Naasthaa Program akee rangalhu natheejaathakeh hoadhumah libunu fahi furusatheh: Naib Raees
image
ނާސްތާ ޕްރޮގްރާމު މުޅި ރާއްޖެއަށް ފައްޓަވައިދެއްވައި ނައިބް ރައީސް ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
0 ކޮމެންޓް
 

ނާސްތާ ޕްރޮގްރާމަކީ ނަތީޖާ ރަނގަޅުކުރަން ލިބުނު ފުރުސަތެއް: ނައިބް ރައީސް

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން މިއަދު ފެށުނުއިރު އެޕްރޮގްރާމު ވެގެންދާނީ ދުޔަހެޔޮ ސިއްހަތެއްގައި ދަރިވަރުން ތިބެ ރަނގަޅު ނަތީޖާތަކެއް ހޯދުމަށް ދަރިވަރުންނަށް މިހާތަނަށް ލިބުނު އެންމެ ފަހި ފުރުސަތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ކިޔަވައިދެމުން އަންނަ ސަރުކާރުގެ 213 ސްކޫލުގައި މިއަދު ހެނދުނުގެ ނާސްތާ ދޭން ފެށުނުއިރު އެ ޕްރޮގްރާމު ރަސްމީކޮށް ފެށުމަށް މިއަދު ތާޖުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސް ވިދާޅުވީ، މިއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިިހު، ވަރަށް ބޮޑު އިސްކަމެއް ދެއްވާ ޕްރޮގްރާމެއް ކަމަށާއި ދަރިވަރުންގެ ކިޔެވުން ހެނދުނު ފަށައިގަންނައިރު ކުދިންގެ ސިކުނޑިތައް ހުޅުވެންޖެހޭ ކަމަށެވެ. އަދި ފިލާވަޅުތަކަށް ރަނގަޅަށް ސަމާލުކަންދެވި މުޅި ދުވަހު ކިޔެވުން ކުރިޔަށް ގެންދެވޭ ވަރަށް ކުދިން ތައްޔާރުވާން ޖެހޭނެ ކަމަށެވެ.

އެ ޕްރޮގްރާމުން ހަމައެކަނި ލިބިގެން ދާނީ ނާސްތާ ކުރުމުގެ ފުރުސަތު ނޫންކަން ފާހަގަކުރައްވާ ނައިބް ރައީސް ވިދާޅުވީ، އުނގެނުމުގެ ތެރެއިން ދަސްކުރަން ޖެހޭ ބައެއް ކަންތައްތަކުގެ ތެރޭގައި ހިމެނޭ، އިހްތިރާމު ކުރުމާއި، އެހެން މީހުންގެ ހައްގުތައް ދެނެގަނެ ރަނގަޅު ނަތީޖާއަކާ ހަމައަށް ވާސިލުވުމަށް މަސައްކަތް ކުރުން ފަދަ އެތައް ކަމެއް ދަސްކުރުމުގެ ފުރުސަތު ވެސް އެޕްރޮގްރާމުގެ ތެރެއިން ދަސްވާނެ ކަމަށެވެ.

ރާއްޖޭގައި ކިޔަވައިދެމުން އަންނަ ސަރުކާރުގެ 213 ސްކޫލުގައި 70،000 އަށް ވުރެ ގިނަ ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.

އަޖުމަ ބެލުމުގެ ގޮތުން މިއަހަރުގެ ފުރަތަމަ ޓާމުގައި ވަނީ އަތޮޅު ތެރެ އާއި މާލޭގެ ސްކޫލުތައް ހިމެނޭހެން 25 ސްކޫލަކަށް ކިޔަވަން އަންނަ 14720 ދަރިވަރަކަށް ހެނދުނުގެ ނާސްތާ ދީފަ އެވެ.
ހިޔާލު