Eid Huthubaa: Ebbai vantha kamaa eku haggu thah adhaa kuraasheve!
image
0 ކޮމެންޓް
 

އީދު ހުތުބާ: އެއްބައިވަންތަކަމާއެކު ހައްގުތައް އަދާ ކުރާށެވެ!

ޙަމްދު ހުރީ އީމާންކަމުގެ ނޫރުން އަޅަމެންގެ ހިތްތައް އާރާސްތު ކުރެއްވި މަތިވެރި الله އަށެވެ. ރަމަޟާން މަހު ރޯދަ ހިފުމުގައި ދެއްވި ތައުފީޤަށްޓަކައި އެކަލާނގެއަށް ސަނާ ދަންނަވަމެވެ. الله ފިޔަވައި އެހެން އިލާހަކު ނުވާކަމަށާއި، އެކަލާނގެ އެއްކައުވަންތަ ކަމަށާއި، އެކަލާނގެއަށް ބައިވެރިއަކު ނުވާ ކަމަށް އަޅު ހެކިވަމެވެ. އަޅަމެންގެ ސާހިބާ އަދި ނަބިއްޔާ މުޙައްމަދުގެފާނަކީ އެކަލާނގެ އަޅާ ކަމަށާއި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ. ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާކޮ! އެކަލޭގެފާނުގެ މައްޗަށް ޤިޔާމަތާ ޖެހެންދެން ޞަލަވާތާއި ސަލާމާއި ބަރަކާތް ލައްވާނދޭވެ! އަދި މި ޞަލަވާތާއި ސަލާމާއި ބަރަކާތުގައި އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުން ޝާމިލު ކުރައްވާނދޭވެ!
މުސްލިމް އަޚުންނާއި އުޚްތުންނޭވެ! އަހުރެންގެ އަމިއްލަ ނަފްސަށާއި ތިޔަ އެންމެ ކަލުންނަށާއި ކަނބަލުންނަށް، الله އަށް ތަޤްވާވެރިވުމަށް ވަޞިއްޔަތްކޮށް، الله ގެ މަތިން ހަނދުމަކޮށް ޛިކުރު ކުރުމަށް ނަސޭޙަތްތެރިވަމެވެ. މިއީ މުސްލިމުންގެ ޢީދު ދުވަހެވެ. މިއީ ތަކްބީރުގެ ދުވަހެވެ. މުސްލިމުންގެ ޢީދުގެ ޒީނަތްތެރިކަމަކީ ތަކްބީރެވެ.

لله ގެ އަޅުތަކުންނޭވެ! މި ބާއްޖަވެރި ދުވަހުގައި މާތް الله އަހުރެމެންނަށް ދެއްވާފައިވާ ނިޢުމަތާއި ދަރުމައިގެ މަތިން ހަނދުމަކުރާށެވެ! މިއަދަކީ ރޯދަވެރިންނަށް ކާމިޔާބީގެ ތާޖާއި އިނާމު ދެއްވާ ދުވަހެވެ. މާތް الله އަށް ކިޔަމަންތެރިވި އަޅުންނަށް މި ދުވަސް ބާއްޖަވެރި ޢީދެއް ކަމުގައި ލެއްވިއެވެ. الله ގެ އަމުރުފުޅުތަކަށް ތަބާވެ އެކަލާނގެ އިންތަކަށް ރައްކައުތެރިވިކަމުގެ ހެޔޮ ޖަޒާއެއްގެ ގޮތުންނެވެ. ރޯދައިގެ ދުވަސްތައް ފުރިހަމަ ކުރެވުނީތީ ތިޔަބައިމީހުން އެކަލާނގެއަށް ޝުކުރު ކުރާށެވެ! އެކަލާނގެ ތިޔަބައިމީހުންނަށް ދެއްވި އިސްލާމްދީނުގެ ނިޢުމަތަށްޓަކައި އެކަލާނގެ މަތިން ހަނދުމަކޮށް ތަކްބީރު ކިޔާށެވެ!

