Vaahaka: Lift
image
ވާހަކަ: ލިފުޓު--
ފަތުހުﷲ އަހުމަދު
0 ކޮމެންޓް
 

ވާހަކަ: ލިފުޓު

ބާރު އަޑުފަށްގަނޑެއް އިވުމާއެކު ޚިޔާލުތަކުގެ ދުނިޔެއިން އަހަންނަށް ނުކުމެވުނެވެ. އެއާއެކު ލިފުޓު ހުއްޓުނެވެ. ވަށައިގެން އަހަންނަށް ބަލައިލެވުނެވެ. ޝަފުޤާގެ ޚަބަރެއް ވޭތޯއެވެ. ޝަފުޤާއެއް ނުފެނުނެވެ. އަހަރެން އަތަށް ދޫވި އޭނާގެ ހެދުމެއް ވެސް ނެތެވެ. ލިފުޓުގެ ދޮރު ހުޅުވުނެވެ. އަހަރެން ބޭނުންވީ މިކަމުގެ ތެރެއިން ސަލާމަތްވާށެވެ. ލިފުޓުގައި ތާށިވެގެން ހުރެ ބިރުން ކުދިކުދިވުމަށް ވުރެ، ސިޑިން ފޭބުން ވެސް މާ ހިތަށް ފަސޭހަވާނެ ކަމަށް ވިސްނުނެވެ. އަހަންނަށް ބަނޑުގައި އަތް ޖައްސައިލެވުނެވެ. ދަށްބަނޑަށް ވާންވުމުންނެވެ.
އަވަސްއަވަހަށް ލިފުޓުން ނުކުތީމެވެ. ލިފުޓުން ނިކުމެވުނު އިރަށް ކަމެއް ހަނދާންވިއެވެ. ކޮންމެ ވެސް އެއްޗެއް މަދު ކަމުގެ އިހުސާސް ކުރެވުނެވެ. އެހެންވެ ލިފުޓަށް ބަލައިލީމެވެ. އޭރު ލިފުޓުގެ ދޮރު ކައިރިވަމުން ދިޔައެވެ. ލިފުޓުގެ އެތެރެ ފެންނަނީ ލެއްޕެމުން ދިޔަ ދޮރުގެ ހަނިހަނި ދޭތެރެއިންނެވެ. އެ ދޭތެރެއިން އަހަންނަށް ފެނުނީ އެ ކޮތަޅެވެ. މަންމަ ދިން ކޮތަޅެވެ. އަވަހަށް ދޮރު ދޭތެރެއަށް އަތްކޮށްޕައިލީމެވެ. އެއާއެކު ލިފުޓުގެ ދޮރު ހުޅުވުނެވެ. އަނެއްކާ ވެސް ލިފުޓުގެ ތެރެއަށް ވަންނަން ޖެހުނީއެވެ. ދެ ހަރަކާތް އެއްކޮށްލަމުން ކޮތަޅު ނެގީމެވެ. ކޮތަޅު ހިފައިގެން ލިފުޓުން ނުކުތުމަށް ހިނގައިގަތީމެވެ. ފަހަތުން އަޑެއް އިވުނުހެން ހީވިއެވެ.

"ދަނީތަ ހަމަ؟،" ކަންފަތް ބުޑުގައި ޖެހުނީ އަންހެނެއްގެ ވައި އަޑެވެ. "އަދި މަޑުކޮށްލަންވީނު، ލައްކަ ކަންކަން އެނގޭނެ. ދަސްވާނެ."
އަހަރެން ނިންމީ ފަސްއެނބުރި ނުބެލުމަށެވެ. އިތުރަށް އެ ސަކަރާތުގައި ބައިވެރި ނުވުމަށެވެ. މިހާރު ވެސް ހިތަށް ވެރިވެފައިވާ ބިރުވެރިކަން ކުޑައެއް ނޫނެވެ. ހިތަށް ލިބިފައިވާ އަނިޔާ ދެރައެއް ނޫނެވެ. ހިތުގައި ކަނޑައެޅުނު އަޒުމަށް އަމަލީ ސިފަ ގެނުވީ ފައިގެ ހަރަކާތްތަކެވެ.

