Jalu thah rangalhu kuran kuraa masakkiy monitor kuran committee eh ekulavaalaifi
image
ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ފޮޓޯ: ހޯމް މިނިސްޓްރީ
0 ކޮމެންޓް
 

ޖަލުތައް ރަނގަޅު ކުރަން ކުރާ މަސައްކަތް މޮނިޓާ ކުރުމަށް ކޮމިޓީއެއް އެކުލަވާލައިފި

ރާއްޖޭގައި މީހުން ބަންދު ކުރާ ތަންތަނާއި ޖަލުތައް އޮޑިޓް ކުރުމަށްފަހު ނެރުނު ރިޕޯޓުގައިވާ ހުށަހަޅާފައިވާ ކަންކަން ކުރަމުންދޭތޯ ބެލުމަށް ހާއްސަ ކޮމިޓީއެއް އުފައްދައިފި އެވެ.
ޕްރިޒަންސް ރިފޯމް މޮނިޓަރިން ކޮމިޓީ އުފެއްދުމަށް އެ ރިޕޯޓުގައި ވަނީ ހޯމް މިނިސްޓަރަށް އަންގާފަ އެވެ. އެގޮތުން ހޯމް މިނިސްޓަރުން އިމްރާން އަބްދުﷲ މިއަދު ވަނީ ކޮމިޓީ އެކުލަވާލާފަ އެވެ.

ޖަލުތަކުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ހޯމް މިނިސްޓަރު އެކުލަވާލާ ކޮމިޓީގެ ޒިންމާއަކަށް ވާނީ ރިޕޯޓުގައިވާ ފާހަގަކޮށްފައިވާ ކަންކަމާއި، އިސްލާހް ކުރަން ހުށަހަޅާފައިވާ ކަންކަން ކުރަމުންދޭތޯ ބެލުމާއި، އިސްލާހް ގެނައުމަށް އެހީތެރިވެދީ، ތާވަލު ކުރެވޭ ގަވައިދަކުން އެކަންކަން ކުރަމުންދޭތޯ ބެލުމެވެ.

ފަސް މެމްބަރުންގެ ކޮމިޓީގައި ހިމެނެނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި، ސްޓޭޓް ހޯމް މިނިސްޓަރު އަލީ ނަޒީރާއި، ކަރެކްޝަންސްގެ އިންސްޕެކްޓާ އަހްމަދު މުހައްމަދުފުޅާއި، ޕްރިޒަންސްގެ ސުޕްރިންޓެންޑެންޓް މުހައްމަދު އާސިފާއި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރެވެ.

ޖަލުތަކުގެ އޮޑިޓެއް ހެދުމަކީ ސަރުކާރުގެ 100 ދުވަހުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އޭގެ މައިގަނޑު ބޭނުމަކީ ޖަލުތަކުގެ މިހާރުގެ ހާލަތު ބަލައި އިޞްލާޙު ކުރަން ހުރި ކަންކަން ފާހަގަކޮށް ރިޕޯޓެއް އެކުލަވާލުމެވެ.

ޖަލުތައް އޮޑިޓް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލި ކޮމިޓީން ތިން މަސް ދުވަހަށް ކުރި މަސައްކަތުން ހުރިހާ ޖަލަކާއި، މީހުން ބަންދުކުރާ ތަންތަނަށް ގޮސް ހެދި ދިރާސާއަށްފަހު މިދިޔަ ހަފްތާގައި ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުން ރާއްޖޭގެ ޖަލުތަކުގެ ހާލަތު އޮތީ ދިވެހިން ލަދުގަންނަން ޖެހޭ ހިސާބުގަ އެވެ.

ޖަލުތަކުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެކި މުއައްސަސާތަކުން އިހުމާލުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެޗްއާރްސީއެމް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަދި އެހެނިހެން ތަންތަން ފާހަގަކޮށްފައި ވެއެވެ. އޭގެ އިތުރުން ބައިނަލްއަގްވާމީ މިންގަނޑު "މަންޑޭލާ ރޫލްސް" އަށް ފެތޭ އެންމެ ޖަލެއް ވެސް ރާއްޖޭގައި ނެތް ކަމަށް ބުނެފައި ވެއެވެ.

އެރިޕޯޓް ނެރުމާއި ގުޅިގެން އެޗްއާރުސީއެމުން ބުނެފައިވަނީ އެރިޕޯޓްގައި ހުރީ ދޮގު މައުލޫމާތު ކަމަށެވެ. އެޗްއާރުސީއެމްގެ އެބަޔާނާއި ގުޅިގެން ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައި، ސަރުކާރުން ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކުރާ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ބަދަލުގައި އެއްބާރުލުން ދިނުމަށް އެމިނިސްޓްރީން ވަނީ ގޮވާލާފަ އެވެ.

"ދިވެހިރާއްޖޭގެ ޖަލުތަކުގެ އޮޑިޓް ރިޕޯޓް 2019 ގައި ފާހަގަކޮށްފައިވާ މައްސަލަތަކަކީ އިސްލާހުކުރަން ޖެހޭކަންކަން ކަމުގައި ބަލައިގަނެ އެކަންކަން އިސްލާހުކުރުމުގެ މަސައްކަތް މި މިނިސްޓްރީއިން ކުރަމުން ގެންދާކަމާއި އަދި ގުޅުންހުރި އެހެން ފަރާތްތަކުންވެސް އެމަގަށް އަމާޒުހިފުމަކީ މި މިނިސްޓްރީގެ އެދުމެއް،" ބަޔާނުގައި ބުނެފައި ވެއެވެ.
ހިޔާލު