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މިއަދު މުސްލިމުން ޢީދު ނަމާދަށްޓަކައި މި އެއްވާ އެއްވުމުން ފެނިގެން މި ދަނީ މުސްލިމުންގެ އެއްބައިވަންތަކަމެވެ. ކުޑަކުދިންނާއި ބޮޑެތިމީހުންނާއި، އަންހެނުންނާއި، ފިރިހެނުންނާއި، ފަޤީރުންނާއި، މުއްސަނދީންގެ މެދުގައިވާ އެކުވެރިކަމާއި ރަޙްމަތްތެރިކަމެވެ. އެބައިމީހުންގެ އެއްކައުވަންތަ ރަސްކަލާނގެ ޙަޟްރަތުގައި އެކަލާނގެއަށް ޙަމްދާއި ސަނާ ދަންނަވައި އެކަލާނގެ މަތިވެރިކޮށް ތަޢުތީމު ކުރާ މަންޒަރެވެ.

މުސްލިމް އަޚުންނާއި އުޚްތުންނޭވެ! ޙަސަދަވެރިކަމާއި ބައިބައިވުމާއި އަރާރުންތަކާ ދުރުހެލިވުމަށް މިއަދު ޢަޒުމު ކަނޑައަޅަމާ ހިނގާށެވެ! ކޮންމެ މީހަކުވެސް އަނެކާގެ ޙައްޤުތައް އަދާކުރަމާ ހިނގާށެވެ! އެންމެ ފުރަތަމަ الله ގެ ހައްޤުތައް އަދާކުރާށެވެ! މާތް الله އަހުރެމެން ހެއްދެވީ އެކަލާނގެއަށް އަޅުކަން ޚާލިޞްކުރުމަށެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ.

މާނައީ: "ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީންނެއް ނަހައްދަވަމެވެ."

އެއަށްފަހު ދެން މައިންބަފައިންގެ ޙައްޤުތައް އަދާކުރުމަށް ތެދުވަމާ ހިނގާށެވެ! އެއީ ބޮޑުވެގެންވާ ޙައްޤެކެވެ. މާތް الله ގެ ޙައްޤުތައް އަދާ ކުރުމަށް އެންގެވި ބަސްފުޅު ވިދިގެން އެކަލާނގެ އަހުރެމެންނަށް މި އަންގަވަނީ މައިންބަފައިންގެ ޙައްޤުތައް އަދާކުރުމަށެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ.

މާނައީ: "އެކަލާނގެއަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރަސްކަލާނގެ ކަނޑައަޅުއްވައި އެންގެވިއެވެ." ތިމާގެ ރަޙިމުގެ ގުޅުންތައް ދަމަހައްޓާ މީހާއަށް މާތް ރަޙްމަތް ލައްވާނެތެވެ. އެމީހުން މި ގުޅުން ކެނޑިކަމުގައި ވީނަމަވެސް ތިބާ މި ގުޅުން ކަނޑައިނުލާށެވެ! އެމީހުންނަށް ޒިޔާރަތްކޮށް ހަދިޔާބަދިޔާ ދީ އުޅޭށެވެ! ރަސޫލާ ޙަދީޘް ކުރެއްވިއެވެ.

މާނައީ: "ރަޙިމުގެ ގުޅުން ދަމަހައްޓާ މީހަކީ އޭނާ އަށް މީހަކު ދޭ އެއްޗަކަށް އެއްޗެއް ދޭ މީހާއެއް ނޫނެވެ. އެކަމަކު ގުޅުން ދަމަހައްޓާ މީހަކީ، އޭނާއާ ގުޅުން ކެނޑިނަމަސް އެ ގުޅުން ދަމަހައްޓާ މީހާ އެވެ."

اللهގެ އަޅުތަކުންނޭވެ! ޢީދު ދުވަހު އަރަމުން އަންނަ އިރާއެކު ތިބާގެ ތުންފަތުން ހިނިތުންވެލުމުގެ އިރު ފާޅުކުރާށެވެ! ލޯތްބާއި ކުލުނާއި އަޚުވަންތަކަމުގެ ޝުޢޫރުތައް ފާޅުކުރާށެވެ! ގާތްތިމާގެ އެންމެންގެ މެދުގައި ރަޙިމުގެ ގުޅުން އައުކުރާށެވެ! ރަޙްމަތްތެރިންގެ މެދުގައި އެކުވެރިކަން ބަދަހި ކުރާށެވެ!

