Rishvathuge thuhumathu kurevey iru bench ga innevumakee emme rangalhu goiy heyyeve?
image
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ--
6 ކޮމެންޓް
 

ރިޝްވަތުގެ ތުހުމަތާއެކު ބެންޗުގައި އިންނެވުމަކީ އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ކޮރަޕްޝަނުގެ ބޮޑު ތުހުމަތެއް ވަނީ އައިސްފަ އެވެ. އެއީ އަނބިކަނބަލުން ގާނިޔާ އަބްދުލް ގަފޫރުގެ ނަމުގައި މެލޭޝިއާގެ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް، އަބްދުﷲ ދީދީ އަށް ރިޝްވަތުގެ ގޮތުގައި ލިބިވަޑައިގަތް އެއް މިލިއަން ޑޮލަރު ޖަމާކުރި ކަމަށް ބުނާ މައްސަލަ އެކެވެ.
އުފެދޭ ސުވާލަކީ އެފަދަ ބޮޑު ތުހުމަތެއް ބޮލުގައި އެޅިފައިވާ ފަނޑިޔާރަކު، އެ ތުހުމަތުތަކުގެ ތެދު ދޮގު ބެލުމަށް ތަހުގީގެއް ފެށުމަށް ތައްޔާރުވެފައިވާއިރު، ކޯޓުގެ ބެންޗުގައި އިންނެވުމަކީ "އެތިކަލީ އަދި ޕްރޮފެޝަނަލީ" ބަލާއިރު އެންމެ ރަނގަޅު ގޮތްތޯ އެވެ؟ އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލު ކުރާ "ބެސްޓް ޕްރެކްޓިސް" އަކީ ކޮބައިތޯ އެވެ؟

ދުނިޔޭގެ ބައެއް ގައުމުތަކުގައި އެފަދަ މައްސަލަތައް ހިނގާ ގޮތަށް ބަލާލަމާ ހިނގާށެވެ. 2014 ވަނަ އަހަރު ކޮރަޕްޝަނުގެ ތުހުމަތެއް ކުރިމަތިވެ، ތަހުގީގު ފެށުމުން އެމެރިކާގެ ފަނޑިޔާރު އެންގަސް މެކްގިންޓީ ވަނީ އިސްތިއުފާ ދެއްވާފަ އެވެ. ކޯޓަށް ހާޒިރު ކުރާ މީހުން، އޭނާގެ ކާރު ހަދައި ދިނުން ފަދަ ކަންކަން ކޮށްދިނުމުން، އަދަބު ލުއިކޮށްދޭ ކަމަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވުނެވެ.

ނައިޖީރިއާގެ އުއްތަމަ ފަނޑިޔާރު ވޯލްޓާ އޮނޮގްހެން މިއަހަރުގެ އޭޕްރިލް މަހު އިސްތިއުފާ ދެއްވީ މާލީ ބަޔާން ހާމަ ނުކުރާ މައްސަލައެއް ފެންމަތިވުމުންނެވެ. އޭގެ ކުރިން އޭނާ ހުންނެވީ އެ ތުހުމަތުތަކާއި ގުޅިގެން ސަސްޕެންޑްކޮށްފަ އެވެ. 2017 ވަނަ އަހަރުގެ މޭ މަހު ގާނާގެ ހަތަރު ފަނޑިޔާރަކު ވެސް އެއް ފަހަރާއި ސަސްޕެންޑް ކުރި އެވެ. އެއީ ރިޝްވަތު ނެގި ކަމުގެ ތުހުމަތު ކުރެވުމުންނެވެ.

