Arusheef kurumuge masakkaiy kuraa amilla faraaiy thakah ehee vaanan: Yumna
image
0 ކޮމެންޓް
 

އަރުޝީފު ކުރުމުގެ މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކަށް އެހީވާނަން: ޔުމްނާ

ގައުމުގެ ކަންކަން އަރުޝީފް ކުރުން ނުވަތަ އާކައިވް ކުރުމަކީ އަންނަން އޮތް ޖީލުތަކަށް ކޮށްދެވޭ ހިދުމަތެއް ކަމަށާއި، އެ މަސައްކަތް ކުރާ އަމިއްލަ ފަރާތްތަކަށް ސަރުކާރުން އެހީވާނެ ކަމަށް ބުނެފި އެވެ.
ދުނިޔޭގެ އަރުޝީފު ދުވަހާ ގުޅިގެން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ދެއްވި މެސެޖުގައި ވިދާޅުވީ ގައުމީ އަރުޝީފަކީ ހަމައެކަނި ތާރީހީ ރިކޯޑު ބަލަހައްޓާ ތަނަކަށްވުރެ ދައުލަތް ހެޔޮ ގޮތުގައި ހިންގުމަށް އެހީތެރިވެދޭނެ މުއައްސަސާއެއް ކަމަށެވެ.

އެ ގައުމެއްގެ ސަރުކާރުގައި ކަން ހިނގާފައިވާ ގޮތާއި ސަބަބާއި ހިނގި ގޮތް އޮޅުން ފިލާނީ ހަރުދަނާ އަރުޝީފެއް ގާއިމުކުރެވި ބެލެހެއްޓޭނެ ނިޒާމެއް މެދުވެރިކޮށްކަން ފާހަގަކުރައްވާ ޔުމްނާ ވިދާޅުވީ، އަރުޝީފު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އަމިއްލަ ފަރާތްތަކަށް ވެދެވެން އޮތް އެންމެ ބޮޑު އެހީތެރިކަމެއް ސަރުކާރުން ވެދޭނެ ކަމަށެވެ.

ޔުމްނާ ވިދާޅުވީ ގައުމީ އަރުޝީފު އެކަށޭނެ ގޮތުގައި ގާއިމުވެ ފުރިހަމަ ވުމަކީ މުޅި ގައުމަށް އަދި އަންނަން އޮތް ޖީލުތަކަށް ވަރަށް ބޭނުންތެރި ކަމަކަށް ވާނެ ކަމަށާއި އެގޮތުން ގައުމުގެ އެންމެހާ ކަންކަން އަންނަން އޮތް ޖީލުތަކަށް ފުރިހަމަ އަށް ވާސިލުވާނީ ދިވެހި ގައުމުގެ ފަތްފުއްތަކާއި ލިޔެކިޔުންތަކާއި ރިކޯޑުތައް ރަނގަޅަށް ރައްކާތެރިކޮށް ބެލެހެއްޓިގެން ކަމަށެވެ.

ނުވައެއް ޖޫން އަކީ 2007 ވަނަ އަހަރުން ފެށިގެން ބައިނަލްއަގްވާމީ އަރުޝީފު ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ. ޔުނެސްކޯގެ ޖަމާއަތެއް ކަމުގައިވާ އިންޓަނޭޝަނަލް ކައުންސިލް އޮން އާކައިވްސް (ބައިނަލްއަގްވާމީ އަރުޝީފު ޖަމިއްޔާ) އުފެދުނީ 1948 ޖޫން 9 ގައެވެ.

ރާއްޖޭގައި އަރުޝީފު ކުރުމުގެ މަސައްކަތްތައް މީގެ އެތައް ސަތޭކަ އަހަރެއް ކުރީއްސުރެ ކުރެވިފައިވާކަން ތާރީހުން ސާބިތުވެއެ ވެ. އެގޮތުން 12 ވަނަ ގަރުނުން ފެށިގެން ހުރި ލޯމާފާނުތަކަކީ އެކަމުގެ ސާބިތު ހެކިތަކެވެ.

ފަހުގެ ތާރީހުގެ އަރުޝީފުގެ މަސައްކަތްތަކަށް ބަލާއިރު، ދުވަހުން ދުވަހަށް ގައުމުގެ ކަންކަން ލިޔެ އަރުޝީފު ކުރަން ފެށުނީ 1942 ޖެނުއަރީ 12 ގައި ވުޒާރަތުލް ދާހިލިއްޔާ ގައެވެ. އަދި 1945 ގައި ހުޅުވުނު ކުތުބުހާނާ އާއި 1952 ގައި ހުޅުވުނު ދާރުލް އާސާރަކީ ވެސް އަރުޝީފުގެ މަސައްކަތްތައް ކުރެވިފައިވާ ތަންތަނެވެ. އަދި 1968 ގައި އުފެދުނު ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން އާއި 1979 ގައި އުފެދުނު ދިވެހި ތާރީހާ ސަގާފަތަށް ހިދުމަތްކުރާ ގައުމީ މަޖިލީހާއި 1982 ގައި އުފެދުނު ދިވެހި ބަހާއި ތާރީހަށް ހިދުމަތް ކުރާ ގައުމީ މަރުކަޒަކީ އަރުޝީފު ކުރުމުގެ މަސައްކަތް ޤައުމީ ގޮތުން ކުރެވުނު މުއައްސަސާތަކެވެ. އަދި 2003 ގައި އުފެދުނު ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ އަކީ ޒަމާނީ ޓެކްނޮލޮޖީއާއެކު އަރުޝީފުގެ މަސައްކަތް ކުރެވޭ މުއައްސަސާ އެކެވެ.

މިނިސްޓްރީ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗާގެ ދަށުން އިދާރީ ގޮތުން ގައުމީ އަރުޝީފުގެ ނަމުގައި އޮފީހެއް ސަރުކާރުން އުފެއްދީ 1996 ނޮވެންބަރު 6 ގައެވެ.
ހިޔާލު