މުސްލިމް އަޚުންނާއި އުޚްތުންނޭވެ! މިއަދަކީ ފިތުރު ޢީދު ދުވަހެވެ. ފިތުރު ޢީދަށް ބަލާއިރު އެއީ މާތް الله ފަރްޟު ކުރެއްވި ރަމަޟާން މަހުގެ ރޯދައާއި ގުޅިގެން އަންނަ ޢީދެވެ. ރޯދައިގެ އަޅުކަން އަދާ ކުރެވުނީތީ އެކަމަށް ޝުކުރު ކޮށް، ފިތުރު ޒަކާތް ނެރޭ ދުވަހެވެ. އެއީ ރަމަޟާން މަހު ރޯދަ ހިފި މީހުންނަށް މާތް الله އިނާމު ދެއްވާ ދުވަހެވެ.

އިސްލާމީ ޢީދުތައް ފެށެނީ އިޖުތިމާޢީ ބޮޑު ބައްދަލުވުމަކުންނެވެ. މިއީ މާތް އަށް ޝުކުރު ދެންނެވުމަށްޓަކައި ބޭއްވޭ ޢީދު ނަމާދުގެ ބައްދަލު ވުމެވެ. މިއަދު އެއްބަޔަކު އަނެއް ބަޔަކާ ބައްދަލުވެ، ސަލާމްކޮށް ޢީދުގެ ތަހުނިޔާ ބަދަލު ކުރުމުގެ ފުރުޞަތު ތަނަވަސް ވެގެން ދެއެވެ. އެކަކު އަނެކަކާ ބައްދަލު ކޮށް، ކޮންމެ މީހަކު ވެސް އެ މީހެއްގެ ހިތުގައިވާ އިސްލާމީ އުޚުއްވަތްތެރިކަމާއި ގާތްތިމާގެކަމުގެ ޝުޢޫރުތައް ފާޅު ކުރެއެވެ.

އިސްލާމީ ޢީދުތަކަކީ އެކަމުގައި އެންމެން ބައިވެރި ކުރުވަންޖެހޭ އިޙްތިފާލު ތަކެކެވެ. އެ ދުވަސްތަކުގައި އުފާ ފާޅުކުރަންވީ، ހަމަ އެކަނި ތަނަވަސްކަން ލިބިގެންވާ މީހުންނެއް ނޫނެވެ. ތަނަވަސްކަން ލިބިގެންވާ މީހުން، އެ ތަނަވަސްކަން ފަޤީރުންނަށާއި މިސްކީނުންނަށް ފޯރުކޮށްދީ ޢީދުގެ އުފަލުގައި އެ މީހުން ބައިވެރި ކުރުވަންވާނެ އެވެ. ފިތުރު ޢީދު ދުވަހު، ޢީދު ނަމާދުގެ ކުރިން ފިތުރު ޒަކާތް ނެރުމަށް އަންގަވާފައި ވަނީ މިހެން ވެގެންނެވެ. މި ކަމުގެ ސަބަބުން ފަޤީރުންނަށް ސަލާން ނުޖަހައި ދިރި އުޅެވޭ ވަރުގެ ތަނަވަސްކަމެއް ލިބިގެން ދާނެތީއެވެ.

އިސްލާމީ ޢީދުތަކަކީ ޒީނަތްތެރިވުމުގެ މުނާސަބަތުތަކެކެވެ. މިހެންވެ ޢީދު ދުވަހަށްޓަކައި ހިނައިގަތުން ސުންނަތް ވެގެންވެއެވެ. އެމީހެއްގެ އަތުގައި އޮތް އެންމެ ރީތި ފޭރާމެއް ލުން ސުންނަތް ވެގެންވެއެވެ. ޢީދު ދުވަހު ހުވަނދުލުމާއި މީރުވަސް ދުވާ އެއްޗެތީގެ ބޭނުން ކުރުމަކީ އިސްލާމީ ރިވެތި އަދަބެކެވެ.

