Anushka ge Misraabu Tamil Filmee dhaairaa ah
image
އަނުޝްކާ ޝަރްމާ--
0 ކޮމެންޓް
 

އަނުޝްކާގެ މިސްރާބު ތަމަޅަ ފިލްމީ ދާއިރާއަށް

ބޮލީވުޑުގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާ، ތަމަޅަ ފިލްމުތަކުގައި މަސައްކަތް ކުރަން އުޅޭ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ގިނަ އަހަރުތަކެއް ވަންދެން ބޮލީވުޑުގައި މަސައްކަތް ކޮށްފައިވާ އަނުޝްކާ ޕްރޮޑިއުސަރެއްގެ ގޮތުގައި އެންމެ ފުރަތަމަ މަސައްކަތް ކުރީ މިދިޔަ އަހަރު ނެރުނު ބިރުވެރި ފިލްމު، "ޕަރީ" ގައެވެ. ފިލްމުގެ ލީޑު ރޯލުން ވެސް އަނުޝްކާ ފެނިގެންދިޔަ އެ ފިލްމު ޑައިރެކްޓު ކުރީ ޕްރޮސިތު ރޯއީ އެވެ. ފިލްމަށް ރަނގަޅު ތަރުހީބެއް ވެސް ލިބުނެވެ.

ހަބަރުތައް ބުނާ ގޮތުން އަނުޝްކާގެ ޕަރީ ފިލްމުގެ ތަމަޅަ ރިމޭކެއް އުފެއްދުމުގެ މަސައްކަތްތަކެއް ވެސް އެބަ ކުރެ އެވެ. އެގޮތުން ތަމަޅަ ފިލްމުގައި ވެސް އަނުޝްކާ މަސައްކަތް ކުރާނެ ކަމަށް އަޑުތައް ގަދަވެފައިވާއިރު އެހެން ވެއްޖެނަމަ މިއީ އަނުޝްކާ ތަމަޅަ ފިލްމީ ދާއިރާއަށް ނިކުންނަ ފިލްމަށް ވެގެންދާނެ އެވެ.

އެކަމަކު ފިލްމާއި ގުޅޭ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ތަމަޅަ ފިލްމުތަކަށް ވެސް ބޮލީވުޑުގެ ފިލްމުތަކަށް އޮންނަވަރުގެ ތަރުހީބެއް ލިބެ އެވެ. ތަމަޅަ ފިލްމުތަކުން ފިލްމީ ދާއިރާއަށް ނިކުމެފައިވާ ގިނަ ފަންނާނުންނަކީ މިއަދު ބޮލީވުޑުގައި ނަން ހިނގާ ތަރިންނެވެ. އޭގެ ތެރޭގައި ހިމާ މާލިނީ އާއި އައިޝްވާރިޔާ ރާއީ އަދި ސްރީދޭވީ ވެސް ހިމެނެ އެވެ. އަދި މިހާރު ބޮލީވުޑުގައި އަރަމުން އަންނަ ކާޖަލް އަގަރްވާލް އާއި ތަމަންނާ އަދި ޝްރުތީ ހަސަން ފަދަ ތަރިން ވެސް ހިމެނެ އެވެ. އަދި ކަންގަނާ ރަނައުތާއި އާލިއާ ބަޓް ވެސް ވަރަށް އަވަހަށް ތަމަޅަ ފިލްމަކުން ފެނިގެންދާނެ އެވެ.

މަޝްހޫރު ތަރި، ޝާހްރުކް ހާންއާއެކު "ރަބް ނޭ ބަނާ ދީ ޖޯޅީ" އިން ބޮލީވުޑަށް ތައާރަފުވި އަނުޝްކާ ވަނީ "ޕީކޭ" އާއި "ސުލްތާން" އަދި "ޖަބް ތަކްހޭ ޖާން" ފަދަ ކާމިޔާބު ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔައީ މިދިޔަ އަހަރު ނެރުނު ފިލްމު "ސަންޖޫ" އިންނެވެ. އެއީ ވެސް ބޮޑު ކާމިޔާބެއް ލިބުނު ފިލްމެކެވެ.
ހިޔާލު