Modi vadaiganna vaathee gina magu thakeh bandhu kuranee
image
މަގުތައް ބަންދުކުރާނެ ގޮތުގެ ތަފްސީލު-- ފޮޓޯ: ފުލުހުން
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

މޯދީ ވަޑައިގަންނަވާތީ ގިނަ މަގުތަކެއް ބަންދުކުރަނީ

އަންނަ ހޮނިހިރު ދުވަހު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާތީ ސަލާމަތީ ސަބަބުތަކަށްޓަކައި މާލޭގެ މަގުތައް ބަންދުކުރަން ނިންމާފައިވާ ގޮތް ފުލުހުން އާންމުކޮށްފި އެވެ.
ފުލުހުން އާންމުކޮށްފައިވާ ޗާޓުން ދައްކާ ގޮތުން މާލޭގެ ބޮޑު ބައެއް ވަނީ ބަންދުކުރަން ނިންމާފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލިސް ސަރަހައްދުގެ ގިނަ މަގުތަކެއް ހިމެނޭހެން ބޮޑު ތަކުރުފާނު މަގުން މަސްވެރިންގެ ޕާކުން ފެށިގެން ގޮސް ދަތުރުވެރިންގެ މާރުކޭޓާ ހަމައަށް މަގު ބަންދު ކުރާނެ އެވެ.

ފުލުހުން ބުނީ، މިރޭ 19:00 އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ 00:00 އަށް ބައެއް މަގުތަކުގައި ޕާކު ކުރުން ވެސް މަނާ ވާނެ ކަމަށެވެ.


ދެ ދުވަހުގެ ދަތުރުފުޅެއްގައި މޯދީ ރާއްޖެ ވަޑައިގަންނަވާއިރު އެ ދަތުރުފުޅާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ހެނދުނު ދެ ގަޑިއިރެއްހާއިރަށް ސިނަމާލޭ ބްރިޖު ވެސް ވަނީ ބަންދުކުރަން ނިންމާފަ އެވެ.

މިއީ މޯދީ ރާއްޖެ ވަޑައިގަންނަވާ ދެވަނަ ފަހަރެވެ. މޯދީ އަލަށް ރާއްޖެ ވަޑައިގެންނެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. މިފަހަރުގެ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގްރީރު ވެސް ކުރައްވާނެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ރާއްޖެއާ އިންޑިއާގެ ގުޅުން ވަަރަށް ބޮޑަށް ހީނަރުވި ނަމަވެސް ރައީސް ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ވަނީ އަލުން އެގުޅުން ބަދަހިކުރައްވާފަ އެވެ.
ހިޔާލު