Heyo agugai current foarukohdhinumah mashvaraa kuranee
image
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް-- ފޮޓޯ: ވަންއޮންލައިން
2 ކޮމެންޓް
 

ދެމެހެއްޓެނިވި ގޮތެއްގައި ހެޔޮ އަގުގައި ކަރަންޓް ފޯރުކޮށްދިނުމަށް މަޝްވަރާ ކުރަނީ

ދެމެހެއްޓެނިވި ގޮތެއްގައި، ވީހާވެސް ހެޔޮ އަގެއްގައި ކަރަންޓް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ކަމާއި ގުޅޭ މަޝްވަރާތައް އެންވަޔަރަމަންޓް މިނިސްޓްރީ އާއެކު ކުރިއަށްދާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ސާކް ކައުންސިލް އޮފް އެކްސްޕާޓްސް އޮފް އެނާޖީ ރެގިއުލޭޓާސްގެ ހަތަރުވަނަ ބައްދަލުވުން އިފްތިތާހު ކޮށްދެއްވަމުން ފައްޔާޒް ވިދާޅުވީ، އެންވަޔަރަމަންޓް މިނިސްޓްރީއާ އެކު މަޝްވަރާ ކުރަމުން ދަނީ ދެމެހެއްޓެނިވި ގޮތެއްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ވީހާވެސް ހެޔޮ އަގުގައި ކަރަންޓް ފޯރުކޮށްދިނުމަށް ކަމަށެވެ. އަދި ރާއްޖޭގައި އެކަން ކުރެވޭނެ ގޮތްތައް މިހާރު ބަލަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ފައްޔާޒް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކަރަންޓް އަގު ހެޔޮ ކުރުމަށް، ކަރަންޓް ގަނެވިއްކުމުގެ ބާޒާރެއް މުހިންމު ކަމަށެވެ. ނަމަވެސް މި ސަރަހައްދުގައި އަދި އެފަދަ ބާޒާރެއް އުފެދިފައި ނުވާ ކަމަށާއި، އޭގެ ސަބަބުން ކަރަންޓް އަގު ބޮޑުވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އިކޮނޮމިކް މިނިސްޓަރުގެ ހައިސިއްޔަތުން ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި ކަރަންޓްގެ އަގު ބޮޑުވުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓްގެ ހަރަދު ފޯރުކޮށްނުދެވުން ކަމަށެވެ. އޭގެ ސަބަބުން އާންމުންގެ އިތުރުން ވިޔަފާރިތަކަށް ވެސް ގޮންޖެހުންތަކާ ކުރިމަތިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، ރައްޔިތުންނަށް ވީހާވެސް ފަސޭހަކަމާއި އެކު ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ހެޔޮ އަގެއްގައި ކަރަންޓް ފޯރުކޮށްދިނުމަކީ ސަރުކާރުން ވަރަށް އިސްކަމެއްދޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހިޔާލު

މނބ

ޝުކުރިއްޔާ މިނިސްޓަރ ފައްޔާޒު ތިއީރައްޔިތުންނައް އޯގާތެރި ސަރުކާރެއް

ހަސީނާ

މީ ވަރަށް ހިފި ނުހުރެވިގެން އުޅޭ މީހެއް ކަމަށް ލަފާ ކުރެވޭ މީހެއް!