Vaahaka: Lift
image
ވާހަކަ: ލިފުޓު--
1 ކޮމެންޓް
 

ވާހަކަ: ލިފުޓު

"އަހަރެން... އަހަރެން ބުނީ ޝާމިން ދެކެ އަހަރެން ވަރަށް ލޯބިވެޔޭ.. މިހާރު ކާވެނީގެ ހުރިހާ ކަމެއް ވެސް ހަމަ ޖެހެމުންނޭ ދަނީ. ޝާމިން ވެސް އަހަރެން ދެކެ ވަރަށް ލޯބިވެޔޭ. އަހަރެންގެ ދުނިޔެއަކީ ޝާމިންއޭ. އޭނާ ނޫން މީހަކު އަހަރެން ބޭނުމެއް ނޫނޭ" ޝާމިންގެ މޫނަށް ބަލަހައްޓައިގެން ހުރެ ލަސްލަހުން ބުނެލެވުނެވެ.
"އާޗާ! ސަޅި ވާހަކަ. ކަލޭގެ ދުނިޔެއަކީ ޝާމިންތަ؟ ކަލޭ އިނދެގެން ތި އުޅެނީ ޝާމިންއާތަ؟ ކަލޭ ތި އުފުލަނީ ޝާމިންގެ ދަރިއެއްތަ؟" ޝާމިން ހޭން ފެށިއެވެ. ބާރުބާރަށެވެ.

އެއާއެކު އަހަންނަށް ދެ ކަންފަތުގައި އަތް އަޅައިލެވުނެވެ. ޝާމިންއާ ދިމާއަށް ކަޅި ޖަހައި ނުލައި ބަލަން އިނދެވުނެވެ.
"ކަލޭއަށް އެނގޭތަ އަހަރެން މީ ކާކު ކަން؟ އަހަރެން މީ ކަލޭގެ ކާކު ކަން؟ ކަލޭއަށް ވިސްނޭތަ އަހަރެން މީ ކާކު ކަން؟" ޝާމިން އަހަންނާ ދިމާއަށް ގުދުވެލިއެވެ.

ބަދަލުގައި އަހަރެން އެއްޗެކޭ ނުބުނަމެވެ. ޝާމިންގެ މޫނަށް ބަލައިގެން އިނދެވުނީއެވެ.
"ކަލޭ ގާތުއޭ މި އަހަނީ؟ އަދިވެސް ކަލޭ ޝާމިން ދެކެ ލޯބިވޭތަ؟" ޝާމިންގެ ޝަހާދަތް އިނގިލިން އަހަރެންގެ ނޭފަތުގައި ކޮށްޓާލިއެވެ.

"އާނ،" އަހަރެން ހިތްވަރުކޮށްފައި ބުނެލީމެވެ. "ޝާމިން ދެކެ އަހަރެންވީ ހަގީގީ ލޯބި. އެ ލޯތްބަކީ ބަދަލުވާނެ އެއްޗެއް ނޫން. ކިތައްމެ ދުވަހެއް ވިޔަސް، ކޮންމެ ގޮތެއް ވިޔަސް، އަހަރެންވީ ލޯތްބެއް ނުގެއްލޭނެ."

"އަދި އެއްފަހަރު ބުނެބަލަ. އަހަރެންގެ މޫނަށް ބަލައިފަ ބުނެބަލަ." ޝާމިން އަހަންނާ ހަތަރު ކަޅި ހަމަކޮށްލިއެވެ.