އިސްލާމް ދީނުގައި ޢީދުތައް ޝަރްޢު ކުރައްވާފައި ވަނީ ހަމަ އެކަނި އުފާފާޅުކޮށް މަޖާކުރާކަށް ނޫނެވެ. އެކަމަކު އެ ކަން ޝަރްޢު ކުރައްވާފައިވަނީ އިސްލާމީ މުޖުތަމަޢުގެ އަފްރާދުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށްޓަކައެވެ. އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމަށްޓަކައެވެ. މުސްލިމުންގެ މެދުގައި ހެޔޮ ފޯރުވުމުގެ ރަނގަޅު އާދަ ފެތުރުމަށްޓަކައެވެ. ޢީދުގެ ތެރޭގައި ހެޔޮ ފޯރުވައި އެއްބަޔަކު އަނެއްބަޔަކަށް އަޅައިލުމަކީ އިސްލާމީ ރިވެތި އަދަބެކެވެ. މިހެންވެ، ކީރިތި ރަސޫލާ ބޯ ފިތުރު ޢީދުގެ މުނާސަބަތާ ގުޅޭ ގޮތުން ޙަދީޘް ކުރައްވާފައި ވެއެވެ.

މާނައީ: "އެބައިމީހުން މިއަދު ސަލާންޖެހުމުން ފުދުންތެރި ކުރާށެވެ!" ކީރިތި ރަސޫލާ ޢަޤީގެ ޙަދީޡް ބަސްފުޅެއްގެ މާނާގައި ވެއެވެ. "ޢީދު ނަމާދު ކުރުމުގެ ކުރިން އެ ޒަކާތް ދެއްކި މީހާގެ ކިބައިން އެއީ ޤަބޫލުވަނިވި ޒަކާތެކެވެ. އެކަމަކު ނަމާދުގެ ފަހުން އެ އަދާކުރި މީހާގެ ކިބައިން އެއީ ޞަދަޤާތެކެވެ."

ފަހު ހުތުބާ

ޙަމްދު ހުރީ الله އަށެވެ. އެ ކަލާނގެ ލޯބިވެ ވޮޑިގެންވާ މިންވަރަށް އަދި ރުހިވޮޑިގެންވާ ގޮތަށް އެ ކަލާނގެއަށް ގިނަގުނަ ޙަމްދާއި ރިވެތި ސަނާއިން އަޅަމެން ސަނާ އާއި ތަޢުރީފު ދަންނަވަމުއެވެ. އެކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވާކަމަށާއި، އެކަލާނގެ އެއްކައުވަންތަ ކަމަށާއި، އެކަލާނގެއަށް ބައިވެރިއަކު ނުވާ ކަމަށް އަޅު ހެކިވަމެވެ. މުޙައްމަދުގެފާނީ اللهގެ އަޅުކަމަށާއި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ. އެކަލޭގެފާނަށާއި އެކަލޭގެފާނުގެ އާލު އަޞްޙާބުންނާއި، ޤިޔާމަތަށް ދާންދެން އެ ކަލޭގެފާނަށް ތަބާވީހައި ބަޔަކަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލައްވާނދޭވެ! އާމީން!

މުސްލިމް އަޚުންނާއި އުޚްތުންނޭވެ! ރަމަޟާން މަސް އަޅުގަނޑުމެންނާ ވަކިވެ ހިނގައްޖެ އެވެ. އެ މަސް އަޅުގަނޑުމެންނާ ވަކިވެ ގޮސްފައިވަނީ އަޅުގަނޑުމެންނަށް ނުވަތަ އަޅުގަނޑުމެންގެ މައްޗަށް ހެކިދޭ ހެކިވެރިއެއްގެ ގޮތުގައެވެ. މާތް އަންގަވާފައިވާ ގޮތަށް ރޯދަ ހިފައި، ރޭއަޅުކަން ކުރި މީހުންނަށް ޝަފާޢަތްތެރި ވަމުންނެވެ.
މުސްލިމް އަޚުންނާއި އުޚްތުންނޭވެ! ބައެއް މީހުން ރަމަޟާން މަހު، اللهގެ ޙަޟްރަތަށް ކުއްތަންވެވޭތޯ ގަދައަޅައި މަސައްކަތް ކުރެއެވެ. ނަމާދުކޮށް، ރޯދަ ހިފައި ރޭއަޅުކަން ކޮށްގެންނެއެވެ. ނަމަވެސް ރަމަޟާން މަސް ނިމުމުން ނަމާދު ކުރާކަށް ހަނދާނެއް ނުހުރެއެވެ. اللهއާ އެފަދަ މީހުންނާ ދެމެދުވާ ވައުފަށް ކަނޑައިލައެވެ.