ޑިމޮކްރެޓިކް އުސޫލުތަކާއި ހިލާފަށް ވެރިކަން ހިންގާ ކޮމިއުނިސްޓް ޗައިނާގައި ވެސް ފަނޑިޔާރެއްގެ މައްޗަށް ބޮޑު ތުހުމަތެއް އައިސްފިނަމަ ފިޔަވަޅު އަޅަ އެވެ. އެގޮތުން 2015 ވަނަ އަހަރު ޗައިނާގެ އެންމެ އިސް އެއް ފަނޑިޔާރު ޝީ ޝިއައޯމިންގް ހިމެނޭ ކޮރަޕްޝަން މައްސަލައެއް ފެންމަތިވުމުން އޭނާ މަގާމުން ވަކި ކުރި އެވެ. ތަހުގީގުކޮށް ކުށް ސާބިތުވުމުން އޭނާ މިހާރު ހުރީ އުމުރަށް ޖަލަށް ލާފަ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި އެފަދަ ތުހުމަތެއް އައިސްފިނަމަ މަގާމުން ވަގުތީ ގޮތުން ދުރަށް ޖެހުމަށް ފަނޑިޔާރުންނަށް ޕްރެޝަރު ކުރެ އެވެ. އެއީ ސަބަބުތަކެއް ނެތި އެއް ނޫނެވެ. އެންމެ ފުރަތަމަ ކަމަކަށް އެފަދަ ބޮޑު ތުހުމަތެއް އައުމުން ފަނޑިޔާރެއްގެ ގައިގައި ހުރުމަށް ލާޒިމް އެއް ޝަރުތާއި މެދު ސުވާލު އުފެދެ އެވެ. އެ ތުހުމަތެއް ކުރެވޭ ފަނޑިޔާރެއްގެ ނަޒާހަތްތެރިކަމާއި، އަދުލުއިންސާފުން ހުކުމް ކުރެވޭނެ ކަމާ މެދު ޝައްކުތަކެއް އުފެދެ އެވެ.

ބައިނަލްއަގްވާމީ އުސޫލުތަކަށް ބަލާއިރު، ކޮންމެ ދާއިރާއެއްގައި ވެސް އަމަލު ކުރާ އެންމެ ހަރުދަނާ ބެސްޓް ޕްރެކްޓިސް އަކީ ބޮޑު ތުހުމަތެއް ކުރެވޭ މީހަކު، ތަހުގީގު ނިމެންދެން ގޭގައި މަޑު ކުރުމެވެ. މިސާލަކަށް ކުދިންނާއި މެދު އިހާނެތިކޮށް ހިތާ ޓީޗަރެއްގެ މައްސަލަ ފެންމަތިވެއްޖެ ނަމަ، އެ ޓީޗަރަކު ގޭގައި މަޑު ކުރަން ޖެހެ އެވެ. ސިއްހީ ދާއިރާގައި ވެސް އެތިކްސް އާ ހިލާފު އަމަލު ކުރާ ކަމަށް ތުހުމަތު ކުރެވޭ ނަމަ، ތަހުގީގު ނިމެންދެން ގޭގައި މަޑު ކުރަން ޖެހޭނެ އެވެ.

ގާނޫނީ ދާއިރާ، ވަކިން ހާއްސަކޮށް އަދުލުއިންސާފު ގާއިމްކުރުމުގެ އެންމެ މަތީ ފަންތީގައި ތިބޭ ފަރާތްތަކަށް، ކޮރަޕްޝަނުގެ ތުހުމަތު ކުރެވުމަކީ ޓީޗަރަކު ކުޑަކުދިންނަށް އިހާނެތިކޮށް ހިތުން ނުވަތަ ޑޮކްޓަރަކު ގަސްތުގައި ނުބައި ބޭސް ދިނުން ފަދަ ތުހުމަތާ އެއް ގޮތް ކަމެއް ކަމަށް ދެކުމުގެ ފުރުސަތު އެބަ އޮތެވެ. އެއީ ކޮރަޕްޝަނުން ދުރުވެ ތިބުމަކީ ފަނޑިޔާރުކަމުގެ އެންމެ އަސާސީ ސިފައަކަށް ވާން ޖެހޭތީ އެވެ.

ރާއްޖޭގައި މީގެ ކުރިން އެތައް ފަހަރަކު ފަނޑިޔާރުންނާއި ދެކޮޅަށް އެކި ކަހަލަ ބޮޑެތި ތުހުމަތުތައް ވަނީ އައިސްފަ އެވެ. ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ކަމަށް ބުނާ މީހަކު، ރަޝިޔާގެ އަންހެނަކާއެކު އުޅުނު ވީޑިއޯ އާއްމުވުމުން ވެސް ތަހުގީގަށް ފުރުސަތުދީ ގޭގައި މަޑެއް ނުކުރެއްވި އެވެ. އަލީ ހަމީދާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ސުޕްރީމް ކޯޓުގެ ފައިސާ އަމިއްލަ ކަންކަމަށް ހޭދަކުރައްވާ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުއްވުމުން ވެސް ގޭގައި މަޑެއް ނުކުރެއްވި އެވެ.

