Dhenamaadhu dheytherey amillayah jalsa beyvi iru OK!
image
ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން މަޖިލިސް ޖަލްސާ ކުރާ މާލަމުގައި --
8 ކޮމެންޓް
 

ދެ ނަމާދު ދޭތެރޭ އަމިއްލައަށް ޖަލްސާ ބޭއްވިއިރު "އޯކޭ"

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ސަރުކާރުން ވަނީ ބޮޑެތި އެތައް ޖަރީމާއެއް ހިންގާފަ އެވެ. ޖަރީމާ ހިންގީ ފައިސާއިންނާއި ދައުލަތުގެ މުދަލުން އެކަންޏެއްވެސް ނޫނެވެ. ގާނޫނު އާސާސީ އާއި ގާނޫނުތަކަށް ބޮޑެތި ބަދަލުތައް ގެނެސް ނުރައްކާތެރި އެތަށް ގާނޫނުތަކެއް ވުޖޫދު ކޮށްގެން ވެސް ޔާމީން ސަރުކާރުން ވަނީ އެތައް ޖަރީމާއެއް ހިންގާފަ އެވެ. އެޖަރީމާތަކުގައި ދައުލަތުގެ މިނިވަން މުއައްސަސާތައް ވެސް ހިމެނެ އެވެ.
ސަރުކާރުން ހިންގި ޖަރީމާތަކުގެ ފަހަތުގައި އެންމެ މުހިއްމު ރޯލެއް ކުޅުނީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހެވެ. ހާއްސަކޮށް 2014 ވަނަ އަހަރު އެމަޖިލިސް އެކުލަވާލުމާއެކު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރު ކުރުމާ ހަމައަށް ބޮޑެތި ޖަރީމާތަކެއް މަޖިލީހުގެ ތެރެއިން ވެސް ހިންގާފައި ވެއެވެ. އަދި އޭގެ ފަހުން ސަރުކާރަށް އޮތް ސާފު މެޖޯރިޓީ ގެއްލުމުން ވެސް 2018 ގައި ވެރިކަން ނިމެންދެން ޖަރީމާތަށް ހިންގަމުގައި ސަރުކާރާއެކު މަޖިލިސް ވެސް ދެމި އޮތެވެ. ރައީސް ޔާމީނާއެކު މަޖިލިސް ރައީސް އަބްދުﷲ މަސީހު މުހައްމަދު ހުންނެވީ އަތުކުރި އޮޅާލައިގެންނެވެ.

ވެރިކަން ބަދަލުވެއްޖެ އެވެ. އޭރު ހިނގަމުންދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީސް ނިމި 19 ވަނަ ރައްޔިތުންގެ މަޖިލިސް އެކުލަވާލައިފި އެވެ. މިހާރު ހިނގަމުންދަނީ އޭރު އިދިކޮޅުގައި އޮތް އެމްޑީޕީއާއެކު އޮތް ގުޅިފައިވާ ކޯލިޝަން ސަރުކާރެކެވެ. މަޖިލީހުގެ ސުޕަރ މެޖޯރިޓީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށް އެބައޮތެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހަށް އަދި ރަނގަޅު ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުއްޓެވެ. އޭގެ ތެރެއިން ބައެއް ކަންކަން މަޖިލީހުން މިދިއަ ދައުރު ކޮށްފި އެވެ. އެއީ ބޭރު މީހުންނަށް ދިވެހިރާއްޖެއިން ބިން މިލްކު ކުރެވޭގޮތަށް ގާނޫނުއަސާސީއަށް ޔާމީން ސަރުކާރުން ގެނައި އިސްލާހު ވަނީ އަލުން ބަދަލުކޮށްފަ އެވެ.