އެމީހުން މުޞްޙަފެއް ހުޅުވާލާތަނެއް ނުފެނެއެވެ. ޛިކުރު ކުރާ ތަނެއް ވެސް ނުފެނެއެވެ. ރޯދަ އަކީ ތަރުބިޔަތުގެ ބޮޑު މަދަރުސާއެކެވެ. އިސްލާމްދީނަކީ އެދީނުގެ ޝިޢާރުތަކުގެ ތެރެއިން ލައިފް މާތް މުޖުތަމަޢެއް ބިނާކުރުމަށް ތަމްރީނުދޭ ދީނެކެވެ. މި ތަމްރީނުގެ އަމާޒަކީ އުއްމަތުގެ އެންމެހައި އަފްރާދުން އެއްބަނޑުއެއްބަފާ ކުރުމެވެ. ކީރިތި ރަސޫލާ ޤާ ގެ ޙަދީޡް ބަސްފުޅެއްގެ މާނާގައި ވެއެވެ.

"ކޮންމެ މުސްލިމަކީ އަނެއް މުސްލިމާގެ އަޚެކެވެ. އޭނާ އޭނާގެ އަޚާއަށް އަނިޔާވެރިއެއް ނުވާނެއެވެ. އިޙްތިރާމު ކުޑައެއް ނުކުރާނެއެވެ. އޭނާގެ ޤަދަރު ވައްޓައެއް ނުލާނެއެވެ. އޭނާގެ ލެއާއި މުދަލާއި އަބުރު ރައްކައުތެރިކުރާނެއެވެ. އޭނާގެ އަޚާގެ މުހުތާދެއް ފުއްދައިދިނުމަށް އުޅޭ މީހާގެ މުހުތާދުތައް الله ފުއްދަވައި ދެއްވާނެތެވެ. އޭނާގެ އަޚާއާ ކުރިމަތިވި ބަދުނަޞީބު ކަމަކުން ސަލާމަތްކޮށްދިން މީހާ، ޤިޔާމަތް ދުވަހުގައި މާތް الله އޭނާ ރައްކައުތެރިކޮށް، ސަލާމަތްކޮށް ދެއްވާނެތެވެ."

ކީރިތި ރަސޫލާ ގެ ސާފު ޞަރީޙަ ބަސްފުޅުން އެނގޭ ގޮތުގައި "މުސްލިމަކު އޭނާގެ ނަފްސަށް އެދޭ ކޮންމެ ކަމެއް އޭނާގެ މުސްލިމް އަޅާ އަށް ލިބުމަށް ލޯބިކޮށްފުމަށް ދާނދެން އޭނާގެ އީމާންކަން ފުރިހަމަ ނުވާހުއްޓެވެ."

މުސްލިމު އަޚުންނާއި އުޚްތުންނޭވެ! ވަޠަނުގެ އަމްނާ އަމާންކަމަކީ މާތް الله އިންސާނަކަށް ދެއްވާނެ އެންމެ ބޮޑު އެއް ނިޢުމަތެވެ. އެއީ ތަރައްޤީ އާއި ހިތްހަމަޖެހުން ލިބުމުގެ އަސާސެވެ. އެއީ ކޮންމެ އިޚްލާޞްތެރިއަކު ދަހިވެތިވާނެ ކަމެކެވެ. އެއީ ރަސޫލުބޭކަލުން އެކަމަށްޓަކައި ދުޢާ ކުރެއްވި ކަމެކެވެ. الله ގެ ޚަލީލު އިބްރާހީމު ޢަލައިހިއްސަލާމު الله ގެ ޙަޟްރަތުގައި ޚުޝޫޢަތްތެރިކަމާ އެކު ދުޢާކުރައްވަމުން ވިދާޅުވި އެވެ.

