Majleehah fahu committee thakuge control ves MDP ah
image
މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން--
0 ކޮމެންޓް
 

މަޖިލީހަށްފަހު ކޮމިޓީތަކުގެ ކޮންޓްރޯލް ވެސް އެމްޑީޕީއަށް

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ހުރިހާ ކޮމިޓީތަކެއްގެ ކޮންޓްރޯލް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އަށް ދޭން ކޮމިޓީތައް އެކުލަވާލުމަށް ހޮއްވަވާފައިވާ ވަގުތީ ކޮމެޓީން ނިންމައިފި އެވެ.
ވަގުތީ ކޮމިޓީން އެގޮތަށް ނިންމާފައިވަނީ މަޖިލީހުން މިހާތަނަށް އަމަލު ކުރަމުން އަންނަ ގޮތަށް ރިއާޔަތްކޮށް، މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ ސާފު މެޖޯރިޓީ އެމްޑިޕީ އަށް ލިބިފައިވާތީ އެ އުސޫލުގެ ދަށުންނެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 65 މެމްބަރުންނަކީ ސީދާ އެމްޑީޕީގެ ޓިކެޓްގައި ވާދަކޮށް، އިންތިހާބު ކާމިޔާބު ކުރައްވާފައިވާ އެމްޑީޕީގެ މެމްބަރުންނެވެ. އެމްޑީޕީ އަށް 65 ގޮނޑި ކާމިޔާބުކުރެވިފައި ވާތީ އެޕާޓީ އަށް ގާނޫނު އަސާސީ އަށް ބަދަލު ގެނައުމުގެ ބާރު ވެސް ގާތްގަނޑަކަށް ލިބެ އެވެ. ގާނޫނު އަސާސީ އަށް އިސްލާހެއް ގެންނަން ފާސްވާނީ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައި މެމްބަރުން ވޯޓު ދީގެންނެވެ. އެ އަދަދަށް ވޯޓު ހޯދުމަށް އެމްޑީޕީ އަށް އިތުރަށް ބޭނުންވަނީ އެންމެ މެމްބަރެއްގެ ވޯޓެވެ. ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަކީ އަމިއްލަ ގޮތުން ވާދަކުރައްވާ އިންތިހާބު ކާމިޔާބު ކުރެއްވި އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރެކެވެ. އޭގެ އިތުރުން ވެސް، މަޖިލީހުގެ ތެރެއިން ހެޔޮ ބަދަލެއް ގެންނަން ބޭނުންނަމަ މަޖިލީހުގެ ގިނަ މެމްބަރުން ތިއްބެވީ އެމްޑީޕީން އެދޭ ގޮތަށް ވޯޓު ދޭށެވެ.

އެމްޑީޕީއަށް މަޖިލީހުގެ ސާފު މެޖޯރިޓީ ލިބިފައި ވާތީ މަޖިލީހުގެ ކޮމިޓީތަކުގެ ކޮންޓްރޯލް ވެސް އެޕާޓީ އަށް ދިނުމަށް، ކޮމިޓީތައް އެކުލަވާލުމަށް އެކުލަވާލާފައިވާ ވަގުތީ ކޮމިޓީން ނިންމީ މިއަދު އެވެ.

މަޖިލީހުގެ ގަވާއިދު ހެދުމަށް އެކުލަވާލާފައިވާ ވަގުތީ ކޮމިޓީން އެންމެ ފަހުން މަޖިލީހަށް ހުށަހެޅި ހުށަހެޅުމާއެކު، މަޖިލީހުން ވަނީ، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ހިމަނައިގެން 17 ކޮމިޓީއެއް އުފެއްދުމަށާއި ކޮންމެ ކޮމިޓީއެއްގައި ތިއްބަވާނީ 11 މެމްބަރުން ކަމަށް ކަނޑައަޅައި، މިދިޔަ ހަފުތާގައި ފާސްކޮށްފަ އެވެ.

މީގެ ކުރިން މަޖިލީހުގައި އޮތީ، 241 ކޮމިޓީ އާއެކު ދާއިމީ 13 ކޮމިޓީއެކެވެ.

މަޖިލިހުގެ އިދާރާ އިން ހުށަހެޅި ކަރުދާހުގައިވާ ގޮތުން 241 ކޮމިޓީ ފިޔަވައި ދެން ހުރި ކޮންމެ ކޮމިޓީއެއްގައި 11 މެމްބަރުން ހިމެނޭ ނަމަ، ކޮމިޓީތަކުން 176 ޖާގަ ލިބެ އެވެ.

އެގޮތަށް ބަލާއިރު، މަޖިލިހުގައި 65 މެމްބަރުން ހިމެނޭ އެމްޑީޕީ އަށް ލިބެނީ 132 ޖާގަ އެވެ. އެހެންކަމުން އެމްޑީޕީ އަށް ކޮންމެ ކޮމިޓީއަކުން 8-9 ޖާގަ ލިބޭނެ އެވެ.

އެމްޑީޕީ ފިޔަވައި އެހެން އެއްވެސް ޕާޓީއަކަށް ހުރިހާ ކޮމެޓީއަކުން ޖާގައެއް ނުލިބެއެވެ. ސަބަބަކީ އެވަރަށް އެޕާޓީތަކުން މެމްބަރުން އިންތިހާބު ވެފައި ނެތުމެވެ.

ޖުމްހޫރީ ޕާޓީ އާއި އިދިކޮޅު ޕީޕީއެމްގައި ފަސް މެމްބަރުން ހިމެނޭ އިރު، އެއިން ކޮންމެ ޕާޓީއަކަށް 10 ކޮމިޓީން ޖާގަ ލިބޭނެ އެވެ. މީގެ އިތުރުން ކޮންގްރެސް ޕާޓީގައި ތިން މެމްބަރުން ތިއްބަވާ އިރު، އެ ޕާޓީ އަށް ހަ ކޮމެޓީއަކުން ޖާގަ ލިބެއެވެ. އެމްޑީއޭގައި ދެ މެމްބަރުން ތިއްބަވާ އިރު، އެޕާޓީއަށް ހަތަރު ކޮމިޓީއަކުން ޖާގަ ލިބެ އެވެ.

އަމިއްލަ މެމްބަރުންގެ ގޮތުގައި ހަތް ބޭފުޅުން ތިއްބަވާ އިރު، އެ ބޭފުޅުންނަށް 14 ކޮމިޓީއަކުން ޖާގަ ލިބެ އެވެ. އެއީ 14 ކޮމިޓީގެ ތެރެއިން ކޮންމެ ކޮމިޓީއެއްގައި އަމިއްލަ އެއް މެމްބަރެވެ.
ހިޔާލު