Trump UK ah vadaigenfi
image
ޓްރަމްޕް އިނގިރޭސިވިލާތަށް ވަޑައިގެންނެވުމުން ބޮޑުވަޒީރު މޭ އާއި ފޮރިން ސެކްރެޓަރީ މަރުހަބާ ދަންނަވަނީ.-- ފޮޓޯ: ގެޓީ އިމޭޖަސް
0 ކޮމެންޓް
 

ޓްރަމްޕް އިނގިރޭސިވިލާތަށް ވަޑައިގެންފި

ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދެކަނބަލުން އިނގިރޭސިވިލާތަށް މިއަދު ވަޑައިގެންފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޓްރަމްޕްގެ ދަތުރުފުޅުގައި އިނގިރޭސި ޝާހީ އާއިލާގެ މެމްބަރުންނާ ބައްދަލު ކުރައްވާނެ އެވެ. އަދި މަގާމު ދޫކޮށްލަން ތައްޔާރުވަމުން އަންނަ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރީސާ މޭ އާ އެކު މަޝްވަރާ ބައްދަލުވުންތައް ވެސް ބާއްވާނެ އެވެ.

އެގޮތުން ޓްރަމްޕް އާއި މޭގެ ބައްދަލުވުންތަކުގައި ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާ ކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި ޗައިނާގެ މަޝްހޫރު ޓެލެކޮމް ކުންފުނި ވާވޭގެ މައްސަލާގައި ވެސް ދެ ލީޑަރުން މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވެ އެވެ.

ޓްރަމްޕް އިނގިރޭސިވިލާތަށް ވަޑައިގެންނެވުމުގެ އިރުކޮޅެއް ކުރިން ވަނީ، ލަންޑަންގެ މޭޔަރު ސާދިގް ހާން އަށް ފާޑުވިދާޅުވެފަ އެވެ. ޓްރަމްޕް އާއި ހާންގެ މެދުގައި މީގެ ކުރިން ވެސް ވަނީ ވަރަށް ބޮޑަށް ހިޔާލުތަފާތުވުންތައް އުފެދިފަ އެވެ.

އެގޮތުން ޓްރަމްޕް އަށް އިނގިރޭސިވިލާތުން "ރަތް ކާޕެޓް"ގެ މަރުހަބާއެއް ކިޔުމަށް ހާން މީގެ ކުރިން ވަނީ ދެކޮޅު ހައްދަވައިފަ އެވެ. ޓްރަމްޕް އިނގިރޭސިވިލާތަށް ވަޑައިގެންނެވުމުގެ އިރުކޮޅެއް ކުރިން ހާން އަކީ "ބޮޑުތަނުން ނާކާމިޔާބުވެފައި ހުރި ބޭފުޅެއް" ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕްގެ ދަތުރުފުޅާ ގުޅިގެން ލަންޑަންގައި ވަނީ ބޮޑު މުޒާހަރާއެއް ބާއްވަން ތައްޔާރުވެފަ އެވެ. އަދި އޭގެ އިތުރުން ބެމްޗެސްޓާ އާއި ބެލްފާސްޓްގެ އިތުރުން ބްރިމިންހަމްގައި ވެސް މުޒާހަރާތައް ބާއްވަން ވަނީ ތައްޔާރުވެފަ އެވެ.
ހިޔާލު