Terrorist jamaaaiy thakah thaaeedhu kuraa massala hallu kuran fiyavalhu alhaanan: Fuluhun
image
އައްޑޫ ސިޓީ ހިތަދޫ މައިލޯ ޓާފް ގްރައުންޑް ބޭރުގައިވާ އިމާރާތެއްގެ ފާރުގައި ސްޕްރޭކޮށްފައިވާ ގްރެފިޓީ. އެ މެސެޖުގައި ބުނަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ނަސްރު ލިބޭނެ ކަމަށް -- ފޮޓޯ: ޓްވިޓާ
0 ކޮމެންޓް
 

ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކުރާ މައްސަލަ ހައްލު ކުރުމަށް ފިޔަވަޅު އަޅާނަން: ފުލުހުން

ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް، އެފަދަ ފިކުރުތައް ރާއްޖޭގައި ފެތުރުމަށް ކުރާ މަސައްކަތްތައް ވަރަށް ބޮޑު އިސްކަމެއް ދީގެން ބަލަމުންދާ ކަމަށާއި، އެހެން އިދާރާތަކާ ގުޅިގެން އެކަންކަން ހައްލު ކުރުމަށް ފިޔަވަޅު އަޅަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ހައްދު ފަހަނަ އަޅާފައިވާ ޖަމާއަތް، އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ތާއީދުކޮށް އައްޑޫ ސިޓީގެ އެކި ސަރަހައްދުތަކުގައި ހުރި ގްރެފިޓީ މެސެޖުތަކެއް އިއްޔެ ވަނީ ސޯޝަލް މީޑިއާގައި ފެތުރިފަ އެވެ. އެ މެސެޖުތަކުގައި ބުނަނީ އައިއެސް އެނބުރި އަންނާނެ ކަމަށެވެ.


މަޝްހޫރު ގާނޫނީ ވަކީލް އިބްރާހިމް ޝަމީލް އެ ފޮޓޯތައް ހިއްސާ ކުރުމަށްފަހު ވަނީ ދީނީ ގޮތުން ހައްދު ފަހަނަ އެޅުމުގެ މައްސަލައާ ހައްލު ކުރުމަށް ހުރިހާ އިދާރާތަކުން އަމަލީ މަސައްކަތް ކުރަންވީ ވަގުތު އައިސް ނުޖެހޭތޯ ސުވާލު ކުރައްވާފަ އެވެ.

އައްޑޫ ސިޓީ ހިތަދޫ މައިލޯ ޓާފް ގްރައުންޑް ބޭރުގައިވާ އިމާރާތެއްގެ ފާރުގައި ސްޕްރޭކޮށްފައިވާ ގްރެފިޓީގައި ބުނެފައި ވަނީ އައިއެސް އެނބުރި އަންނާނެ ކަމަށާއި، ކާމިޔާބު ހޯދާނެ ކަމަށެވެ. އަދި އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު ބޭރުގައި ހުރި އިމާރާތެއްގައިވާ ގްރެފިޓީ ގައި ވަނީ "ޝިރްކު ނުކުރޭ، ވޯޓު ނުލާ" އަދި ޑިމޮކްރަސީ އަކީ ޝިރްކެއް ކަމަށެވެ.


އެ ފޮޓޯތައް އާއްމުވުމާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ހައްދު ފަހަނަ އަޅާ ދިޔުމާ ދެކޮޅަށް ބޮޑެތި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް، ޕްރޮމޯޓުކޮށް، އެމީހުންގެ ފިކުރު ފެތުރުމާއި އަދި އިސްލާމް ދީނަށް މަލާމާތްކޮށް ފުރައްސާރަކޮށް، ދިވެހި ރާޢްޖޭގައި އޮތް ދީނީ އެއްބައިވަންތަކަން ނަގާލަން އުޅޭ ފަރާތްތައް ވެސް ހިމެނޭ ގޮތަށް، ހައްދު ފަހަނަ އަޅާފައިވާ ހުރިހާ ފަރާތްތަކުން ފަތުރާ ނަފްރަތާއި، އިންޓޮލަރެންސް ގެ މައްސަލަ ތަކަށް ވަރަށް ބޮޑު އަހައްމިޔަތު ކަމެއް ދީގެ މަސައްކަތް ކުރަން ޖެހޭ،" ހަމީދު ވިދާޅުވި އެވެ.

އޭގެ އިތުރުން އެ މަސައްކަތް ފުލުހުންނާއި ކަމާ ބެހޭ އިދާރާތައް ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ.


އައިއެސް އުފެދިގެން އައިއިރު އެ ޖަމާއަތާ ގުޅުމަށް ގިނަ އަދަދެއްގެ ދިވެހިން ވަގަށް ރާއްޖެ ދޫކޮށް ފިލި އެވެ. އެމެރިކާ އިން ބުނާ ގޮތުގައި ގާތްގަނޑަކަށް 200-250 ދިވެހިން ސީރިއާގެ ހަނގުރާމައިގައި އުޅުނެވެ. އެކި ދިވެހިން އުޅުނީ އެކި ހަނގުރާމަވެރި ޖަމާއަތްތަކާ އެކު އެވެ.

އައިއެސް އަށް ނާކާމިޔާބީއާ ކުރިމަތިވުމުން، އެންމެން ދާން ޖެހުނީ ރެފިއުޖީ ކޭމްޕްތަކަށެވެ. އެގޮތުން ސީއެންއެމް އަށް ޔަގީންވެފައިވާ ގޮތުގައި 74،000 ރެފިއުޖީން ދިރިއުޅެމުންދާ އަލް ހައުލް ރެފިއުޖީ ކޭމްޕުގައި 56 ދިވެހިން އެބަ ތިއްބެވެ. އޭގެ ތެރޭގައި 33 ކުޑަކުދިން ހިމެނެ އެވެ.

އެމީހުން ދަތި ހާލުގައި އުޅެން ޖެހިފައި ވާތީ، ބޭނުން ވަނީ އެނބުރި ރާއްޖެ އަންނާށެވެ. އަދި އެމީހުންގެ އާއިލާތަކުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ސަރުކާރުން ބުނެފައި ވަނީ އެމީހުން ގެންނަން ބޭނުންވި ނަމަވެސް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.

އެގޮތުން ބައެއް މީހުންގެ ކާކުކަން އަންގައިދޭ ލިޔުމެއް ނެތުން ފަދަ ގާނޫނީ އެތައް މައްސަލައަކާ ވަނީ ދިމާވެފަ އެވެ. އޭގެ އިތުރުން އެމީހުން އެނބުރި ރާއްޖެ ގެނައުމާ މެދު ބޮޑު ބަހުސެއް ކުރެވެ އެވެ. އެމީހުން ގެނެސްފި ނަމަ ދިވެހި މުޖުތަމައަށް ނުރައްކާވާނެ ކަމަށް އެއް ބަޔަކު ދެކޭއިރު، އަނެއް ބަޔަކު ބުނަނީ އެމީހުންނަކީ ވެސް ދިވެހިންނަށް ވުމުން އެމީހުން ގައުމަށް ގެންނަން ޖެހޭނެ ކަމަށެވެ.
ހިޔާލު