ނިމިދިޔަ 18 ވަނަ މަޖިލިސް ބޭނުންކޮށްގެން ޔާމީން ހިންގި ޖަރީމާތަކުގެ ތެރެގާއި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނު ފާސްކުރީ އޯވާ ނައިޓަކުން ނެވެ. 24 ގަޑިއިރުގެ ތެރޭގައި އެ ގާނޫނު ފާސްކުރިއިރު، އެގާނޫނުގައި އޮތް އެއްޗެއް މަޖިލީހުގައި ތިއްބެވި ގިނަ މެމްބަރުންނަށް ނުވެސް އިނގެއެވެ. އަވަސް އަރުވާލައިގެން އެގާނޫނު ފާސްކުރުމަށްފަހު، ގާނޫނުއަސާސީގައި އޮތް ބޭރު މީހުންނަށް ރާއްޖެއިން ބިން މިލްކު ނުކުރެވޭ ގޮތަށް އޮތް މާއްދާ ބަދަލު ކޮށްލީ، މަޖިލީހުގެ ތެރެއިން ބޮޑެތި ޖަރީމާތައް ހިންގުމަށްފަހުގަ އެވެ. ގޯނި ގޯނީގައި މެމްބަރުންނަށް ފައިސާ ދީގެން ނެވެ.

ބޭރު މީހުންނަށް ބިން މިލްކު ކުރެވޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމާއި ސްޕެޝަލް އިކޮނޮމިކް ޒޯންގެ ގާނޫނުގެ މައިގަނޑު ބޭނުމަކީ ބޭރު މީހުންނަށް ރާއްޖޭގެ ބިންތައް ވިއްކުމެވެ. އޭގެ ތެރޭގައި ފ. އަތޮޅު ސައުދީ އަރަބިޔާގެ ޝާހީ އާއިލީ ބަޔަކަށް ވިއްކާލުމާއި ޗައިނާއާ އެކު އޮތް ގުޅުމުގެ ތެރެއިން ވިޔަފާރީގެ ގުޅުން ރަނގަޅުކުރުމަށް ހިންގި ޖަރީމާތައް ހިމެނެ އެވެ.

ދިވެހިރާއްޖެ ޗައިނާއާއެކު "ފްރީ ޓްރޭޑް" އެއްބަސްވުމުގައި ސޮއިކުރިއިރު، މަޖިލީހުން އެ އެއްބަސްވުމަށް ރުހުން ދިނީ އެއޮތްބޮޑު އެއްބަސްވުން މެމްބަރުން ކިޔާވެސް ނުލައެވެ. މަޖިލީހުގައި އެ އެއްބަސްވުން ދިރާސާ ކުރަން ނެގީ އެންމެ 10 ވަރަކަށް މިނެޓެވެ. އޭގައި އޮތް އެއްޗެއް އެނގޭ މެމްބަރަކުން ނުހުންނާނެ އެވެ. އޭފޯ ރީމެއްގެ ވަރުގެ އެއެއްބަސްވުމުން ލިޔެފައި އޮތީ އިނގިރޭސީން ނެވެ. އެ އެއްބަސް ވުމަށް މަޖިލީހުން ރުހުންދިނީ ޓްރޭޑް މިނިސްޓަރަކަށް އޭރު ހުންނެވި މުހައްމަދު ސައީދު ކޮމެޓީގައި ދެއްކެވި ވާހަކަކޮޅަށްފަހު އެވެ. މާބޮޑު ތަފްސީލެއްވެސް ނުދެއްވަ އެވެ. އެންމެ 10 މިނެޓްގެ ތެރޭގައި ދިރާސާކޮށް ނިންމާލި އެވެ.

ދެން އޮތީ، މިއަދު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ އިންޑިއާގެ ބޮޑު ވަޒީރު ނަރަންދުރަ މޯދީ ތަގުރީރާމެދު ޔާމީންގެ ސަރުކާރުގެ ވެރިން ދެކޭގޮތެވެ. އެމީހުން ގަބޫލު ކުރާ ގޮތުގައި މޯދީގެ ތަގުރީރު ދެނަމާދު (މަޣްރިބް ނަމާދާއި އިޝާނަމާދު) ދޭތެރެއަށް ހަމަޖެއްސުމަކީ އިސްލާމްދީނާއި ދިވެހި ސަގާފަތަށް ގޮންޖެހުމަށް މިސަރުކާރުން ކުރާ ކަމެކެވެ.

