Raajjeyge hurihaa school ehgai hendhunuge naasthaa dheyn fashaifi
image
ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ޕްރޮގްރާމު ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
މާއިދާ މުހައްމަދު ރަޝާދު
0 ކޮމެންޓް
 

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ހެނދުނުގެ ނާސްތާ ދޭން ފަށައިފި

ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގަންނެވި ރިޔާސީ ވައުދުފުޅު، މިއަދު ފުއްދަވައިފި އެވެ.
ދެވަނަ ޓާމުގެ ކިޔެވުމުން މިދިޔަ އާދިއްތަ ދުވަހު ފެށުނުއިރު އާދިއްތަ ދުވަހު އެ ޕްރޮގްރާމު އިފްތިތާހު ނުކުރެވުނީ، ހަ ރޯދަ ނުނިމޭތީ އެވެ. އެކަމަކު އިއްޔެ ހަ ރޯދަ ނިމުމާއެކު މިއަދު ހެނދުނު އެޕްރޮގްރާމު ފައްޓަވައި ދެއްވީ ތާޖުއްދީން ސްކޫލުގައި އެކަމަށްޓަކައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި ނައިބް ރައީސް ފައިސަލް ނަސީމެވެ.

ރާއްޖޭގައި ކިޔަވައިދެމުން އަންނަ ސަރުކާރުގެ 213 ސްކޫލުގައި 70،000 އަށް ވުރެ ގިނަ ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.

އަޖުމަ ބެލުމުގެ ގޮތުން މިއަހަރުގެ ފުރަތަމަ ޓާމުގައި ވަނީ އަތޮޅު ތެރެ އާއި މާލޭގެ ސްކޫލުތައް ހިމެނޭހެން 25 ސްކޫލަކަށް ކިޔަވަން އަންނަ 14720 ދަރިވަރަކަށް ހެނދުނުގެ ނާސްތާ ދީފަ އެވެ.

ދައުލަތުގެ ބަޖެޓުން 50 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ފެށި އެޕްރޮގްރާމު ރާއްޖޭގެ ހުރިހާ ސްކޫލަކަށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، މުޅި ރާއްޖެއަށް ނާސްތާ ޕްރޮގްރާމް ފުޅާ ކުރެވިގެން ދިއުމަކީ ކިޔަވާ ކުދިންނަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި އެޕްރޮގްރާމް ޕައިލެޓް ކުރެވުނު ސްކޫލްތަކުން އެފަދަ ހެޔޮ ބަދަލުތައް ފެންނަމުންދާ ކަމަށެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި އަލަށް އިމާރާތްކުރެވޭ ސްކޫލްތަކުގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ހުންނަ ގޮތަށް ސްކޫލް ތެރެއިން ނާސްތާ ނެގޭނެ އިންތިޒާމު ހަމަޖެއްސޭނެ ގޮތަށް ފަރުމާ ކުރުމަކީ ވެސް ސަރުކާރުގެ އަމާޒެއް ކަމަށެވެ.

ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވީ، އެ ޕްރޮގްރާމަކީ ރައީސް ސޯލިހު ވަރަށް އަހައްމިއްޔަތު ކަމެއް ދެއްވާ ޕްރޮގްރާމެއް ކަމަށާއި އެއީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ރަނގަޅު ނަތީޖާއެއް ހޯދަން ދަރިވަރުންނަށް ލިބޭ އެންމެ ފަހި ފުރުސަތު ކަމަށެވެ. އަދި ދުވަހުގެ ފެށުން ރަނގަޅު ވެއްޖެނަމަ މުޅި ދުވަސް ރަނގަޅު ދުވަހަކަށް ވެގެންދާނެ ކަމަށް ވެސް ނައިބް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރައްވަ އެވެ.

އެ ޕްރޮގްރާމުގެ ސަބަބުން ސިއްހީ ފައިދާގެ އިތުރުން ދަރިވަރުންގެ އެކުވެރިކަން ބަދަހިވާ ކަމަށާއި ނާސްތާ ޕްރޮގްރާމު ކުރިއަށްދާ ވަގުތަކީ އުފާވެރި އަދި ހިިތްހަމަ ޖެހޭ ވަގުތެއްގެ ގޮތުގައި ދަރިވަރުން ފާހަގަކުރާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

އެ ޕްރޮގްރާމަކީ ދައުލަތުގެ ބަޖެޓުން 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ފަށާފައިވާ ޕްރޮގްރާމެކެވެ.
ހިޔާލު