އަހަންނަށް އިތުރުކަމެއް ފާހަގަވަމުން ދިޔައެވެ. ޝާމިންގެ ކަޅީގެ ކުލަ މަޑުމަޑުން ބަދަލުވަމުން ދިޔަކަމެވެ. މަޑު ނޫކުލައިގެ ކަޅިކުލަ އަކަށް އެ ދެ ކަޅި ބަދަލުވަމުން ދިޔައެވެ. އެއާއެކު އަހަންނަށް ފަހަތަށް ޖެހިލެވުނެވެ. ޝާމިންއާ ދިމާއަށް ބަލައިލެވުނެވެ. އަހަންނާ ދިމާއަށް ގުދުވެފައި އޮތް ޝާމިންގެ ސިފަ މަޑުމަޑުން ބަދަލުވަމުން ދިޔައެވެ. ސާޖިދުގެ ސިފައަށެވެ. މުޅި މީހާއެކުގައި ބަދަލުވިއެވެ. މިހާރު އެއީ ސާޖިދެވެ.

"އަދިވެސް ބުނާނަންތަ އޭނާ ދެކެ ލޯބިވެޔޭ؟،" ސާޖިދު ބާރުބާރަށް ބުނެލިއެވެ. "ނިކަން ބުނެލަ ބަލަ."
ސާޖިދު އަނެއްކާ ވެސް އަހަރެން އަތުގައި ހިފައި އޭނަޔާ ދިމާއަށް ދަމައިގަތެވެ. ނުވިސްނާ އިންދާ ސާޖިދު ދަމާ ގަތުމުން އަހަރެން ލައްވީ އޭނާގެ މޭގައެވެ. އެއާއެކު ސާޖިދުގެ ދެ އަތުން އަހަރެން ވަށައިލިއެވެ.
"އަހަރެން ކުރިކަމެއް ކުރީ ޔަސްމާ ބޭނުންވެގެން. އަހަރެން ޔަސްމާގެ ނުރުހުމުގަ އެއްވެސް ކަމެއް ނުކުރަން،" ސާޖިދު ލޯބިން ފުރިގެންވާ ރާގެއްގައި ބުނެލިއެވެ. "އަހަރެން އަބަދުވެސް ޔަސް ދެކެ ވަރަށް ލޯބިވަން. ޔަސްނޫން މީހެއް އަހަރެން ހަޔާތަށް ގެންނަން އަހަރެން ބޭނުމެއް ނޫން."
"ދެން ކީއްވެ ޝާމިން؟" އަހަރެން ގަދަކަމުން ބުނެލީމެވެ.

"އެނޫން ގޮތެއް ނެތުނީ. ޝާމިން ހުރީ ޔަސް ދޫކޮށްލާ ގޮތަކަށް ނޫން. އަހަރެން އޭނާއަށް އިންޒާރު ދިނިން. އޭނާއަށް ހުރިހާ ވާހަކައެއް ކިޔައިދިނިން. އޭނާއަށް ފުރުސަތު ދިނިން. އޭނާ ގޮތް ދޫނުކުރީ،" ސާޖިދު އަހަރެންގެ ދެ އަތް ހިއްލައިލަމުން އަތް ޖޯޑުކޮށްލިއެވެ. "އޭނާ ބުނީ، ޔަސް ބޭނުންވަނީ އޭނާ ކަމަށް. އޭނާ މި ދުނިޔެއިން ދާނީ ޔަސްގެ ހަނދާނުގައި ކަމަށް. އެ ލޯތްބަށް ޓަކައި ކޮންމެ ކަމެއް ކުރިޔަސް ފަރުވާލެއް ނެތްކަމަށް. އެހެންވެ އަހަރެން އެ ގުރޫޕަށް ލާރި ދީގެން އެކަން ކުރީ."

އަހަންނަށް ސާޖިދާ ދުރަށް ޖެހިލެވުނެވެ. ހިންދިރުވާލެވުނެވެ. އެއާއެކު ފުން ނޭވާއެއް ދޫކޮށްލެވުނެވެ.