ލިފުޓުން ބޭރަށް ނިކުމެ ލިފުޓާ ދިމާއަށް ބަލައިލީމެވެ. ލިފުޓުގެ ތެރޭގައި ހުރީ ހުދު ހެދުމުން ފެނުނު އަންހެން މީހާއެވެ. މިފަހަރު އެ މީހާގެ ކޯތާފަތް ފެންނަމުން ދިޔައެވެ. ރޫޖެހިފައިވާ ކޯތާފަތެކެވެ. މޫނުގެ ހަންގަނޑު ހުރީ ހުދު ކުލައެއް ގައެވެ. ހީވަނީ ފެނުގައި ގިނަ އިރު އޮތުމުން ހަންގަނޑު ފޯވެފައި ވާހެންނެވެ. އެ މީހާ އިސް އުފުލައިލިއެވެ.

އެއާއެކު އޭނާގެ މޫނު ރީތިކޮށް ހާމަވިއެވެ. މުޅި މޫނު ވަނީ ބޮޑެތި ރޫތަކާއި ކުދި ރޫ ތަކުން ފުރިފައެވެ. މޫނުގެ ހަންގަނޑުވަނީ އެލިފައެވެ. އެ މޫނުގެ އެއްވެސް ތަނެއްގައި މަސްކޮޅެއް ނެތެވެ. އެމީހާގެ ކަރު ނިވާ ވެފައިވަނީ ދަތްދޮޅިއާ ދިމާއިން ސޮހިފައިވާ ހަންގަނޑުންނެވެ. އަހަންނަށް ބަލައިލެވުނީ އަޑިވަދެ ވަޅު ހެދިފައިވާ ދެ ކޮލަށެވެ. ދެ ކޯ ވަނީ ދަތްޕިލައިގައި ޖެހޭވަރަށް އެތެރެއަށް ވަދެފައެވެ. ބޮޑު ވަޅުގަނޑެއް ދެ ކޮލުގެ މެދުން ފެންނަމުން ދިޔައެވެ. އެމީހާގެ ނޭފަތަކީ ހިމަ ދިގު ނޭފަތެކެވެ. ނޭފަތުގެ ކުރި ވަނީ ހަލާކު ވެފައެވެ. ނޭފަތުގެ ކުރިއެކޭ މަތި ތަޅައިގެން ގޮސްފައިވާ ބިއްލޫރި ފުޅިއެކޭ އެއްގޮތެވެ. އެތަނުން ތަތްވެ ހިކިފައިވާ ލޭ ފެންނަމުން ދިޔައެވެ. ކަނާއަތު ލޯކައިރި ވަނީ ޒަހަމު ވެފައެވެ. ހީވަނީ ތޫނު ވަޅިއަކުން ޅިޔަ އަޅައިލައިފައިވާ ހެންނެވެ. އެކަހަލަ ތިން ރޮނގު މޫނުމަތިން ފެންނަމުން ދިޔައެވެ. އެ މޫނަށް ބެލުމުން ބައެއް ފަހަރަށް ސާޖިދުގެ މޫނާ ވެސް ވައްތަރުވެއެވެ. އަނެއްބައި ފަހަރަށް ޝަފުޤާގެ މޫނާ ވެސް ވައްތަރުވެއެވެ.

