Ijuraaathey, Usooley kiyaane kameh nei, amalu kuranee ekifaharu ekigothah!
image
ކްރިމިނަލް ކޯޓުގެ، ޝަރީއަތް ކުރާ މާލަމެއް--
3 ކޮމެންޓް
 

އިޖުރާއަތޭ، އުސޫލޭ ކިޔާނެ ކަމެއް ނެތް، އަމަލު ކުރަނީ އެކި ފަހަރު އެކި ގޮތަށް!

މިހާރު އެންމެ ބޮޑަށް ފެންމަތިވެގެން މިއުޅޭ މަސްތުވާތަކެތީގެ މައްސަލައަށް ބަލާއިރު، ފުލުހުންނާއި ކްރިމިނަލް ކޯޓުން ދައްކާ ވާހަކަތައް ދެކޮޅެއް ނުޖެހެ އެވެ.
ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ހޯމަ ދުވަހުގެ ރޭ ހުޅުމާލެއިން ހައްޔަރުކުރި ދެ މީހުން ކޯޓުން ދޫކޮށްލީ އިޖުރާއަތާ ހިލާފަށް ހޯދާފައިވާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާތީ ކަމަށް ކްރިމިނަލް ކޯޓުން ބުނެ އެވެ. އަދި އަލުން ފުލުހުން އެ ދެ މީހުން ހައްޔަރުކުރި ކޯޓު އަމުރުވެސް އިޖުރާއަތާއި ހިލާފުވެގެން އެމީހުން ދޫކޮށްލުމާއެކު، ފުލުހުންނާއި ކްރިމިނަލް ކޯޓާ ދެމެދު ޒުވާބު އުފެދޭ ހިސާބަށް ކަންކަން ހިނގައްޖެ އެވެ.

މިމައްސަލާގައި ހައްޔަރުކުރީ އުމުރުން 25 އަހަރުގެ ފިރިހެނަކާއި އޭނާގެ 52 އަހަރުގެ މަންމަ އެވެ.

ކްރިމިނަލް ކޯޓުން ބުނަނީ އެ ދެ މީހުން ފުރަތަމަ ހައްޔަރުކުރި ކޯޓު އަމުރުގައި، އަމުރު ނެރެދިން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ގާޒީގެ ނަމާއި ސޮއި އެ ކޯޓު އަމުރުގެ ހުރިހާ ސަފްހާއެއްގައި ނެތް ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގަވާއިދު ބުނާ ގޮތުން ކޯޓު އަމުރުގެ ހުރިހާ ސަފްހާއެއްގައި އަމުރު ނެރެދިން ގާޒީގެ ނަމާއި ސޮއިން އޮންނަން ޖެހެއެވެ.

އެހެންކަމުން އެ ދެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެކޯޓުން ވަނީ ދޫކޮށްލާފަ އެވެ.

ދެ ވަނަ ފަހަރަށް ފުލުހުން ކޯޓު އަމުރެއް ހޯދައިގެން އެ ދެ މީހުން ހައްޔަރު ކުރި އެވެ. އަދި ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އަނެއްކާ ވެސް އެ ދެ މީހުން ދޫކޮށްލުމާއެކު ކްރިމިނަލް ކޯޓާއި ފުލުހުންނާ ދެމެދު ބަހުގެ ހަމަލާތައް ބަދަލު ކުރި އެވެ.