"އަހަންނަށް ޓަކައި ޝާމިން އެވީ ކޮންފަދަ މަތިވެރި ޤުރުބާނެއް؟" އަހަންނަށް ބުނެލެވުނެވެ.
"ޔަސްގެ ލޯތްބަށް ޓަކައި އަހަރެން މިކުރީ ކިހާ މަތިވެރި ޖިހާދެއް؟" ސާޖިދު އުޅުނީ އަހަންނަށް ވިސްނައިދޭށެވެ. "ޔަސް އެއް ކޮޅަކުން ނުވިސްނަބަލަ. ލޯތްބެއް ވެއްޖެ ނަމަ އެކަމުގެ ހަނދާންތައް ހުންނަންވާނެ. ކޮބާ ޝާމިން ވީ ލޯބީގެ ހެއްކެއް؟ ކޮބާ އޭނާގެ ހަނދާނެއް؟"

"ކޮބާ ކަލޭ ލޯބިވާ ކަމުގެ ހެއްކެއް؟ ކޮބާ ކަލޭ ވީ ލޯބީގެ ހަނދާނެއް؟،" އަހަންނަށް ރުޅި އިސްކުރެވެނުނެވެ. "ބަލަ އަހަންނަކީ އުއްބައްތިއެއް ނޫނޭ. އެކަކު ބޭނުންވީމަ ދިއްލައިފަ ނިއްވަފައި، އަނެއްކަކު ބޭނުންވީމަ ދިއްލާކަށް."
"ތިކަމެއް ނޭނގެ. މިހާރު ވެސް ކަން ކުރަނީ ތި އެ ގޮތަކަށް ނޫންތަ؟" ސާޖިދު ޖެއްސުމުގެ ރާގުގައި ބުނެލިއެވެ.
ބުނެވުނު އެއްޗަކާ މެދު އަހަންނަށް ވިސްނައިލެވުނީ ވެސް އެހައި ހިސާބުންނެވެ.

"ކޮންމެ ގޮތެއް ވިޔަސް އަހަރެން ލޯބިވީ އަހަރެން ދިރި މިހުރީ ޝާމިންގެ ހަނދާނުގައި. އެ ލޯތްބެއް މި ހިތަކުން ނުފޮހެވޭނެ. ލޯތްބަކީ ގަދަކަމުންވާ އެއްޗެއް ނޫން." އަޒުމާއެކު އަހަރެން ބުނެލީމެވެ.

"ކަލޭ ދިރިހުންނަން ޖެހޭނީ، ކަލޭ ދިރިއުޅެން ޖެހޭނީ އަހަރެންގެ ލޯބީގެ ހައްޤުގައި،" ސާޖިދު އަހަރެންގެ ކޯތާފަތުގައި ހިފައި ފިތައިލިއެވެ. "ކަލޭގެ ސަބަބުން އަހަރެންގެ ދިރިއުޅުން ބަދަލުކުރަން ޖެހުނީ. ކަލޭއާ ހެދި އަހަރެންގެ މުޅި ހަޔާތް ބަރުބާރުވީ."

"އަހަރެން ކޮން ކަމެއްތަ ކުރީ؟" ސާޖިދުގެ ދެ އަތް ފޮޅުވާލަމުން އަހަރެން އަހައިލީމެވެ.
"ކަލޭ ހަމަ ނޭނގޭ ކަމަށް ހެދެނީތަ؟" ސާޖިދު އަހަންނާ ކުރިމަތިލިއެވެ. "ޝަފުޤާ. ކަލޭ ނޫންތަ ޝަފުޤާއަށް އަހަރެން ދެއްކީ؟ ކަލޭ ނޫންތަ އޭނާ ގާތު އަހަންނަކީ ދީވާނާ ވެގެން އުޅޭ މާބުރެކޭ ބުނީ؟ ކަލޭ ނޫންތަ އޭނާއަށް އަހަރެންގެ ހުރިހާ ވާހަކައެއް ކިޔައިދިނީ؟"