އެ މީހާ ލިފުޓުން ނުކުތުމަށް ހިނގައި ގަތެވެ. އަހަންނަށް ބަލައިލެވުނީ އޭނާގެ ލޮލަށެވެ. އެއީ ވެސް އެ ފަދަ ލޮލެކެވެ. ކަޅު ކަޅީގައި ވަނީ ނޫ ކުލައިން ފެވިފައިވާ ހުދުކުލައެވެ. މުޅި ލޯ ހީވަނީ ހުދު ނޫކުލައިން ދިއްލިފައިވާ ހެންނެވެ. އަވަސް ފިޔަވަޅު ތަކަކާއެކު އަހަންނަށް ލިފުޓާ ދުރަށް ޖެހިލެވުނެވެ. ފާރުގައި ހަރުކޮށްފައިވާ ނަންބަރަށް ބަލައިލެވުނެވެ. އެއީ އެ އިމާރާތުގެ ހަތަރުވަނަ ފަންގިފިލައެވެ. އަހަންނަށް އިމާރާތުގެ ސަރައްކާލީގެ ތެރެއަށް ނުކުމެވުނެވެ. އަވަސް ފިޔަވަޅުތަކެއް އަޅައިލެވުނީ ދާންވީ މަންޒިލެއް ހިތަށް ވަދެގެންނެއް ނޫނެވެ. ސަރައްކާލީގެ މެދާ ހަމައަށް ދެވުނު އިރަށް ދޮރެއް ހުޅުވުނެވެ. އެއީ ބާވީސްވަނަ އެޕާޓުމަންޓެވެ. ހުޅުވުނު ދޮރާއެކު އަލި ރޮނގުތަކެއް ސަރައްކާލީގެ ތެރެއަށް ފެތުރުނެވެ.

ބޭއިޚްތިޔާރުގައި އަހަންނަށް އެދިމާއަށް މިސްރާބު ޖެހުނެވެ. އަހަރެންގެ މައްޗަށް އަމިއްލަ ބާރު ނުފާރާ ކަމުގެ އިހުސާސް ކުރެވެމުން ދިޔައެވެ. ދެފައިގައި އަމިއްލަ ބާރެއް ނެތް ކަހަލައެވެ. ބުދެއްހެން ގޮސް އަހަންނަށް ވަދެވުނީ އެ އެޕާޓުމަންޓަށެވެ. ނޭނގޭ ބާރަކުން އަހަރެން ގެންދިޔައީއެވެ.
އެޕާޓުމަންޓަށް ވަދެވުމާއެކު ދޮރުފަތް ލެއްޕުނެވެ. އަހަންނަށް ވަށައިގެން ހޯދައިލެވުނެވެ. މުޅި އެޕާޓުމަންޓަށް ބަލައިލެވުނެވެ. އެއީ ތިން ކޮޓަރީގެ އެޕާޓުމަންޓެކެވެ. ކުރިމަތީގައި ހުރީ ސޯފާއެކެވެ. އިސްޕަންޖު ޖެހި މަޑު ސޯފާއެކެވެ. އޭގެ ކުރިމަތީގައި ރަތްކުލައިގެ ދޫލައެއް މުށިގަނޑުމަތީގައި ފަތުރައިލެވިފައި އޮތެވެ. ދޫލައިގެ މަތީގައި ކުޑަ ބިއްލޫރި މޭޒެއް ހުއްޓެވެ. އަހަރެންގެ އަތުގައި މީހަކު ހިފައިލިހެން ހީވެގެން ބަލައިލީމެވެ.

އެއީ ސަރައްކާލި ތެރެއިން ފެނުނު ޖެލީ މީހާއެވެ. އަހަރެންގެ އަތުގައި އެމީހާ ހިފައިގެން ގެންދިޔައީ ސޯފާއާ ދިމާއަށެވެ. އޭނާގެ ކޮންމެ ހަރަކާތަކަށް އަހަރެން މަރުޙަބާ ކިޔަމުންދިޔައީ އެއްވެސް ބިރުވެރިކަމެއް ނެތިއެވެ. މުޅި އެޕާޓުމަންޓު ވަނީ ނޫފެހި ކުލައިގެ އައްޔަކުން ދިއްލިފައެވެ. މުޅިތަނުން ހީވަނީ ރެނދަންލާ ހެންނެވެ. އަހަރެން ސޯފާގައި އިށީނީމެވެ.

އެ މީހާ ވެސް އަހަރެންގެ ގާތުގައި އިށީނެވެ. އެއާއެކު އޭނާގެ މޫނަށް އިމާރާތުގައި އެޅިފައިވާ ނޫފެހި އަލިކުލަ އަމާޒުވިއެވެ. މުޅި މީހާގެ ގައިން ރެނދަންލާން ފެށިއެވެ. މުޅި މީހާއެކުގައި ދިއްލުނެވެ. އަލި ގަދަކަމުން އަހަންނަށް ބަލަން އުނދަގޫވިއެވެ. އެއާއެކު ލޯ މަރައިލެވުނެވެ. ބޮލަން ތުރާވާ ޒާތުގެ ހިމުން އަޑުތަކެއް ވެސް އިވެމުން ދިޔައެވެ. މަޑުމަޑުން އެ އަޑުތައް ކަންފަތަށް ފަސޭހަ ނަލަ މިއުޒިކަކަށް ބަދަލުވިއެވެ.

