Furathama quarter gai mudhaa beyrukuri minvaru boduthanun ithuruvejje
image
މާލޭ ވިޔަފާރި ބަނދަރު.-- ފޮޓޯ: ފްލިކާ/އިބްރާހިމް ނިހާދު
0 ކޮމެންޓް
 

ފުރަތަމަ ކުއާޓަރުގައި މުދާ ބޭރުކުރި މިންވަރު ބޮޑުތަނުން އިތުރުވެއްޖެ

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭން މުދާ ބޭރުކުރި މިންވަރު 41 ޕަސެންޓް އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެމްއެމްއޭގެ ކުއާޓާލީ އިކޮނޮމިކް ބްލެޓިންގައި ބުނެފައިވަނީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ރާއްޖޭން މުދާ ބޭރުކުރި އަދަދު ބޮޑުތަނުން އިތުރުވީ ރާއްޖޭން ކުރި ރީ-އެކްސްޕޯޓް 78 ޕަސެންޓް އިތުރުވުމުން ކަމަށެވެ.

އެގޮތުން ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ބޭރުކުރި މުދަލުގެ ޖުމްލަ އަގު 124.9 މިލިޔަން ޑޮލަރަށް (1.9 ބިލިޔަން ރުފިޔާ) އަރާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އެއީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހާ އަޅާ ބަޅާއިރު 36.2 މިލިޔަން ޑޮލަރު އިތުރު އަދަދެކެވެ. އޭގެ ތެރެއިން 31.5 މިލިޔަން ޑޮލަރަކީ ރީ-އެކްސްޕޯޓް އިތުރުވުމުން ލިބުނު ފައިސާ އެވެ.

މަރުކަޒީ ބޭންކުން ބުނީ ރާއްޖޭން އެންމެ ގިނައިން ބޭރުގެ މާކެޓްތަކަށް ވިއްކާފައިވަނީ ދަޅު މަހުގެ ބާވަތްތަކާއި، ފިނި ކޮށްގެންނާއި ގަނޑުކޮށްގެން ނުވަތަ ތާޒާކަންމަތީ ވިއްކި މަހުގެ ބާވަތްތައް ކަމަށެވެ. މަސް ބޭރުކުރި ވަރު އިތުރުވީ އެ މުއްދަތުގައި ދުނިޔޭގެ ބާޒާރުގައި ރީނދޫ އުރަހަ ކަންނެލީގެ އަގު އުފުލުމުން ކަމަށް އެމްއެމްއޭން ބުނެ އެވެ.

ރީނދޫ އުރަހަ ކަންނެލީގެ އަގު އުފުލުނު ނަމަވެސް، ބައެއް އެހެން ބާވަތްތަކުގެ ކަންނެލީގެ އަގުތައް ދަށްވެފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެ އެވެ. އެހެންކަމުން އަގު ދައްވި ބާވަތްތައް ބޭރުކުރި ވަރު މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ބާވަތްތައް ބޭރުކުރި އަދަދަށް ވުރެ 20 ޕަސެންޓް ވަނީ ދަށްވެފަ އެވެ. އެއީ އަގުގެ ގޮތުން ބަލާނަމަ 3.4 މިލިޔަން ޑޮލަރުގެ ދަށްވުމެކެވެ.

މުދާ ބޭރުކުރި ވަރު އިތުރުވީނަމަވެސް، މުދާ އެތެރެކުރި އަދަދު ވަނީ ދަށްވެފަ އެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާތަރުގައި މުދާ އެތެރެކުރި އަދަދު މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު ފަސް ޕަސެންޓް ވަނީ ދަށްވެފަ އެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި 715 މިލިޔަން ޑޮލަރުގެ މުދާ އެތެރެކުރި އިރު، އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެތެރެކުރި މުދަލުގެ އަގަށް ބަލާނަމަ 39.9 މިލިޔަން ޑޮލަރު ދަށް އަދަދެކެވެ.

އެމްއެމްއޭން ބުނީ މުދާ އެތެރެކުރި މިންވަރު މަދުވީ މެޝިނަރީ އާއި މެކޭނިކަލް ޕާޓްސް އަދި ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ބޭނުންވާ ސާމާނުގެ އިތުރުން ޕެޓްރޯލް އެތެރެކުރި މިންވަރު މަދުވުމުން ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ފަރުނީޗަރާއި، ފިކްސްޗާސް އަދި ފިޓިންގްސްގެ އިތުރުން ކާނާ އާއި ޓްރާންސްޕޯޓް އިކުއިޕްމަންޓާއި، ޕާޓްސް އެތެރެކުރި މިންވަރު އިތުރުވުމުން، އެކްސްޕޯޓް ދަށްވި މިންވަރު ވަނީ ކުޑަ ކުރެވިފަ އެވެ.
ހިޔާލު