނަ ސަވާބާއި ދަރުމަ ލިބިގެން ދެއެވެ. އެއީ 10 މަސް ދުވަހެވެ.

ހަ ރޯދަ ހިފުމުން އެއީ 60 ރޯދަ ހިފި ފަދައެވެ. އެއީ ދެމަސް ދުވަހެވެ.

އެހެން ކަމުން މުޅި އަހަރުގެ ރޯދަ ހިފުމާއި އެއްފަދަ ކަމަށް ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެވަނީ އިރުޝާދު ދެއްވާފައެވެ.

މި މަތިވެރި ބޮޑު ދަރުމައިން އަމިއްލަ ނަފްސާއި ގާތްތިމާގެ މީހުންނާއި އެކުވެރިން މަޙްރޫމު ނުކުރައްވާށެވެ. އަމިއްލައަށް މި ހަ ރޯދަ ހިފާށެވެ. އަދި އެހެންމީހުންނަށްވެސް މީގެ މާތްކަމާއި މަތިވެރިކަން ބަޔާން ކޮށްދެއްވާށެވެ.

ހަނދުމަ ކުރައްވާށެވެ. ހެޔޮ ކަމަކަށް މަގުދައްކައިފި މީހާއަށް އެ ހެޔޮކަމެއް ކުރާ މީހާއަށް ލިބޭ މިންވަރަށް ސަވާބާއިދަރުމަ ލިބޭނެއެވެ. އެއީ އެ ޢަމަލު ކުރާމީހާގެ ސަވާބާއި ދަރުމައިން އެއްވެސް މިންވަރެއް އުނި ނުވާ ޙާލުގައެވެ. މިއީ ނަބަވީ ދޫފުޅުން އަޅުގަނޑުމެންނަށް ދެއްވާފައިވާ އުފާވެރި ޚަބަރެކެވެ.

އެހެންކަމުން ތިމާއަށް ވީ މިންވަރަކުން، ބޭނުން ކުރެވުނު ކޮންމެ ވަޞީލަތެއް ބޭނުންކޮށްގެން، މި ހެޔޮކަމަށް މީސްތަކުންނަށް މަގު ދައްކަވާށެވެ.
ހިޔާލު