އަހަންނަށް ލޯ ހުޅުވާލެވުނެވެ. ހައިރާންކަމާއެކު ބަލައިލެވުނެވެ. ކުރިމަތީގައި އިނީ ޝާމިންއެވެ. އަހަރެންގެ ޝާމިންއެވެ. އަހަންނަށް އަތް ހިއްލާލެވުނެވެ. ޝާމިންގެ ކޮލުގައި ބީހިލަން ބޭނުންވިއެވެ.

"ޝާމިން،" މަޑުމަޑުން ދޫ ހަރަކާތްކޮށްލިއެވެ. "ކީއްވެ ދިޔައީ؟"
"އަހަރެން ނުދަން،" ޝާމިންގެ ކޯތާފަތުގައި އަހަރެންގެ އަތް ޖެހިލުމާއެކު އޭނާ ބޯއަރިކޮށްލަމުން ލޯ މަރައިލިއެވެ. "އަހަރެން މީ އަބަދު ވެސް ޔަސްގެ މީހެއް."
"އަހަންނަށް ބެލެނީ ޝާމިންގެ ލޯބިލޯބި މޫނަށެވެ. އެ ދެ ކޮލަށެވެ. އެ ކަޅިރަވަޔަށެވެ. އެ ހިނިތުންވުމަށެވެ. އޭނާ ލޯ މަރައިލުމުން ހާދަ ރީއްޗެވެ. ހާދަ ފުރިހަމައެވެ. އަދި މިހާރު މާ ރީތިހެން ހީވެއެވެ. އިތުރަށް ފުރިހަމަ ހެން ވެސް ހީވެއެވެ. މޫނުމައްޗަށް އެޅިފައިވާ ފެހިނޫ އަލި ކުލައިގެ ސަބަބުން އޭނާގެ މޫނު އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ.
"ޔަސް ކީއްވެތަ އެހައި ކަންބޮޑު ވެފަ ތިހުންނަނީ؟،" ޝާމިން ލޯ މަރައިގެން އިނދެ އަހައިލިއެވެ. "އަހަންނަށް އަބަދުވެސް ފެންނަނީ ޔަސް ދެރަވެ މާޔޫސްވެފަ ހުއްޓާ"
"އަހަރެން... އަހަރެން.. ދެރަ" އަހަރެން ދުލުގައި ތަޅުއެޅުނު ކަހަލައެވެ.

"ޔަސް ނުބުންޏަސް އަހަންނަށް ހުރިހާ ކަމެއް އެނގޭ،" ޝާމިން މަޑުމަޑުން ލޯ ހުޅުވާލަމުން ހިނިތުންވެލިއެވެ. "ޔަސް ތި ވިސްނަނީ ދަރިފުޅާ މެދު ދޯ. ޝަރީފަށް އެނގިދާނެތީ؟"
އަހަންނަށް އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލެވުނެވެ. އެއާއެކު ލޮލުގެ ތެރެއަށް ކަރުނަތައް ގިނަވާން ފެށިއެވެ.
"ކިހިނެއް ޝާމިންއަށް މި ކަން...؟" ހިންދިރުވައިލަމުން އަހަންނަށް އަހައިލެވުނެވެ.
"އަހަންނަށް ނޭނގޭނެ ކަމަށްތަ ހީކުރީ؟،" ކުއްލިއަކަށް ޝާމިން ތެދުވިއެވެ. "ކަލޭ ހީކުރީ މަށަށް ސިއްރު ކުރެވޭނެ ކަމަށްތަ؟"
އަހަރެން ބިރުގަތެވެ. ދެ އަތް ދެ އަތަށް ޖޯޑުކޮށްލެވުނެވެ. އަތްތިލައަށް ކުޅެވެން ފެށުނެވެ.