ކްރިމިނަލް ކޯޓުން ބުނަނީ އެމީހުން ދެ ވަނަ ފަހަރު ދޫކޮށްލީ ޖިނާއީ އިޖުރާޢަތުގެ ގަވާއިދުގެ އަށް ވަނަ މާއްދާގެ "ހ" ގައި ބުނެފައިވާ ކަންކަން ފުރިހަމަ ނުވާތީ ކަމަށެވެ. އެ މާއްދާގައި ބުނެފައިވަނީ ބަންދާ މެދު ގޮތެއް ނިންމަން ހުށަހަޅަން ޖެހޭނީ އެ މައްސަލަ ތަހުގީގު ކުރުމަށް ހަވާލުވެ ހުރި ފަރާތް ކަމަށެވެ. ނަމަވެސް އެ މީހަކު ކޯޓަށް ހާޒިރުވުމަށް އުޒުރުވެރިވާނަމަ، ގާނޫނު ތަންފީޒުކުރާ އިދާރާގެ ރަސްމީ ލިޔުމަކާއެކު، ބަދަލުގައި އެ އިދާރާގެ އެހެން ފަރާތަކަށް ކޯޓަށް ހާޒިރު ވެވިދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ފުލުހުންނާއި ކްރިމިނަލް ކޯޓު "ޒުވާބުގަނޑުގައި" ތިއްބައި، ދެން އިވުނީ ހައްޔަރުކޮށްފައިވާ 52 އަހަރުގެ މަންމަގެ އަންހެން ދަރިފުޅެއް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުގައި ގާނޫނީ ވަކީލަކަށް އުޅުއްވާ ވާހަކަ އެވެ. އަދި އެ ގާނޫނީ ވަކީލުގެ މަންމަ އާއި ބޭބެ މިމައްސަލާގައި ޝާމިލުވާއިރު، ޕީޖީ އޮފީހުގެ ގާނޫނީ ވަކީލުގެ ފިރިމީހާ މިހާރުވެސް ހުރީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލާގައި ސްރީ ލަންކާގައި ހައްޔަރުކޮށްފައި ކަމަށް މައުލޫމާތު ލިބެ އެވެ.

މިމައްސަލާގައި ކޯޓުން ބުނަނީ އެ ދެ މީހުން ހައްޔަރު ކޮށްފައިވަނީ އިޖުރާއަތާއި ހިލާފަށް ކަމަށެވެ. ފުރަތަމަ އަމުރުގައި ގާޒީގެ ސޮއި ނެތީ ކަމަށެވެ. ދެވަނަ އަމުރާއެކު އެދެ މީހުން ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުވީ އެމައްސަލަ ތަހުގީގު ކުރާ މީހާ ނޫން ކަމަށެވެ.

ނަމަވެސް ފުލުހުން ވަނީ އެކަން ދޮގުކޮށްފަ އެވެ. ފުލުހުން ބުނީ މިމައްސަލާގައި އަމަލުކޮށްފައި ވަނީ މީގެ ކުރިންވެސް މިފަދަ މައްސަލަތަކުގައި އަމަލު ކުރަމުންދާ އިޖްރާތްތަކާއި އެއްގޮތަށް ކަމުގަ އެވެ.

ކްރިމިނަލް ކޯޓުން ބުނީ އެމީހުން ދޫކޮށްލުމުން އެ ހަބަރު މީޑިއާއަށް ފުލުހުން ދީފައިވަނީ ވެސް އެއްވެސް ޒިންމާދާރު ކަމެއް ނެތި ކަމުގަ އެވެ. އަދި ފުލުހުންގެ އެ އަމަލަކީ ޝަރުއީ ދާއިރާގެ ތަސައްވުރު ނުބައިވާ ގޮތަށް ކޮށްފައިވާ އަމަލެއް ކަމަށް ވެސް މިމައްސަލާގައި ކްރިމިނަލް ކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ގާނޫނާ ހިލާފަށް އޮތް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ މީހެއްގެ ބަންދު އިތުރު ކުރުމަކީ ގާނޫނު ހުއްދަ ކުރާ ކަމެއް ނޫން ކަމަށާއި އެއީ މުއާހަދާތައް ވެސް މަނާ ކުރާ ކަމެއް ކަމަށާއި މި މައްސަލާގައި ހައްޔަރުކުރި އަންހެން މީހާއަކީ ތުހުމަތެއް ނެތި ހައްޔަރުކޮށްފައިވާ މީހެއް ކަމަށް ފުލުހުން ޝަރީއަތުގައި ބުނެފައިވާ ކަމަށް ކޯޓުގެ ބަޔާނުގައި ވެއެވެ.

ކްރިމިނަލް ކޯޓުން ބުނީ މައްސަލައެއްގައި ކޯޓުން ގޮތެއް ނިންމުމުން އެކަން މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފް ނުކޮށް އެމަރުހަލާގެ އެހެން ކޯޓަކަށް އަލުން ހުށަނޭޅޭނެ ކަމުގަ އެވެ.

