Masaikaiy ninmai geah annairu dharifulhu nidhaafai onnaathee dheravey: Saif
image
ސައިފް އާއި ކަރީނާ އަދި ތައިމޫރް--
0 ކޮމެންޓް
 

މަސައްކަތް ނިންމާ ގެއަށް އަންނައިރު ދަރިފުޅު ނިދާފާ އޮންނާތީ ދެރަވޭ: ސައިފް

ފިލްމުގެ ޝޫޓިންތައް ނިންމާލާ ގެއަށް އަންނައިރު އެންމެ ހަގު ދަރިފުޅު، ތައިމޫރު ނިދާފައި އޮންނަތަން ފެނުމުން ދެރަވާ ކަމަށް އޭނާގެ ބައްޕަ ސައިފް އަލީ ހާން ބުނެފިއެވެ.
ބޮލީވުޑުގެ ކުޅަދާނަ ތަރި ސައިފް އިންޑިއާގެ ނޫހަކަށް ބުނީ، އެތައް ގަޑިއިރަކު ޝޫޓިންގައި ހޭދަކުރުމަށް ފަހު ގެއަށް އަނބުރާ އާދެވޭއިރު ދަރިފުޅަށް ނިދިފައި އޮންނަތަން ފެނުމުން ހިތުގައި ޖެހޭ ކަމަށެވެ. އެގޮތުން ޝޫޓިންތައް ރޭގަނޑު 8:00 ގެ ކުރިން ނުނިމޭނަމަ އެކަމަށް ވަރަށް އުނދަގޫވާ ކަމަށާއި އެއީ ދަރިފުޅު ނުފެނި ގިނަ ވަގުތު ހޭދަވާތީ ކަމަށް ސައިފް ބުންޏެވެ.

ދަރިންނަށް ވަގުތު ދިނުމުގެ މުހިއްމުކަން އޭނާ ފުރާވަރަށް އަރައިގެން އައިރު މައިންބަފައިންގެ ފަރާތުން ދަސްވި ކަމަށް ވެސް އޭނާ ބުނެއެވެ. އޭނާގެ ބައްޕަ، މަންސޫރު އަލީ ހާނަކީ ކްރިކެޓު ކުޅުންތެރިއެއް ކަމަށާއި މަންމަ، ޝަރްމީލާ އަކީ އެކްޓްރެސްއެއް ކަމުން އެމީހުން އޭރު އުޅެމުން އައީ ވަރަށް ބިޒީކޮށްކަން ފާހަގަކޮށް ސައިފް ބުނީ، އާއިލާއާއެކު ހޭދަކުރާ ވަގުތަކީ އެންމެ ހިތްހަމަޖެހޭ ވަގުތުތައް ކަމަށެވެ.

ސައިފް އޭނާގެ އެންމެ ދޮށީ ދެ ދަރިން ކަމަށްވާ ސާރާ އާއި އިބްރާހީމްއާއެކު ވެސް ވަގުތު ހޭދަކުރެއެވެ. އެގޮތުން ދާދިފަހުން އިބްރާހީމް ކްރިކެޓް މެޗެއްގެ ޕްރެކްޓިސްގައި އުޅުނުއިރު އޭނާ ކުޅޭތަން ބެލުމަށް ސައިފް އިން ވީޑިއޯއެއް ވެސް އާންމުވިއެވެ.

ދެހާސް އެގާރަ ވަނަ އަހަރު ސައިފްގެ ބައްޕަ މަރުވި ނަމަވެސް އޭނާގެ މަންމަ އަދިވެސް ދުނިޔޭގައި އެބަހުއްޓެވެ. އަދި ދިރިއުޅެމުން އަންނަނީ ވެސް ސައިފްއާއެކު އެވެ. ސައިފް މިވަގުތު ހުރީ އޭނާގެ އަންހެނުން ކަރީނާ ކަޕޫރާއި ހަގު ދަރިފުޅު ތައިމޫރާއެކު ޗުއްޓީ ހޭދަކުރުމަށް ޔޫރަޕުގައި ނަމަވެސް އޭނާގެ ދޮށީ ދެދަރިން މާމައާއެކު އެބައުޅެއެވެ.
ހިޔާލު