މިފަހަރު ކޮރަޕްޝަނުގެ ތުހުމަތު ކުރިމަތި މިވީ ދާދި އެހަކަށް ދުވަހު ސުޕްރީމް ކޯޓުގެ ބެންޗަށް ވަޑައިގެންނެވި އަބްދުﷲ ދީދީ އަށެވެ. ފަނޑިޔާރަކު މިލިއަން ޑޮލަރުގެ ރިޝްވަތު ނެންގެވި ކަމުގެ ތުހުމަތަކީ ކުޑަ ވާހަކައެއް ނޫނެވެ. އެއީ އެ ތުހުމަތު މަތިވި މީހާއަކީ ރައްޔިތުންނަށް އިންސާފު ހޯދަދޭން އެންމެ މަތި ގޭގައި އިންނަވާ ރައްޔިތުންގެ ހާދިމަކަށް ވާތީ އެވެ.

ކުރީގެ އެޓާނީ ޖެނެރަލް އަދި ގޮތް ނޭނގޭ ގޮތް ގޮތަށް މަރާލާފައިވާ އަދި ގެއްލުވާލާފައި މީހުންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު ވެސް ވިދާޅުވީ ބޮޑު ކޮރަޕްޝަނުގެ މައްސަލައެއް ބަލަމުންދާއިރު، ފަނޑިޔާރަކު ބެންޗުގައި އިންނެވުން ރަނގަޅު ނޫން ކަމަށެވެ.

"ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްޗަށް ބޮޑު ކޮރަޕްޝަނެއްގެ ތުހުމަތު ކުރެވި ޖޭއެސްސީ އިން އެކަން ބަލަމުންދާއިރު، އެ ތުހުމަތުތައް ދޮގުކަން ޖޭއެސްސީން ކަށަވަރު ނުކޮށްދެނީސް އެ ފަނޑިޔާރަކު ފަނޑިޔާރުންގެ ބެންޗުގައި އިންނަވައިގެން ނުވާނެ،" ގާނޫނީ ދާއިރާގައި ތަޖުރިބާކާރު ސުއޫދު ވިދާޅުވި އެވެ.

އަބްދުﷲ ދީދީ ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. އެކަމަކު ތުހުމަތު ދޮގު ކުރެއްވުމަކުން، އެ ތުހުމަތުތައް ފޮހެވިގެނެއް ނުދެ އެވެ. އޭގެ ތަހުގީގު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކޮށް ނިންމާ، ވަކި ގޮތެއް ކަނޑަނާޅަނީސް ތުހުމަތުތައް ދެމި އޮންނާނެ އެވެ. އެހެންކަމުން މި ދަނޑިވަޅުގައި އެފަދަ ތުހުމަތެއް ބޮލުގައި އެޅިފައި އޮތް ފަނޑިޔާރަކު ބެންޗުގައި އިންނެވުމަކީ އެންމެ ރަނގަޅު ގޮތްތޯ ސުވާލު އުފެދެ އެވެ.
ހިޔާލު

ސަޒަން

މައެދެން އެންމެންގެ ކިބައިން މިނުލަފާ ޖައްބާރުކައިރިއަށް ގޮސް ކަންކަންނުނިއްމަން ރައްޔިތުން ބާކީކޮށްލީމާ އެބާކީވީ އޭރުންހުންނާނެ ރާކަނިމަސްކެވިފައި!

އިބޫރާހީމޫ

ޖޭ އެސް ސީ ގާ ގިނަވާންވީ އާއްމުންގެތެރޭން އިންތިޚަބު ކޮށްގެން ހޮވާ ބަޔެށް، ނޫނީ އެތަނަށްލެވޭނީ އަބަދުވެސް ވަކިފަރާތަކަށް ޖެހެވޭނެ ބަޔެއް..........ރައީސުލްޖުމްހޫރިއްޔާ އަހަރުމެން ހޮވަނީ އާއްމުންގެ ވޯޓުން، ރައްޔެތުންގެމަޖުލީހަށް މެމްބަރުން ހޮވަނީ އާއްމުންގެ ވޯޓުން، މިޑެމުކްރަސީގެ ދެންއޮންނަ ތިންވަނަތަބު އާދެ ޝަރުޢީނިޒާމަށްވެސް މެމްބަރުން ހޮވަންވާނީ އާއްމު ވޯޓުން ދެއްތޯ.......