"އާނ އަހަރެން. އަހަރެން ހުރިހާ ވާހަކައެއް ކިޔައިދިނީ،" އަހަރެން ގާތަށް ރުޅިއައެވެ. "އަހަންނަށް ވެސް އަހަރެން ބޭނުން މީހަކާ ލޯބީގެ ގޮތުން ގުޅިގެން، ރައްޓެހިވެގެން އުޅުމުގެ ހައްޤު އޮންނާނެ. އަހަރެން ދެކެ ސާޖިދު ލޯތްބެއް ވުމުގެ މާނައަކީ އަހަރެން ވެސް ސާޖިދު ދެކެ ލޯބިވުމެއް ނޫން. އަހަރެންގެ ދިރިއުޅުން ބިނާކުރާނީ އަހަރެންގެ ވެސް ހިއްސާ އޮވެގެން. ސާޖިދު ބޭނުންވިޔަސް އަހަންނަކަށް ސާޖިދުގެ ދިރިއުޅުމަށް އަންނާކަށް ނުޖެހޭނެ. ސާޖިދު އަހަރެން ދެކެ ތިޔަ ބުނާ ލޯތްބެއްވީ އަހަރެން ބުނެގެންނެއް ނޫން. އަހަރެން ބޭނުންވީ ތިމާ ބޭނުން ނުވާ ކަމެއްގެ ތެރެއަށް ތިމާ ވަނުމަކީ ކިހާ ވޭން ހުރިކަމެއްކަން ސާޖިދަށް ވިސްނައިދޭން. އެކަމަށް އަހަންނަށް ފެނުނު ހަތިޔާރަކީ ޝަފުޤާ. އަހަރެން ދިނީ ޚިޔާލެއް. ކުރި ހުރިހާ ކަމެއް ކުރީ އޭނާ. އޭނާގެ އިހުތިޔާރުގަ. އޭނާ ބޭނުންވި ގޮތަށް."

"ބަލައިބަ ހުންނަ ގޮތެއް ނެތްކަން." ސާޖިދު އަހަރެންގެ ކަންކަށިމަތީގައި ބާރުބާރަށް ޖެހިއެވެ.
އަހަންނަށް ހަޅޭއްލަވައިގަނެވުނެވެ. ތަދުވުމުންނެވެ. އަހަރެން ވިއްސައިގެން ގޮސް ވެއްޓުނީ ސޯފާއަށެވެ. އަނެއްކާ ވެސް ސާޖިދު އަހަންނާ ކުރިމަތި ލިއެވެ. އަހަރެންގެ ދެ އަތުގައި ހިފާ ނެގިއެވެ. އަހަރެން އޭނާ ކޮށްޕާލީމެވެ. ސާޖިދު ގޮސް ޖެހުނީ މުށިގަނޑު މަތީގައެވެ.

"ކިޔާ އެއްޗެއް އަނގައިން ކިޔާ. އަހަރެން ކަލޭއަކަށް އަނިޔާއެއް ނުދެން. ގެއްލުމެއް ނުދެން. އަހަރެން ޝަފުޤާ ގާތު ބުނިހާ ވެސް ވާހަކައަކީ ސާޖިދުއާ ރައްޓެހިވާން. އަހަރެން ނުބުނަން ސާޖިދަށް ގެއްލުމެއް ދޭކަށް. ސާޖިދު ފުރާނަ ދުއްވާލާކަށް،" އަހަންނަށް ސޯފާއާ ދުރަށް ޖެހިލެވުނެވެ. "އަހަރެން މީ މާބަނޑު މީހެއް. ގޮތެއްފޮތެއް ނެތިގެން އަނިޔާކުރާނެ ކަމެއް ނެތް".

އޭރު ސާޖިދު އޮތީ މުށިގަނޑު މަތީގައެވެ. އޭނާ މަޑުމަޑުން ތެދުވަމުން އަހަންނާ ދިމާއަށް ބަލައިލިއެވެ. ރުޅިވެރި މޫނަކާ އެކުގައެވެ.

