Kasautii gai Bajaaj ge role ah Karan
image
ކަސޯޓީގައި ބަޖާޖުގެ ރޯލަށް--
0 ކޮމެންޓް
 

ކަސޯޓީގައި ބަޖާޖުގެ ރޯލަށް ކަރަން

އެކްތާ ކަޕޫރުގެ އެންމެ މަގްބޫލު އެއް ޑްރާމާ، ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައެއް އުފައްދާ، ދައްކަން ފަށާފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅެވެ. ދުވަހެއް ދުވަހަކަށް ޑްރާމާއަށް ލިބޭ ތަރުހީބު ވެސް ދަނީ ބޮޑު ވަމުންނެވެ.
އަނުރާގް އާއި ޕްރެނާ އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވިނަމަވެސް ކޯމޮލިކާ އާއި އަނުރާގްގެ އާއިލާގެ ސަބަބުން ދެމީހުންނަށް އެކު ނުވެވިގެން އުޅޭ މަންޒަރުތައް ޑްރާމާއިން ދައްކުވައިދީފައިވާއިރު ކޯމޮލިކާގެ ނުބައިކަން އަނުރާގްގެ އާއިލާއަށް ފަޅާއަރެމާއެކު އޭނާގެ އުނދަގުލުން ޕްރެނާ އާއި އަނުރާގް މިވަނީ ސަލާމަތްވެފައެވެ. އެކަމަކު އަނުރާގް އާއި ޕްރެނާގެ ދިރިއުޅުމުގައި މައްސަލަތައް ފެންމަތިކުރަން އަނެއްކާ ވެސް މީހަކު އަންނަން މިހާރު މިވަނީ ކައިރިވެފައެވެ. އެއީ ބަޖާޖެވެ.

ކަސޯޓީގެ ފުރަތަމަ ބައިން ބަޖާޖުގެ ރޯލުން ފެނުނު ރޯނިތު ރޯއީ އަށް އަލްވަދާއު ކިޔާ ގަޑި ޖެހިއްޖެ ކަމަށް އެކްތާ ކަޕޫރު އިއުލާނުކުރިތާ މިހާރު ދުވަސްކޮޅެއް ވެފައިވާއިރު ބެލުންތެރިން މިހާރު ތިބީ ބަޖާޖުގެ ރޯލުން ފެންނާނެ ތަރިއެއް ބެލުމަށް ކެތްމަދުވެފައެވެ.

އިންޑިއާގެ ނޫސްތަކުން ކުރިން ބުނީ، އެ ރޯލަށް ނަގަނީ، އިސް ޕިޔާރް ކޯ ކިޔާ ނާމް ދޫންގައި އަރްނަވްގެ ރޯލުން މަޝްހޫރުވި ބަރުން ސޮބްތީ ކަމަށެވެ. އެކަމަކު އަޑުތައް އަރާ ގޮތުން އެ ޑްރާމާއަށް ނަގާފައި ވަނީ ބޮލީވުޑުގެ ބަތަލާ ބިޕާޝާ ބާސޫގެ ފިރިމީހާ އަދި ޓީވީ ތަރި، ކަރަން ސިންގް ގްރޯވާ ކަމަށެވެ. އަދި ބަޖާޖުގެ ރޯލަށް އޭނާ މިހާރު ޝޫޓިންތައް ވެސް ފަށާފައިވާ ކަމަށް އަޑުތައް އަރައެވެ.


މިއީ ކަރަން ބޮލީވުޑުގައި މަސައްކަތް ކުރުމަށް ޓީވީ ދާއިރާއަށް ދުރަށް ޖެހިލުމަށް ފަހު ކުރާ ފުރަތަމަ ޓީވީ ޝޯގެ މަސައްކަތެވެ. އެންމެ ފަހުން އޭނާ ޓީވީ ޝޯއަކުން ފެނުނީ މަގްބޫލު ޑްރާމާ، "ގަބޫލު ހޭ" އިން 2016 ވަނަ އަހަރެވެ. އެހެންކަމުން، ކަރަން ޓީވީ ދާއިރާއަށް އެނބުރި އައުމަކީ އޭނާގެ ސަޕޯޓަރުންނަށް ލިބޭނެ އުފަލެކެވެ.

ދެހާސް އެއްވަނަ އަހަރު އެންމެ ފުރަތަމަ ކަސޯޓީ ދައްކަން ފެށިއިރު ޝޯގެ ފުރަތަމަ ބައިން ޕްރެނާގެ ރޯލުން ފެނިގެންގޮސްފައިވަނީ މަޝްހޫރު ތަރި ޝްވެތާ ތިވާރީއެވެ. އަނުރާގްގެ ރޯލުން ފެނިގެންގޮސްފައިވަނީ ސިޒޭން ހާނެވެ. ކޮމޮލިކާގެ ރޯލުން އުރަވަޝީ ފެނިގެންދިޔަ އިރު ބަޖާޖުގެ ރޯލުން ފެނިގެންދިޔައީ ރޯނިތު ރޯއީ އެވެ.

ޝޯގެ ދެވަނަ ބައިން ޕްރެނާގެ ރޯލުން އެރިކާ ފެނާންޑަޒް ފެނިގެންދިޔައިރު އަނޫރާގް ގެ ރޯލުން ފެނިގެންދަނީ ޕާރްތު ސަމްތާންއެވެ. އަދި ކޯމޮލިކާގެ ރޯލުން ފެނިގެންދަނީ ހީނާ ހާންއެވެ. ކަސޯޓީގެ ފުރަތަމަ ބައި ފަދައިން ދެވަނަ ބަޔަށް ވެސް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ.
ހިޔާލު