ރަނގަޅެވެ. ކްރިމިނަލް ކޯޓުގެ ބަޔާނުގައި އިޖުރާއީ ގޮތުން ފާހަގަވި ކަންކަން އެއޮތީ ބަޔާން ކޮށްދީފަ އެވެ. ނަމަވެސް އުފެދޭ ސުވާލަކީ ކްރިމިނަލް ކޯޓުން ހުރިހާ މައްސަލަތަކެއްގައި ވެސް އަމަލު ކުރަނީ އެއްގޮތަކަށް ތޯއެވެ. އިޖުރާއަތާ އެއްގޮތަށް ތޯ އެވެ.

ގާނޫނީ ވަކީލުން އިޖުރާއި ނުކުތާތައް ފާހަގަކުރުމުން މައްސަލަ ބައްލަވަން އިންނަވާ ގާޒީ ހިތްޕުޅާވާ ގޮތަކަށް މައްސަލަ ނިންމާލާތަން ފެންނަލެއް މަދެއް ނޫނެވެ. އިޖުރާއީ ބޮޑެތި މައްސަލަތަކެއް ފެންމަތިވިޔަސް "އެހެންނަމަވެސް" ކިޔާލާފައި ފެންނަ ގޮތަކަށް މައްސަލަ ނިންމާލަނީ ނޫންތޯއެވެ.

މިމައްސަލައާ ޖެހުނީމާ މާބޮޑު "އިޖުރާއަތެއް" ފެންމަތިވި ސަބަބެއް ހަމަ އެއްގޮތަކަށް ވެސް ނުވިސްނެ އެވެ. މީގެ ކުރިން، އެތައް މައްސަލައެއްގައި، ކޯޓު އަމުރު ނުދައްކާ މީހުން ހައްޔަރުކޮށްފައި ވެއެވެ. ހެއްކެތް ގަރީނާއެއް ނެތި ސިޔާސީ ހުރިހާ ލީޑަރުން ހައްޔަރުކޮށް، ޖަލަށްލީއިރުވެސް އިޖުރާއަތާއި ގާނޫނާއި ގާނޫނުއަސާސީގައި ބުނާ އެއްޗަކަށް ބެލުމެއްނެތި "ވާނުވާ" ޖަހާލަޖަހާލަ ތިއްބެވީ ނޫންތޯ އެވެ.

ދެން އޮތީ ފުލުހުން ނެވެ. ފުލުހުންވެސް ތަސައްރަފު ފުދެން ވެއްޖެ އެވެ. ފުލުހުންނަކީ ގައުމު އަމާން ބަނދަރަކަށް ގެނެސް ދިނުމަށް އެންމެ މުހިއްމު އެއް މުއައްސަސާ އެވެ. ނަމަވެސް އެ މުއައްސަސާ މި ހުރިހާ ދުވަހު އޮތް ގޮތް ރައްޔިތުންނަށް އެނގެ އެވެ.

ފުލުހުންނަށް ވެސް ގިނަ ކަންކަމުގައި އަމަލު ކުރެވިފައި ހުރީ ރަނގަޅަކަށް ނޫނެވެ. އެހެންކަމުން، "ކުރިން ވެސް އަމަލު ކުރިގޮތޭ" ބުނެ ޒިންމާއިން ނުރެކެވޭނެ އެވެ. ގާނޫނުއަސާސީ އާއި ގާނޫނުތަކުގައި ބުނެފައިވާ ގޮތަށް ފުލުހުންގެ އަމަލުތައް ވެސް ބަހައްޓަންޖެހެ އެވެ. އެހެންނޫނީ ގެއްލިފައިވާ އިތުބާރު އަލުން ނުލިބޭނެ އެވެ.
ހިޔާލު

ާއަލީ

ފުރަތަމަ ހެޑްލައިން ފެނުނީމަވެސް އެނގޭ ލިއުންތެރިޔާގެ ފެންވަރު

ޔޯގަޓް

ވަރަށް ބަރާބު ވާހަކައެއް 0 ތެދެއް

ޞައްދާމު

ތިޔަ ލިއުމަށް ހަމަ ސާބަސް