"ފާތިމަތު ޔަސްމާ! ކަލޭ ބަނޑުގައި ތިއޮތް ކުއްޖާގެ ހަގީގަތް އަހަރެން އެންމެން ނަށް އަންގަންވީތަ؟ ކަލޭ ބަނޑުގައި ތިއޮތީ ކާކުގެ ދަރިއެއްކަން މުޅި ތަނަން އިއުލާން ކުރާންވީތަ؟،" ޝާމިން ރުޅިއައިސް ރަތްވިއެވެ. "ނަމުން ވަފާތެރި، ކަމުން ކެހިވެރި އެއްތީ. ކަލޭތީ ހަމަ ފައްކާ ރަންޑިއެއް. ކަލޭއަށް ބޮވޭނީ ހަމައެކަނި ސަމުސާއަކުން ނޫން. އުލެއް ލިބުނަސް ހެޔޮވަރު..."
"ނޫން ނޫން." އަހަންނަށް ބޯ ހޫރައިލެވުނެވެ. ކަރުގެ އެންމެ އެތެރެއިން އަޑު ނުކުތެވެ.

"އެހެންވީއިރު ބުނޭ. ކާކު ކުރިކަމެއް އެ؟" ޝާމިންގެ އަޑުމަޑުވިއެވެ. "ބުނޭ ކާކު އަހަރެން މަރައިލަން ރޭވީ؟ ކާކު އެ ޚިޔާލު ދިނީ؟ އަހަރެންވީ ލޯބީގެ ބަދަލު ހިފީ ކާކު؟"

"އަހަންނަކަށް ނޭނގެ." އަހަންނަށް ރޮވެން ފެށުނެވެ. ގިސްލެވެން ފެށުނެވެ. މުޅި މީހާ ތުރުތުރު އަޅަމުން ދިޔައެވެ.
"އަހަންނަށް އެހެން ނުހަދާ ރީތިކޮށް ބުނިނަމަ. އަހަންނަށް އެވަރުގެ ލަނޑެއް ނުދީ ސާފުކޮށް ކިޔައިދިން ނަމަ. އަހަންނަށް އެ ގެއްލުން ނުދިންނަމަ،" ޝާމިންގެ އަޑު މަޑުވެ ރާގު ބަދަލުވަމުން ދިޔައެވެ. "އަހަރެން ޔަސްމާ ވެސް ދޫކޮށްލީމުސް، އަހަރެން ހުރިހާ އެއްޗެއް ވެސް ދޫކޮށްލީމުސް"

"އަހަންނަކަށް ނުވިސް..." ގިސްލަމުން ގިސްލަމުން ބުނެވުނީ އެވަރަށެވެ.

"އަހަރެންގެ މައިންބަފައިން އަހަންނާ މެދު ހާދަ ފޮނި އުއްމީދެއް ކުރިއޭ. އަހަރެންގެ މަންމަ އަހަރެން މިވަރު ކުރީ ހާދަ ވޭނެއް އުފުލައިފައޭ. އަހަރެންގެ މީހަކާ އިންނަ ދުވަސް ދެކެން އެ މަންމަ ހާދަ އިންތިޒާރެއް ކުރިއޭ. އަހަރެންގެ ފަރާތުން އެ މަންމައަށް މާމާއޭ ކިޔާ ގޮވައިލާނޭ ދަރިއަކަށް އެ މަންމަ ހާދަ ފޮނި އިންތިޒާރެއް ކުރިއޭ،" ޝާމިންއަށް ވެސް ގިސްލެވެން ފެށުނެވެ. "އެ މަންމައަށް ޔަސްމާ ތައާރަފުވި ދުވަހުން ފެށިގެން އެ މަންމަ ދެކެމުން އައީ ތިޔައީ ދަރިއެއް ގޮތުގަ. އެ މަންމަގެ ހުރިހާ ހުވަފެނެއްގައި ކުލަ ޖައްސާނެ މީހެއް ގޮތުގަ."

