Furathama Quarter gai dharangnah 1.6 billion ithuruvejje
image
އެމްއެމްއޭ.-- ފޮޓޯ: މިނިވަން ނިއުސް
0 ކޮމެންޓް
 

ފުރަތަމަ ކުއާޓަރުގައި ދަރަންޏަށް 1.6 ބިލިޔަން އިތުރުވެއްޖެ

މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ނުވަތަ ފުރަތަމަ ކުއާޓަރުގައި ދައުލަތުގެ ދަރަނި 1.6 ބިލިޔަން ރުފިޔާ އިތުރުވެ، 49.6 ބިލިޔަން ރުފިޔާ އަށް އަރާފައިވާ ކަމަށް އެމްއެމްއޭ އިން ބުނެފި އެވެ.
އެމްއެމްއޭގެ ކުއާޓާލީ އިކޮނޮމިކް ބްލެޓިންގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ހަތަރު ވަނަ ކުއާޓަރު ނިމުނު އިރު ދައުލަތުގެ ދަރަނި އުޅެނީ 48 ބިލިޔަން ރުފިޔާގައި ކަމަށެވެ. މަރުކަޒީ ބޭންކުން ބުނީ މިދިޔަ އަހަރު ނިމުނު އިރު ދަރަނީގެ 58 ޕަސެންޓަކީ އެތެރޭގެ ދަރަނި ނުވަތަ ޑޮމެސްޓިކް ޑެޓް އެވެ. އަދި ބޭރުގެ ދަރަނި އުޅެނީ 42 ޕަސެންޓްގައި ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުނު އިރު ބޭރުގެ ދަރަނި އުޅެނީ 20.3 ބިލިޔަން ރުފިޔާގައި ނަމަވެސް، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ އަދަދު ވަނީ 20.8 ބިލިޔަން ރުފިޔާ އަށް އިތުރުވެފަ އެވެ. އެމްއެމްއޭން ބުނީ، ބޭރުގެ ދަރަނި އިތުރުވީ ބޭރު ފަރާތްތަކުގެ އަތުން ނެގި ލޯނުތައް އިތުރުވުމުން ކަމަށެވެ. އެގޮތުން ނެގި ލޯނުތައް ވަނީ 558.8 މިލިޔަން ރުފިޔާ އިތުރުވެފަ އެވެ.

އޭގެ އިތުރުން، އެތެރޭގެ ދަރަނި ވެސް ވަނީ 27.7 ބިލިޔަން ރުފިޔާ އިން 28.8 ބިލިޔަން ރުފިޔާ އަށް އިތުރުވެފަ އެވެ. އެމްއެމްއޭ އިން ބުނީ އެތެރޭގެ ދަރަނި އިތުރުވީ ޓީ ބިލް އާއި ޓީ ބޮންޑް ވިއްކި ވަރު އިތުރުވުމުން ކަމަށެވެ. އެގޮތުން އެންމެ ގިނައިން ވިއްކާފައިވަނީ، ކޮމާޝަލް ބޭންކްތަކަށް ޓީ ބިލް ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. އެގޮތުން 751.9 މިލިޔަން ރުފިޔާގެ ޓީ ބިލް، ބޭންކްތަކަށް ވިއްކާފައި ވެއެވެ.

ބޭންކްތަކުގެ އިތުރުން ރާއްޖޭގެ އެހެނިހެން މާލީ އިދާރާތަކަށް ވިއްކި ޓީ ބިލްގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން އެފަދަ އިދާރާތަކަށް 386.8 މިލިޔަން ރުފިޔާގެ ޓީ ބިލް ވިއްކާފައި ވެއެވެ.

މަރުކަޒީ ބޭންކްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ވިއްކާފައިވާ ޓީ ބިލްތަކުގެ 64 ޕަސެންޓް ވިއްކާފައިވަނީ ބޭންކް ތަކަށެވެ. ރާއްޖޭގެ އެހެނިހެން މާލީ އިދާރާތަކަށް ވިއްކާފައިވަނީ 33 ޕަސެންޓްގެ ޓީ ބިލެވެ.
ހިޔާލު