އެހެން އެމީހުން ދެކޭއިރު، ކުރިން މިދެންނެވި ސްޕްޝަލް އިކޮނޮމިކް ޒޯންގެ ގާނޫނުތައްފަދަ އެސަރުކާރަށް މުހިއްމުވި ހުރިހާކަމެއް ހިންގާފައިވަނީ އެއްވެސް އުސޫލެއް ހަމައެއްލަމައެއް ބެލުމެއް ނެތި އެވެ. އެމީހުން އަމިއްލައަށް ޖަލްސާތައް އެޖެންޑާކޮށްގެން ދެ ނަމާދު ދޭތެރޭގައި ޖަލްސާތައް ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ. ދެނަމާދު ދޭތެރޭގައި ދައުލަތުގެ ބަޖެޓަށް ބަހުސް ކޮށްފައިވެސް ވެއެވެ.

މާ އިސްލާމް ދީނަށް ލޯބިކުރާ ބަޔަކަށް ވެގެން އުޅޭއިރު، އެމީހުން އުޅުނީ ޗައިނާ މީހުން އަތުއަޅުވާލައިގެންނެވެ. ސަރުކާރުން ގުޅުންހިންގީ ޗައިނާ ސަރުކާރާ އެކުގަ އެވެ. ޗައިނާ ސަރުކާރަކީ އެގައުމުގައި އުޅޭ މުސްލިމުންނަށް އެންމެ ދުއްތުރާ ކުރާ ސަރުކާރެވެ. ރޯދަ ހިފުން މަނާ ކުރެ އެވެ. ރޯދަ އަށް ހުއްޓާ ކަރަށް ރާ އަޅައެވެ. މިފަދަ ސަރުކާރަކާއެކު ގުޅުން ގާއިމު ކޮށްގެންތިބި ބަޔަކު އައިސް، ދެން މިހާރު މާރަނގަޅު ބަޔަކަށް ވެގެން މިއުޅެނީ މިސަރުކާރަށް ޖެއްސުން ކުރުން ނޫން އެއްވެސް ކަމަކު ނޫނެވެ.

މިސަރުކާރުން މިއުޅެނީ ބޭރު ގައުމެއްގެ ވެރިއެއްގެ އިތުރުން ދުނިޔޭގައި ވެސް އެންމެ ނުފޫޒު ގަދަ އެއްގައުމު، އަދި އެންމެ ބޮޑަށް ކުރިއަރަމުން އަންނަ އެއް އިގްތިޞާދުގެ ވެރިޔާ އިންޑިއާގެ ބޮޑު ވަޒީރު މޯދީ ރާއްޖެ ވަޑައިގަންނަވާ ކުޑަކުޑަ އެވަގުތު ކޮޅުގެ ތެރޭގައި މަޖިލީހުގައި ތަގްރީރެއް ކުރެއްވުމަށް ނިންމެވުމާއި ގުޅިގެން އެކަން ކުރާށެވެ. މޯދީ ރާއްޖެ ވަޑައިގެންނަވަނީ މާގިނަ ވަގުތުތަކެއް ލިބިވަޑައިގެން އަރާމު ކުރައްވާކަން ނޫނެވެ. ރާއްޖެ ވަޑައިގަންނަވާ އެ ކުޑަ ވަގުތު ކޮޅުގައި ވެސް މަޖިލީހުގައި ތަގުރީރެއް ކުރެއްވުން މުހިއްމު ކަމަކަށް ވާތީ އެކަން ކުރެއްވުމުގެ ބޭނުމުގަ އެވެ. އެހެންކަމުން ދެނަމާދު ދޭތޭގައި ތަގުރީރެއް ދެއްވުމުން މައްސަލައަކީ ކޮބައިތޯ އެވެ. ހިތްހަމަ ނުޖެހިގެން އުޅޭ ޔާމީން ސަރުކާރުގެ އިސް ބޭފުޅުން ދެނަމާދު ދެތެރޭ، މަޖިލީހުގައި ސަކަރާތް ޖެއްސެވިޔަސް މިސަރުކާރުން އެކަން އެކުރަނީ ރާއްޖެ ވަޑައިގަންނަވާ މެހެމާނުގެ ވަގުތުތައް ހަމަޖެހިފައިވާ ގޮތަށް ބަލައިގެން ނެވެ.

