SARTTAC ge steering committee bahdhaluvun Raajjeyga fashaifi
image
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސާޓެކްގެ ބައްދަލުވުމުގައި ވާހަކަދައްކަވަނީ-- ފޮޓޯ: ޓްވިޓާ
0 ކޮމެންޓް
 

ސާޓެކްގެ ސްޓިއަރިން ކޮމިޓީ ބައްދަލުވުން ރާއްޖޭގައި ފަށައިފި

ދެކުނު އޭޝިއާގެ ގައުމުތަކަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ގާއިމުކޮށްފައިވާ ސައުތު އޭޝިއަން ރީޖަނަލް ޓްރެއިނިން އެންޑް ޓެކްނިކަލް އެސިސްޓެންސް ސެންޓަރު (ސާޓެކް) ގެ ތިންވަނަ ސްޓިއަރިން ކޮމިޓީގެ ބައްދަލުވުން ޕެރަޑައިސް އައިލެންޑް ރިސޯޓްގައި މިއަދު ފަށައިފި އެވެ.
އެ ބައްދަލުވުން ރަސްމީކޮށް އިފްތިތާހުކޮށްދެއްވާ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ސާޓެކްގެ ސަބަބުން މުޅި ދެކުނު އޭޝިއާ އަށް ވަރަށް ބޮޑަށް ފައިދާ ކުރާ ކަމަށެވެ.

ދެކުނު އޭޝިއާ އަށް ދިމާވާވެފައިވާ މާލީ ގޮންޖެހުންތައް ހައްލުކުރުން އަވަސް ކުރުމަށް އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގައި ސާޓެކުން މުހިއްމު ދައުރެއް އަދާކުރާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ވަކިން ހާއްސަކޮށް އިގްތިސާދީ އަދި މާލީ ދާއިރާ އިން އެކި އެކި ޓްރެއިނިންތަކުގެ ފުރުސަތު ރާއްޖެ އަށް ލިބެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވީ ސާޓެކްގެ ފަރާތުން ފާއިތުވި ދެއަހަރު ތެރޭ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް ޓްރެއިނިންގް ފުރުސަތުތަކާއި ފަންނީ އެހީތެރިކަން ލިބިފައިވާ ކަމަށެވެ.

އޭގެ އިތުރުން އެމްއެމްއޭގެ ސްޓްރެޓްޖިކް ޕްލޭން އެކުލަވާލުމުގަ އާއި ތަންފީޒު ކުރުމުގައި ފަންނީ އެހީތެރިކަން ލިބިފައިވާކަން ގަވަރުނަރު ފާހަގަކުރެއްވިއެވެ.

އެމްއެމްއޭގެ އިތުރުން އެހެން އިދާރާތަކަށްވެސް ސާޓެކްގެ ފަރާތުން ޓްރެއިނިންތައް ލިބިފައިވާ ކަމަށާއި މުސްތަގުބަލުގައި ޓްރެއިނިން ފުރުސަތުތައް އިތުރުކުރުމަށާއި އެކި ދާއިރާތަކަށް ބޭނުންވާ ޓްރެއިނިންތައް ވިލަރެސްކުރުމުގައި އެމްއެމްއޭ އިން މުހިއްމު ދައުރެއް އަދާކުރާނެ ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

ރާއްޖޭގައި މި ބާއްވާ ބައްދަލުވުމުގެ ސަބަބުން ސާޓެކްގެ ހިންގުން މިހާރަށްވުރެ އުފެންދުންތެރި އަދި ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ގަވރުނަރު ވިދާޅުވި އެވެ.

ޕެރައިޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށްދާ މި ބައްދަލުވުމުގައި އައިއެމްއެފް އަދި ސާކުގެ ގައުމުތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.
ހިޔާލު