"ކަލޭ ދެން ކީއްކުރަން އެރޭ އަހަރެން ކޮޓަރިއަށް އައީ. ކީއްކުރަން އެރޭ އަހަރެން ގާތަށް އައިސް އެ ވާހަކަ ތަކެއް ދެއްކީ؟" ސާޖިދު ދެ އަތް މުއްކަވާލިއެވެ. "އަހަރެން ހީކުރީ ކަލޭ ވެސް އަހަރެން ދެކެ ލޯބިވީ ކަމަށް. ޝާމިން މަރުވީމަ ކަލޭ އެނބުރި އައީކަމަށް."

"އަހަންނަށް މަޖުބޫރުވީ. އެރޭ ޝަފުޤާ އޮތީ އަހަރެން ސާޖިދުގެ ތަންމަތި ފަޅުފިލުވަން މަޖުބޫރުކޮށްފަ. އެހެން ނޫން ނަމަ ހުރިހާ ކަމެއް ފަޅާއަރުވާލާނެ ކަމަށް އޭނާ ބުނި. އަހަންނަށް އެނޫން ގޮތެއް ނެތުމުން އެރޭ ސާޖިދުގެ ގާތަށް ދިޔައީ،" އަހަންނަށް ދެ އަތް ދެއަތާ ކުޅެވެމުން ދިޔައެވެ. "މިހާރު އަހަންނަށް ޝައްކުވޭ އެބަ، މީ ކަލޭގެ ރޭވުމެއް ކަމަށް. އަހަންނަށް އެބަ ވިސްނޭ މީ ކަލޭގެ މަކަރުކަން."

"ހައްހައް...،" ސާޖިދު ބާރުބާރަށް ހޭން ފެށިއެވެ. "ވަގުންގެ ފޮށި ބާރަށް ބަންނާނެތާދޯ. ކަލޭ ހީކުރީތަ ކަލޭގެ އެކަނި ކަމަށް ވިސްނުން ހުންނާނީ؟ ކަލޭ ހީކުރީތަ؟ ކަލޭއަކީ އޭ އެންމެ ވިސްނުން ތޫނު މީހަކީ؟ ކަލޭ ހީކުރީތަ އަހަރެންގެ ކިބައިން ކަލޭ ސަލާމަތް ވާނޭ؟"

"ކަލޭއަށް އެއްވެސް ކަމެއް ނުކުރެވޭނެ. އެއްވެސް ގޮތެއް ނުހެދޭނެ." އަހަރެން އަޒުމާއެކު ބުނެލީމެވެ.
"އަހަރެން ބޭނުންވި ކަންތައް އޮންނާނީ ކޮށްފަ. ކަލޭއަށް އަހަރެންގެ ހަނދާންތަކުން ދެން ދުރެއް ނުވެވޭނެ،" ސާޖިދު އަހަންނާ ދިމާއަށް ހިނގައިގަތެވެ. "ދެން ވެސް ދެ މީހުން ސުލްހަވާން ހިނގާ. ކަލޭއަށް އެންމެ ރަނގަޅު ގޮތަކަށްވާނީ މި ގޮތް. މިރޭ ކަލޭ ގާތަށް އެކި ސިފަސިފައިގައި އަހަރެން މި އައީ މި ހަގީގަތް ހާމަކޮށްދޭން. ކަލޭއަށް އެނގޭނެ މިއީ އަހަރެން ކަލެއާ އެންމެ ފުރަތަމަ ބައްދަލުވިތާ ފަސްއަހަރު ފުރުނު ރޭ ކަން. ކަލޭއަށް އެނގޭނެ އަހަންނަށް ކަލޭ އެންމެ ފުރަތަމަ ފެނުނީ މި އިމާރާތުގެ ލިފުޓުން ކަން. ކަލޭއަށް އެނގޭނެ އެންމެ ފަހުން ކަލޭއަށް އަހަރެން ފެނުނީ ވެސް މި އިމާރާތުގެ ލިފުޓުން ކަން."