އަހަންނަށް އަނގައި ވެސް ނުބުނެވުނެވެ. ދެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ކޯތާފަތް މަތީން ދަތްދޮޅިއަށް ފައިބަމުން ދިޔައެވެ. ދެ ފަހަރަކު އެތެރެއަށް ނޭވާ ދަމައިލެވުނެވެ.

"ދެކިބަލަ. މި ހުރިހާ ކަމެއް ބަދަލުކޮށްލީ ކަލޭ. ހަމަ ކަލޭ. ކަލޭގެ ސަބަބުން އަހަރެންގެ މުޅި އާއިލާއަށް ބަރުދާސްތު ނުވާ ވަރުގެ ވޭނެއް އެ ލިބުނީ،" ޝާމިންގެ އަޑު ބަދަލުވިއެވެ. "ލޯބީގެ އަގު ކަލޭ ބޭނުންވީ ފުރާނައިން ގުނާށެއްނު؟"
"ނޫން. ނޫން." އަހަންނަށް ބޯ ހޫރައިލެވުނެވެ.

"ބުނެދީބަލަ ކީއްވެތަ އެކަން އެގޮތަށް ކުރީ؟" ޝާމިން އަހަރެންގެ ދަތްދޮޅީގައި ހިފައިލިއެވެ.
"ކޮން ކަމެއްތަ؟" އަހަރެން ވެސް ހިތްވަރު ކޮށްފައި ޝާމިން ފޮޅުވައިލީމެވެ.
"އަހަރެންގެ ވަސް ދުއްވާލަން ރޭވީ،" ޝާމިން ހިތްހަމަ ނުޖެހިގެން އަހަރެންގެ އިސްތަށިގަނޑުގައި ހިފައި އަތަށް އޮޅައިލިއެވެ. "ކަލޭއެއް ނޫންތަ އެ މީހުން ފޮނުވީ؟ އަހަރެންގެ ސައިކަލުގައި ކާރުން ޖެއްސީ ކަލޭ ފޮނުވި ބައެއް ނޫންތަ؟"
"އަހަންނެއް ނޫން. އަހަންނަކަށް ނޭނގެ،" ބޮލުގައި ދެ އަތުން ހިފައިލަމުން އަހަރެން ބުނެލީމެވެ. "އާދޭސް ކޮށްފަ ބުނަން. އަހަންނަށް ތިހެން ނުހަދާ. ވަރަށް ތަދުވޭ."

"އަހަރެން ކަލޭއަށް އަނިޔާއެއް ދޭކަށް ބޭނުމެއް ނޫން. ކަލޭ ތެދުބަހުން ބުނޭ." ޝާމިން އަހަރެން ބޮލުން ދޫކޮށްލިއެވެ.
"ކީކޭތަ؟" އަހަންނަށް ބޮލުގައި ދެ އަތުން ފިރުމައިލެވުނެވެ. ޝާމިން އިސްތަށިގަނޑުގައި ހިފުމުންވީ ތަދުގެ ސަބަބުންނެވެ.
"ސާޖިދު އެ ކާކު؟،" ޝާމިން ދެ ބުމަ ގާތްކޮށްލިއެވެ. "އޭނާ ކަލޭ ގާތު އިންނަން އެހިތަ؟"
"ސާޖިދު؟" އަހަންނަށް ދެ ފަހަރު އެނަން ކިޔައިލެވުނެވެ.

"އާން ސާޖިދު؟،" ޝާމިން ހަޅޭއްލަވައިގަތެވެ. "އެނގޭނެ ކިޔައިދީ."
"އޭނާ އެއް ދުވަހު ބުނި އަހަރެން ބޭނުމޭ. އޭނާ ލޯބިވަނީ އަހަރެން ދެކެއޭ،" ހުއްޓަމުން ހުއްޓަމުން އަހަންނަށް ބުނެވުނެވެ. "އަހަރެން ނުވަން ރައްޓެއްސެއް."
"ކަލޭ ޖަވާބުގަ ކީކޭ ބުނީ؟" ޝާމިން އަނެއްކާ ވެސް ބާރުބާރަށް ސުވާލުކޮށްލިއެވެ.

(ނުނިމޭ)
ހިޔާލު