މާނައީ: "އަޅުގެ ވެރިރަސްކަލާކޯއެވެ! މިރަށަކީ އަމާންކަން ލިބިގެންވާ ރަށެއް ކަމުގައި ލައްވައިފާނދޭވެ! އަދި އެރަށުގެ އަހުލުވެރިން ކުރެ الله އަށާއި އާޚިރަތް ދުވަހަށް އީމާންވި މީހުންނަށް މޭވާތަކުން ރިޒުޤު ދެއްވައިފާނދޭވެ!"

އިބްރާހީމުގެފާނުގެ މި ދުޢާފުޅުގައި އެންމެ އިސްކަން މި ދެއްވި ރަށުގެ އަމާނަށެވެ. ކާބޯތަކެއްޗަށް ވުރެ އިސްކަން މި ދެއްވީ އަމަންއަމާންކަމަށެވެ. އެހެނީ އަމާންކަމެއް ނެތް ތަނެއްގައި ހިތްހަމަޖެހުމެއް ނޯންނާނެ އެވެ. އަމާންކަން ނެތް ތަނެއްގައި ހަމަޖެހުމެއް ވެސް ނޯންނާނެ އެވެ. އެހެންކަމުން އެންމެން ވެސް ޤައުމުގެ ޞުލްޙަ މަސަލަސްކަމަށްޓަކައި މަސައްކަތް ކުރަން ވަނީ ޖެހިފަ އެވެ. ޤައުމުގެ އަމާންކަމަށް ބުރޫއަރާފާނެ އެއްވެސް ކަމެއް އެކަކުވެސް ކޮށްގެން ނުވާނެއެވެ. މި ނިޢުމަތް ރައްކައުތެރިކޮށް ދެމެހެއްޓުމަށްޓަކައި ލިބިފައިވާ ހުރިހާ ކެރިފޯރުންތެރިކަމެއް، ތަނަވަސްކަމެއް، ހަކަތައެއް ހޭދަކުރަން ޖެހޭނެއެވެ. ނަސޭހަތްތެރިންނާއި، މުރައްބީންނާއި، މުދައްރިސުން، މައިންބަފައިންނާއި، ޒިންމާދާރު އެންމެން މިކަމަށްޓަކައި އެމީހުންގެ ބެލުމުގެ ދަށުގައި ތިބި އެންމެންނަށް ރަނގަޅު އިރުޝާދު ދޭން ޖެހޭނެއެވެ. އެމީހުންގެ ހަކަތަ ޤައުމަށްޓަކައި ހުސްކޮށްލުމުގެ ރޫޙު އެބައިމީހުންގެ ގައިގައި އަށަގަންނުވަން ޖެހޭނެއެވެ. ޤައުމު ބިނާކުރުމަށް ޓަކައި އަތުކުރި އޮޅައިލަން ދަސްކޮށްދޭން ވާނެއެވެ.

اللهގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުގެ ކުރިއެރުމަށާއި ޤައުމުގެ ތަރައްޤީއަށް ދަހިވެތިވާ ބަޔަކު ކަމުގައި ވާށެވެ! މި ފަދަ މުނާސަބަތުތަކުގެ ބޭނުން ރަނގަޅުގޮތުގައި ހިފައި، އެއްބައިވަންތަ ބަޔަކަށް ވުމަށް މަސައްކަތް ފަށާށެވެ!

މުސްލިމް އަޚުންނާއި އުޚްތުންނޭވެ! ރަމަޟާން މަހަށް ފަހު ޝައްވާލު މަހުގައި 6 ރޯދަ ހިފުން ޝަރްޢު ކުރައްވާފައިވެއެވެ. އެއީ އެއް އަޅުކަމަށް ފަހު އަނެއް އަޅުކަމުގެ ތެރެއަށް ވަނުމަށްޓަކައެވެ. ކީރިތި ރަސޫލާ ގެ ޙަދީޘް ކުރައްވާފައިވެއެވެ.