"އަހަރެން ނޫޅެން މީހަކާ ހަސަދަ ލައިގެން. އަހަރެން ނޫޅެން މީހަކާ ޖައްސާލައިގެން." އަހަރެންގެ ލޮލުގައި އަޅައިގަތީ ކައިރީ ހުރި މޭޒުމަތީގައިވާ މޭވާ ވަށިގަނޑުގެ މަތީގައި އޮތް ވަޅިއެވެ.

ސާޖިދު އޭރު އަހަންނާ ދިމާއަށް އަންނަމުން ދިޔައެވެ. މަޑުމަޑުން އަހަރެން ވެސް ވަޅިއާ ދިމާއަށް އެނބުރިލީމެވެ. ވަށްކަޅިން ވަޅިއަށް ބަލަމުން، ސާޖިދާ ދިމާއަށް ނަޒަރު ހުއްޓައިލީމެވެ.

"އަހަރެންގެ ބޭނުމަކީ ޔަސް ފަޟީހަތްކުރުމެއް ނޫން. އަހަންނަށް އެނގުނު ޔަސް، ޝަރީފާ ކާވެނިކުރާން ނިންމިކަން. އަހަރެން ޝަފުޤާއަށް އާދޭސް ކޮށްގެން ޔަސް، އަހަރެންގެ ކޮޓަރިއަށް ގެނައީ. އަހަރެން ބޭނުންވީ އަހަރެންގެ ލޯބީގެ ނިޝާނެއް އުފަންކުރަން. އަހަރެންވީ ތެދުވެރި ލޯބީގެ ނިޝާނެއް އުފަންކުރަން. ޔަސް ނުރުހުނަސް، ޔަސް އަހަރެން ދެކެ ލޯބި ނުވިޔަސް، އަހަރެން ބޭނުންވީ ޔަސްގެ ފުށުން އެ އުފާ ލިބިގަންނަން." ސާޖިދު ހުއްޓުނެވެ.

އަހަރެން ވަޅި ނެގުމުންނެވެ.
"ކަލޭ ބޭނުން ކަންތައް ވެއްޖެއްނު. ކަލޭ ބޭނުންހާ ގޮތެއް ދެން އަހަންނަކަށް ނުހެދޭނެ. ކަލޭ ބޭނުންހާ ކުޅިވަރެއް އަހަރެން ލައްވާ ދެން ނުކުޅެވޭނެ. ޝާރިފަކީ މާތް އިންސާނެއް. އޭނާއަށް މިކަން އަންގާކަށް އަހަރެން ބޭނުމެއް ނޫން. އޭނާއަށް މި ވޭން އުފުލުވާކަށް އަހަރެން ބޭނުމެއް ނޫން. އޭނާ ލައްވާ މި ކުއްޖާއަށް ބައްޕަ ކިޔާކަށް އަހަރެން ބޭނުމެއްނޫން،" އަހަރެން ވަޅި ހިއްލައިލީމެވެ. "ކަލޭ އެންމެ ފިޔަވަޅެއް ކުރިއަށް އެޅިޔަސް މި ވަޅި ވަންނާނީ ކަލޭގެ ދަރިފުޅުގެ މެޔަށް. ކަލޭ ލޯބިވި މީހާގެ ބަނޑަށް."

ސާޖިދު ހުއްޓުނެވެ. އޭނާ ގަނޑުވިއެވެ. އެއްމެ ފިޔަވަޅެއް ވެސް ކުރިއަކަށް ނާޅައެވެ. ހުރި ގޮތަށް ހުރީއެވެ.
"ނޫން ނޫން. ޔަސްމާ. އަހަރެން ދެން ނާންނާނަށް. އަހަރެންގެ ދަރިފުޅަށް ދެރައެއް ގެއްލުމެއް ނުދޭތި. ތިއީ އަހަރެން ދުނިޔޭގައި އުޅުނުކަމުގެ ނިޝާން" ބާރުބާރަށް ސާޖިދު ހަޅޭއްލަވާ ގަތެވެ. އެއާއެކު ކަންފަތަށް އުނދަގޫވާ ވަރުވިއެވެ. މުޅި އެޕާޓުމަންޓުގައި ހުރި ހުރިހާ ބިއްލޫރިތަކެއް ރާސްލައިފައި ފައިބައިގަތެވެ. އަހަރެންގެ އަތުން ވަޅި ދޫވިއެވެ. ދެން ވީނުވީއެއް ނޭނގުނެވެ.

