Yemen ge Houthin Saudi ah vadhe 20 thaneh ge control nagaifi!
image
ހޫތީ ހަނގުރާމަވެރިން -- ފޮޓޯ: ޓްވިޓާ
1 ކޮމެންޓް
 

ޔަމަނުގެ ހޫތީން ސައުދީއަށް ވަދެ 20 ތަނެއްގެ ކޮންޓްރޯލް ނަގައިފި!

ހޫތީ ހަނގުރާމަވެރިން ޔަމަނާއި ސައުދީ އަރަބިއްޔާ ގުޅޭ ބޯޑަރު ހުރަސްކޮށް، ބޯޑަރު ސަރަހައްދުގެ 20 ތަނެއްގެ ކޮންޓްރޯލް ނަގައިފި ކަމަށް ހޫތީން ބުނެފި އެވެ.
ޔަމަނުގެ އިންތިހާބީ ސަރުކާރާ ދެކޮޅަށް ހޫތީން ހަނގުރާމަ ކުރާތީ އެމީހުންނާ ދެކޮޅަށް ސައުދީން އިސް ނަގައިގެން ވަނީ ބޮޑު އަސްކަރީ ކޯލިޝަނެއް ހަދާފަ އެވެ. ރާއްޖެ އަކީ ވެސް އެ ކޯލިޝަނުގެ މެމްބަރު ގައުމެކެވެ.

ޔަމަނުގެ ސަބާ ނިއުސް އޭޖެންސީ އަށް މައުލޫމާތު ދެމުން ހޫތީންގެ ތަރުޖަމާނު ޔަހުޔާ ސަރެއި ވިދާޅުވީ ސައުދީގެ ހުޅަނދު ދެކުނު ނަޖްރާން ޕްރޮވިންސްގައިވާ ބައެއް އަސްކަރީ ތަންތަން އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެއީ ފާއިތުވި ތިން ދުވަހުގެ ތެރޭގައި ހިންގި "ސަޕްރައިޒް" ހަމަލާތަކެއް ސަބަބުން ލިބުނު ކާމިޔާބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސައުދީގެ ކޯލިޝަނުގައި ހިމެނޭ 200 އަށް ވުރެ ގިނަ މީހުން އެ ހަމަލާތަކުގައި މަރާލައި، ނުވަތަ ޒަހަމްކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިތުރު މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

"އަޅުގަނޑުމެން އަތުގައި އެ އޮޕަރޭޝަނުގެ ވީޑިއޯ އެބަހުރި. ފަހުން އެ ވީޑިއޯ ހާމަ ކުރާނަން،" ސަރެއި ވިދާޅުވި ކަމަށް އެ ނޫހުން ރިޕޯޓު ކުރި އެވެ.

އަލް ޖަޒީރާ ނޫހުން ބުނީ އޭނާގެ ވާހަތަކައް އިތުރު ބަޔަކު އަދި ކަށަވަރުކޮށްދީފައި ނުވާ ކަމަށެވެ. މިހާތަނަށް ސައުދީން ވެސް އެކަމާއި ބެހޭ ގޮތުން އެއްޗެއް ނުބުނެ އެވެ.

ޔަމަނުގެ ދާހިލީ ހަނގުރާމަ ފެށުނީ 2014 ވަނަ އަހަރު އެވެ. ޔަމަނުގެ އިންތިހާބުން ސުންނީ މުސްލިމުންނަށް ކާމިޔާބު ލިބުމުން، ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިހަށް ވަފާތެރި ހޫތީން މަސައްކަތެ ފެށީ ބަގާވާތެއް ކުރާށެވެ.

އެ ބަގާވާތުގެ ތެރޭގައި ހަނގުރާމަވެރިން ނިކުމެ، ވެރިރަށް ސަނާގެ ބޮޑު ބައެއް ހިފި އެވެ. އެއަށްފަހު ޔަމަނުގައި ދެ ސަރަހައްދެއްގައި ވެރިކަން ކުރަމުން އައީ ދެ ސަރުކާރަކުންނެވެ.

ސައުދީން އިސް ނަގައިގެން އުފެއްދި ކޯލިޝަނުން ޔަމަނުގެ ހަނގުރާމައިގެ ތެރެއަށް ވަނީ 2015 ވަނަ އަހަރު އެވެ. އެ ކޯލިޝަނުގެ މަސައްކަތަކީ އިންތިހާބީ ރައީސް އަބްދު ރައްބު މަންސޫރު ހާދީއާ ޔަމަނުގެ ފުރިހަމަ ކޮންޓްރޯލް ހޯދަ ދިނުމެވެ.

ހޫތީންނަކީ ޝިއައީންގެ ތެރޭގައި ހިމެނޭ "ޒައިދީ" ގަބޫލު ކުރުންތައް ގަބޫލުކުރާ ބައެކެވެ. ޔަމަނުގެ އާބާދީގެ 75 އިންސައްތަ އަކީ ސުންނީންނެވެ. އަދި 25 އިންސައްތަ އަކީ ޒައިދީ ޝިއައީންނެވެ.

އެ ހަނގުރާމައަށް ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މުސްލިމް ގައުމުތަކުގެ ތެރެއިން މިހާރު ދުނިޔޭގައި އެންމެ ހާލުގައި މީހުން އުޅެމުންދާ އެއް ގައުމަކީ ޔަމަނެވެ.

އެގޮތުން އާއްމުންގެ އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ. އަދި އެތައް މިލިއަން ބަޔަކު ބަނޑަށް ޖެހި، ގެދޮރު ގެއްލިފައިވާއިރު، އޭގެ ތެރޭގައި 85،000 އަށް ވުރެ ގިނަ ކުޑަ ކުދިން ހިމެނެ އެވެ.
ހިޔާލު

ޙުސެން

މިއީ މުސްލިމް ޤަވްމުތހަކަށް ދިމާވެފައިވާ އެންމެ ބޮޑު މުޞީބާތެވެ. ޢަދާވާތްތެރިކަމާއި ތަޅާފޮޅުމެވެ. މިއީ އިސްލާމީ ދަޢްވަތޢި ޚިލާފް ކަމެކެވެ. ﷲ އަންގަވަނީ އެއބައިވަންތަކަން ދެމެހެއްޓުމަށެވެ. މަޝްވަރާގެ އުޞޫލު އިޚްތިޔާރުކޮށް މައްސަލަ ޙައްލުކުރުމަށެވެ. މިއީ މުސްލިމުންނަށް ދުވަހަކު ވެސް ނުކުރެވިދައިވާކަމެކެވެ. ﷲ ތއދުމަގު ދައްކަވާށި . امين.