މާނައީ: "ރަމަޟާން މަހު ރޯދަ ހިފުމަށް ފަހު އެއާ ވިދިގެން ޝައްވާލު މަހުން 6 ދުވަހު ރޯދަ ހިފުމަކީ، މުޅި އަހަރު ރޯދަ ހިފުމެވެ."

اللهގެ އަޅުތަކުންނޭވެ! އަޅަމެންގެ ސާހިބާ މުޙައްމަދު ނަބީކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވާށެވެ! މާތް الله ވަޙީ ކުރައްވާފައި ވެއެވެ.

މާނައީ: "ހަމަކަށަވަރުން، الله އާއި، އެކަލާނގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތް ލައްވަތެވެ. އޭ އީމާންވެއްޖެ މީސްކަތުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުން އެދި ދުޢާ ކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމް ލެއްވުން އެދި ތިޔަބައިމީހުން ގިނަގިނައިން ދުޢާ ކުރާށެވެ!"

ހައްދަވާ ބޮޑުކުރެއްވި އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންގެ ދިރިތިބީންނާއި މަރުވެ ގޮސްފައިވާ މީހުން ޢާއްމުވެ ޝާމިލުވާ ގޮތަށް އަޅަމެންގެ ފާފަތައްފުއްސަވާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ މޮޅަށް އައްސަވާ ވޮޑިގެންވާ، ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ.

ޢާލަމުތަކުގެ ވެރި ރަސްކަލާކޮ! އަޅަމެންނަށް އެއިން ފައިދާއެއް ނެތް ޢިލްމުތަކުންނާއި، އިބަރަސްކަލާނގެ ދެކެ ބިރުން ކަރުނަ ނު އޮހޮރޭ ލޯތަކުންނާއި، އިބަރަސްކަލާނގެއަށް ޚުޝޫޢަތްތެރި ނުވާ ހިތްތަކުންނާއި، އިބަރަސްކަލާނގެ އިޖާބަ ނުދެއްވާ ދުޢާތަކުން އަޅަމެން ރައްކައުތެރި ކުރައްވާނދޭވެ! ހައްދަވައި ބޮޑުކުރެއްވި ރަޙްމާންވަންތަ ރަސްކަލާކޮ! އިބަރަސްކަލާނގެ ދަރުމަވަންތަކަމުން އިސްލާމު ދީނަށާއި މުސްލިމުންނަށް ނަޞްރު ދެއްވައި، އިބަރަސްކަލާނގެ ގަދަފަދަވަންތަ ކަމާއި ބާރުވެރިކަމުން އިބަރަސްކަލާނގެ ދީން މަތިވެރި ކުރައްވާނދޭވެ!

ހައްދަވައި ބޮޑު ކުރެއްވި ޣައްފާރުވަންތަ ރަސްކަލާކޮ! އިބަރަސްކަލާނގެ ރަޙްމަތާއި އޯގާތެރިކަމުން އަޅަމެންގެ އުރެދުންތެރީންނަށް ޢަފޫކުރައްވާނދޭވެ! ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ ފޮތާއި އިބަރަސްކަލާނގެ ރަސޫލާގެ ސުންނަތާ އެއްގޮތަށް ޢަމަލު ކުރުމުގައި އަޅަމެންގެ ވެރިންނަށް ހެޔޮ ތައުފީޤު ދެއްވައި، އެމީހުން އިބަރަސްކަލާނގެ ރިޢާޔަތާއި ޢިނާޔަތުގައި ލައްވާނދޭވެ!
ު
ނޯޓު: މަތީގައި އެވަނީ 1440 ވަނަ އަހަރުގެ ފިތުރު އީދު ނަމާދަށް އިސްލާމިކް މިނިސްޓްރީން ތައްޔާރު ކުރި ހުތުބާ އެވެ.
އީދު ފިތުރު އީދު
ހިޔާލު