ލޯ ހުޅުވާލެވުނެވެ. އަހަންނަށް ފެނުނީ ހުދުކުލައެވެ. އެއްވެސް އިތުރު އެއްޗެއް ނުފެނެއެވެ. މީހަކު ވާހަކަދައްކާ ހެން ހީވުމުން ކަނާއަތްފަރާތަށް ބޯ އަރިކޮށްލީމެވެ.

"މިހާރު ކިހިނެއް؟" ވާހަކަދެއްކީ ޝަރީފެވެ. އޯގާތެރިކަމާއެކުގައެވެ.
"މަންމަމެން ގޭ ލިފުޓު ތެރެއަށް ވެއްޓިފައި އޮއްވާ މީހަކަށް ފެނިގެން. މަންމައަށް އަންގައިގެން ހޮސްޕިޓަލަށް ގެނައީ،" މަންމަ އަޑު އިވުމުން އަނެއް ފަރާތަށް ބަލައިލެވުނެވެ. "މުޅި ގައިގަ ހުސް ލޭ. ކިހިނެއްތަވީ؟"
"އެކަމަކު އެއްވެސް ތަނެއް ހަލާކެއް ވެސް ނުވޭ. ގެއްލުމެއް ވެސް ނުވޭ. އެހެންވެ ޑޮކުޓަރުން ވެސް އެކަމާ ކަންބޮޑު ވެފަ އެތިބީ. ފުލުހުން ވެސް ބަލައިފަ އެ ދިޔައީ،" މަންމަ ހިނިތުންވެލިއެވެ. "އެމީހުން ބުނަނީ އެ ލެޔެއް ނޫނޭ. މަންމަ ދިން ކޮތަޅުގައި ހުރި ޓޮމާޓޯތައް ޗިސްވެފައޭ. އެކަމަކު އަހަންނަށް އެކަމާ އެއްބަހެއް ވެސް ނުވެވޭ. ދެން ހެޔޮތާ އެމީހުން އެ ހަދާ ފޮރިންސިކެއް ހަދައިފަ ބަލަން ޖެހޭ އެއްޗެއް ބަލައިފަ އަންގާނެތާ ދޯ"
އަހަންނަށް އަތް ޖައްސާލެވުނީ ބަނޑުގައެވެ.

"ބަނޑަށް ތަދުވަނީތަ؟" މަންމަ ސުވާލުކޮށްލިއެވެ. "ކަމެއްވީތަ؟ ގައިމު އަދި ނު ތޮޅޭނެ. އެއް މަހަކުން ނުތޮޅޭނެ. ފުރަތަމަ ދުވަސްކޮޅު ވެސް ވަރަށް ބަލައިގެން އުޅެންވާނީ."