އަހުމަދު

މިހާރު މަޖިލީހުގެ ރައީސް އަކަށް އެއިން މީހާ އަކީ ޓެރަރިޒަމް އަދި ރިޝްވަތުގެ ތުހުމަތު ކުރެވުނު މީހެއް . ބާރުގެ ބޭނުން ކޮށްގެން އެއިނީ ގޮނޑިއަށް އަރާ. މަޖިލީހުގަ އެބަތިބި އޭގެ މީހުން. ސަރުކާރުގަ އެބަ ތިބި އޭގެމީހުން. ޢިހައްދުވަހު ހުއްދަދިން ރިސޯރޓްވެސް އެއީ ހަމަ މީގެ މިސާލެއް. ގުދޯ ގުދޯ ނުގޮވާ

ނޫސްކިޔާމީހާ

މި ދިވެހިރާއްޖޭގައި ދައުލަތް ހިންގަންތިބޭ ވެރިންގެ މައްޗަށް ޚިޔާނާތާ ވައްކަމާ ބަދުޢަޚްލާޤީ ވުމާއި މިކަންކަމަކީ މަޤާމުގެ ޕްރޮފެޝަލް ކަމުގެ ނަމޫނާ މިސާލުތައް. ފެންނަނީވެސްވެސް އެމަންޒަރު . ޚާއްސަކޮށް ސިޔާސީ ޕޯޑިޔަމްތަކުގައި މިކަހަލަ މީހުން ފެންނަނަމަ މާކުރީގައި މަޤާމޮ އޮންނާނެ

Izumiya

ޠުހުމަތެއް ކުރިޔަސް ނުޖެހޭ އިސްތިއުފާ ދޭކަށް ކުށް ސާބިތުވީމަ ވީމަ ބެންޗް ދޫކޮށްލަން ޖެހޭނީ ތުހުމަތު ކޮށްގެން އުޅެނީވެސް ޒާތީ ހަސަދަ ވެރިޔެއްކަން ވެސް އެންމެނަށް އެބަ އެނގޭ އަދި އޭނާ ގިނަފަހަރު ދައްކާފަ ހުރީ ސާބިތު ނުހިފޭވާހަކަ މިސާލަަށް "ސަލަފިއްޔާއިން ކިޔަވާ މީހުންނަކީ އެއްޖިންސުން ގުޅުން ހިންގާ މީހުން "ކަމަށްބުނެ ދެއްކިވާހަކަ ތައް ފަަ ކިތައްމެ ވާހަކައެއް ވަނީ ދައްކާފަ

ޢަލީ12

ތިގޮތަށް ކަން ކުރަން ޖެހެންޏާ ދޮގު ތުހުމަތަކަށް ވިއަސް އޭގެ އަދަބު ލިބޭނެތާ..
ޙަރުދަނާ ހެއްކެއް ނެތި ހުށަހެޅޭ "ހުސް" ތުހުމަތެއްގެ ސަބަބުން ފަނޑިޔާރެއް ވިއަސް އަދި އެނޫން މަޤާމެއްގަ ހުރި މީހަކު ވިއަސް މަޤާމުގެ ޒިންމާއިން ދުރުވުމަކީ އެއްވެސް ޤައުމެއްގަ ޢަމަލުކުރާ ބެސްޓް ޕްރެކްޓިސްއެއް ނޫން..
ހެކި ނެތީސް އަދަބު ލިބުމަކީ އެމްޑީޕީންވެސް ދެކޮޅު ހަދާ ކަމެއްކަމަށް އެމީހުން ވަކާލާތު ކުރަނީ... ދެން އެހެންވީއުރު ތި ކިޔަން އުޅެނީ ކީކޭތޯ...؟ ނޫނީ ހަދަން ބޭނުންވަނީ ކިހިނެއްތޯ..؟