އަނެއްކާ އެތަގުރީރު ދެއްވާ ޖަލްސާގައި ބައިވެރިވުމަކުން އެއްވެސް މެމްބަރަކަށް މަޣްރިބް ނަމާދާއި އިޝާނަމާދެއް ނުކަޓާނެ އެވެ. ތިމާގެ ނުލަފާކަމުން ކޮންމެފަދަ ވާހަކައެއް ވެސް ދެއްކިދާނެ އެވެ. އަދި ދެނަމާދު ދޭތެރޭ ތިމާ އޮންނަނީ ސަޖިދަ އަށޭވެސް ބުނެވިދާނެ އެވެ. އެކަމަކު ތިމާ އުޅޭ ގޮތާއި ތިމާ މުދާ ހޯދި ގޮތް އެންމެ މޮޅަށް ދެނެވޮޑިގަންނަވާނީ މާތްﷲ އެވެ.
ހިޔާލު

މޯދީ

ވަރަށް ފުރިހަމަ

ހިޔާލު

ވަރަށް ފުރިހަމަ ލިޔުމެއް 👏🏽👏🏽👏🏽

ރައްޔިތެއް

ޔާމީން ސަރުކާރުގަ ކުރި ކަމެއް ވީމަ އެކަމެއް އެ ރަނގަޅުވީތަ؟ ބޭރުގެ ވެރިއެއް އައިސްގެން ސީދާ ދެނަމާދު ދޭތެރެއަށް ޖަލްސާއެއް އެޖެންޑާކުރި ބަޔަކު މި ނޫނީ އުޅޭތަ؟ ކުރީގެ ސަރުކާރުން ޗައިނާ އާ ގުޅުން ބަދަހި ކުރީމަ އެކަން ގޯސް. އެކަމަކު މިހާރުގެ ސަރުކާރުން އިންޑިއާއާ ގުޅުން ބަދަހި ކުރުން އޯކޭ.

އަކްރަމް

ވަރަށް ފުރިހަމަ ރިޕޯޓެއް.

ކަންއޮތްގޮތް

މިއީ ޖަރނަލިޒަމްކަމުގައިވާނަމަ، ވަރަށްވެސް ދެރަވޭ! މިކަން މިގޮތަށް ނުހިގައެކޭ ނުބުނާނަމެވެ. އެކަމަކު ލިއުންތެރިކަން މިހައި ދަށުދަރަޖައަށްގޮސް ޒާތީވުމަކީ ލިއުންތެރިކަމުގައި ހިމެނޭކަމެއްނޫނެވެ. ޚިޔާލަކަށްވީނަމަވެސް، ނުވަތަ މުތުލަޤައް ދިމާކުރުމަކަށްވީނަމަވެސް ލިއުންތެރިކަން މިއަށްވުރެ ރަނގަޅުވާންވާނެކަމުގައި ދެކެމެވެ. މިކޮމެންޓު ޖަހާކަށް ބޭނުމެއްނޫނެވެ. އެކަމަކުވެސް ނޫސްކިޔައި، ނޫސްވެރިކަމަށް ތަރުޙީބުދޭ ނޫސްވެރިންދެކެ ލޯބިވާމީހަކަށް ވާތީވެ، ދަންނަވާލީއެވެ.

ހާލުގެދުލުން

މީ ނޫސްވެރިކަމެއްތަ؟އެއްއަތަށްގޮސް މުޅިންހުސްވެފަ.

ސިމާ.

ކިތަށްޖަލްސާތޯ ދެނަމާދުދޭތެރޭ ރައީސްޔާމިނު ބޭއްވީ އޭރުއޯކޭ.

ޙަސީނާ

މި ފެންވަރުގެ ހަބަރެއް ނުކިޔޭ އަދި. ހަބޭސް. މި ހަބަރު ވަރަށް ފުރިހަމަވީސް އެމީހުން ދެނަމާދު ދޭތެރޭ ބޭއްވި ޖަލްސާތަކުގެ ފުރިހަމަ ތަފްސީލާއި އެކީ ގެނަނަމަ.