އަހަންނަށް ލޯ މަރައިލެވުނެވެ. ލޮލުގެ ތެރެއަށް ޖަމާވި ކަރުނަތައް ބޭރަށް ފެނިދާނެތީއެވެ. ހިނގައި މި ދިޔައީ ކޮން ފަދަ ބޮޑު ކަންތައް ގަނޑެއް ހެއްޔެވެ؟ އަހަރެންގެ ސަބަބުން ކިތައް ކަންތައް ބަދަލުވެއްޖެ ހެއްޔެވެ؟ އަހަންނަށް ނޭނގި ކިތައް ކަންތައް ހިނގައިފި ހެއްޔެވެ؟ ލިފުޓަކުން ދިމާވެގެންވީ ލޯތްބެއްގެ ސަބަބުން ކިތައް ކަންތައް ބަދަލު ވެއްޖެ ހެއްޔެވެ؟ ބަދަލުގައި އަހަރެން އުފުލަން މި ޖެހުނީ ކޮން ފަދަ ބޮޑު ވޭނެއް ހެއްޔެވެ؟ ބޮޑު ސިއްރެއް ބޮލުގައި ބާއްވައިގެން ކިތައް ދުވަހު އުޅެވިދާނެ ހެއްޔެވެ؟ މި ސިއްރު އަހަރެންގެ ހަޔާތުގެ ލިފުޓަށް އުފުލިދާނެ ހެއްޔެވެ؟ ޝަރީފަށް މި ވާހަކަ ކިޔައިދޭންވީ ހެއްޔެވެ؟ އޭނާ އަހަންނަށް ދޭނީ ކޮން ހަދިޔާއެއް ހެއްޔެވެ؟

"ދެރަ ނުވޭ. އަހަންނެއް ޔަސްމާއަކަށް ދެރައެއް ނުދޭނަން. ޔަސްމާ ވިހައި ގަދަވީމަ، ދީނީ ގޮތުން އެ އޮންނަ ގޮތަށް ރަނގަޅަށް ކަންތައް ކުރުމުން، އިހު އޮތް ގޮތަށް ހުރިހާ ކަމެއް ބަދަލުވާނެ. މި ދުވަސްވަރު އަހަރެންގެ ފަރާތުން ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ބަރާބަރަށް ކޮށްދޭނަން. ކޯޓުން ނިންމާ ގޮތަކަށް އަހަރެން ރުހޭނަން. ކޮންމެ ގޮތަކަށް ނިންމިޔަސް އަހަރެން ޔަސްމާ ދުލެއް ނުކޮށްލާނަން. ކުށްކުރެވޭނީ ވެސް އިންސާނުންނަށް. ކުށުން ސަލާމަތްކޮށްދޭން ތިބީ ވެސް އިންސާނުން،" ޝަރީފު އޯގާތެރިކަމާއެކު ބުނެލިއެވެ. "މާބޮޑަށް ހާސްނުވޭ. މަންމަ އެ ވާހަކަތައް ކިޔައިދިނީ އަހަރެން ވަރަށް ވާހަކަދެއްކީމަ. ދުވަސްކޮޅެއް ވެއްޖެ އަހަންނަށް ޔަސްގެ މޫނުން ވާހަކައެއް ތިލަވާތާ."

އަހަންނަށް ލޯ މަރައިލެވުނެވެ. ފުން ނޭވާއެއް ދޫކޮށްލެވުނެވެ. އެއާއެކު ހިންދިރުވާލެވުނެވެ. އަހަންނަށް ނުކެރުމުން މަންމަ އިސްނެގީތާއޭ ހިތްބުނެލިއެވެ. ހަޔާތުގެ ނައު ގޮސް ހަތަރު އަނގޮޅިއަކަށް ލައްވަނިކޮށް މި ދިމާވި ކަންތަކާ މެދު ވިސްނައިލެވުނެވެ. ފުންކޮށް ވިސްނައިލީމެވެ. އަހަންނަށް ވިސްނުނެވެ. ލޯތްބަކަށް ފަސްއަޅައި ފޮރުވައިލުމުން، އަނެއް ލޯތްބެއްގެ ކުރިފަޅާނެ ކަމެވެ. ދުވަހަކު ވެސް ލޯތްބެއް މަރެއް ނުވާނެކަމެވެ. ކޮންމެ ވެސް ލޯތްބެއް އަބަދުވެސް ހެދި ފޯދޭނެ ކަމެވެ.

(ނިމުނީ)
ހިޔާލު

ޝަނާޔަ

ސަޅި ވާހަކައެއް.. އެކަމަކު ޔަސް ސާޖިދު ކައިރިއަށް ދިޔުމުގެ ސަބަބު އެޙާ ވަރުގަދައެއް ނޫން...