Current subsidy ah MVR 1 billion, iyaadha kuranivi goiy thah hoahdhan jehey!
image
ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާ-- ފޮޓޯ: މޯލްޑިވްސް ޓައިމްސް
2 ކޮމެންޓް
 

ކަރަންޓު ސަބްސިޑީ ބިލިއަން ރުފިޔާގައި، އިއާދަކުރަނިވި ގޮތްތައް މުހިއްމު!

ކަރަންޓު ސަބްސިޑީގެ ގޮތުގައި ސަރުކާރުން ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ ހަރަދު ކުރަމުންދާ ކަމަށާއި ކަރަންޓުގެ އަގު ހެޔޮ ކުރުމަށް އޮތް ދާއިމީ ހައްލަކީ ތިމާވެއްޓާއި ރައްޓެހި ގޮތްތައް ހޯދުން ކަމަށް ރައީސް އޮފީހުގެ ޕޮލިސީ ސެކެޓްރީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
ކަރަންޓުގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެގޮތުން މިދިޔަ މާޗް މަހު ރައީސް ސޯލިހު ވަނީ ކަރަންޓުގެ އަގު ހެޔޮ ކުރިކަން އިއުލާން ކުރައްވާފަ އެވެ. އެކަމަކު އެ ބަދަލު ނުފެންނަ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.

އާއްމުންގެ ކަންބޮޑުވުންތަކާ ގުޅިގެން އެންވާރަމަންޓް މިނިސްޓްރީން ވަނީ މާޗް 1 އިން ފެށިގެން ކަރަންޓުގެ އަގުތަކަށް ގެނައި ބަދަލު ތަފްސީލްކޮށް ދީފަ އެވެ. އެގޮތުން އެ ބަދަލު ގެނައީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކަރަންޓުގެ އަގު މާލެއާ އެއް ހަމައަކަށް ތިރި ކުރުމުގެ ގޮތުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.


މާޗް 1 އިން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކަރަންޓުގެ އަގު އެއް ވަރަކަށް ހަމަޖެއްސިއިރު، ކަރަންޓު އުފެއްދުމަށް ބޭނުން ކުރާ ކުރާ ޑީސެލުން ޑިއުޓީ ނުނަގަން ނިންމުމުން، އޭގެ ފައިދާ އާއްމުންނަށް ކުރަންީ ފިޔުލް ޑިސްކައުންޓެއްގެ ގޮތުގައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.


އެ މިނިސްޓްރީން އިތުރަށް ބުނީ މާލެ ސަރަހައްދުގައި ކަރަންޓުގެ އަގަށް ބަދަލެއް ނުގެންނަ ކަމަށާއި، އެކަމަކު ބޭނުން ކުރާ ކޮންމެ ޔުނިޓަކަށް ފިޔުލް ޑިސްކައުންޓެއް ކަނޑައެޅުމުން، އަގު ކުޑަވާ ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވިޔަފާރިތަކުގެ ކަރަންޓުގެ އަގު ވެސް މާލެއާ އެއްވަރަކަށް ތިރިކޮށްފައި ވުމުން އޭގެ ހެޔޮ އަސަރު ފެންނަމުންދާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.


ކަރަންޓުގެ މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ޕޮލިސީ ސެކެޓްރީ އައިމިނަތު ޝައުނާ ވިދާޅުވީ ސަރުކާރުން ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ ކަރަންޓުގެ ސަބްސިޑީ އަށް ހޭދަ ކުރަމުންދާއިރު، މާޗް މަހު ގެނައި ބަދަލާއެކު ރަށްރަށުގެ ކަރަންޓު ބިލު 8-17 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށެވެ.

އަދި މާލެ އާއި އައްޑޫ އިން ބޭރުގައިވާ ވިޔަފާރިތަކުގެ ކަރަންޓު ބިލުތައް 29-30 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް ވެސް ޝައުނާ ވިދާޅުވި އެވެ. ސަރުކާރުން ގެނައި ބަދަލަކީ ވަރަށް ކުރު ރާސްތާގެ ހައްލެއްކަން ފާހަގަކުރައްވާ ޝައުނާ ވަނީ ސިޔާސަތަށް ބަދަލު ގެންނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

"އަސްލު ހައްލަކީ ދެމެހެއްޓެނިވި ހަކަތައަށް ބަދަލުވުން. އަޅުގަނޑުމެންގެ ފަސް އަހަރުގެ ލަނޑުދަނޑިއަކީ ސިސްޓަމެޓިކް ބަދަލުތައް ގެނެސް، ދެމެހެއްޓެނިވި ހަކަތައިގެ ދާއިރާއަށް އިންވެސްޓްމަންޓު އިތުރުކުރުން. އެކަން ހާސިލް ކުރުމަށް ސިޔާސަތަށް ބަދަލު ގެނެވޭނެ،" އޭނާ ވިދާޅުވި އެވެ.


އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް އިއްޔެ ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ވީހާވެސް ހެޔޮ އަގެއްގައި ކަރަންޓް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ކަމާއި ގުޅޭ މަޝްވަރާތައް އެންވަޔަރަމަންޓް މިނިސްޓްރީ އާއެކު ކުރިއަށްދާ ކަމަށެވެ.

ސާކް ކައުންސިލް އޮފް އެކްސްޕާޓްސް އޮފް އެނާޖީ ރެގިއުލޭޓާސްގެ ހަތަރު ވަނަ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ އެންވަޔަރަމަންޓް މިނިސްޓްރީއާ އެކު މަޝްވަރާ ކުރަމުން ދަނީ ދެމެހެއްޓެނިވި ގޮތެއްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ވީހާވެސް ހެޔޮ އަގުގައި ކަރަންޓް ފޯރުކޮށްދިނުމަށް ކަމަށެވެ.

އިކޮނޮމިކް މިނިސްޓަރުގެ ހައިސިއްޔަތުން ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި ކަރަންޓްގެ އަގު ބޮޑުވުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓް ފޯރުކޮށްނުދެވުން ކަމަށެވެ. އޭގެ ސަބަބުން އާންމުންގެ އިތުރުން ވިޔަފާރިތަކަށް ވެސް ގޮންޖެހުންތަކާ ކުރިމަތިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ސަރުކާރުގެ ވައުދާ އެއް ގޮތަށް ރާއްޖޭގެ ހުރިހާ ހިސާބަކަށް ކަރަންޓުގެ އަގު މާލެއާ އެއްވަރު ކުރުމަށް ފަހު ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ކަރަންޓުގެ އަގަށް އެ ބަދަލު ގެނައުމުން ރަށްރަށުގެ ގޭބިސީތަކާއި ވިޔަފާރިތަކަށް ކަރަންޓު ބިލުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

"މިސާލަކަށް، ގޭބިސީއަކުން ކަރަންޓު ބިލަށް 2،200 ރުފިޔާ ހޭދަކުރާ ނަމަ ދެން ދައްކަން ޖެހޭނީ ގާތްގަނޑަކަށް 1،700 ރުފިޔާ،" ރައީސް ވިދާޅުވި އެވެ.

"މި ބަދަލު ގެނައުމުން ރަށްރަށުގައި ކަރަންޓު ބިލަށް، ގާތްގަނޑަކަށް 4،600 ރުފިޔާ ދައްކަމުން އައި ވިޔަފާރިތަކުން ދެން ދައްކަން ޖެހޭނީ ގާތްގަނޑަކަށް 3،400 ރުފިޔާ. މިއީ، ރައްޔިތު މީހާގެ ޖީބަށް ވަންނަ އިތުރު 1،200 ރުފިޔާ،" ރައީސް ވިދާޅުވި އެވެ.

ރައީސް އޭރު ވިދާޅުވީ ދުރު ރާސްތާ އަށް ވިސްނާ އިރު ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ އުފައްދަން ޖެހޭ ކަމަށާއި، ޖަނެރޭޓަރުގެ ބަދަލުގައި ފައިސާ ޚަރަދުކުރަންވީ ސޯލާ ޕެނެލާއި އިއާދަކުރަނިވި ހަކަތަ އުފައްދާ އެފަދަ ވަސީލަތްތަކަށް ކަމަށެވެ.

"އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ނަމަ މިހާރަށް ވުރެ މާ ހެޔޮ އަގުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ،" ރައީސް ވިދާޅުވި އެވެ.
ހިޔާލު

Axif

ދައްކާ ވާހަކަ ދިމާނުވެ އިސްތިއުފާ ދީ ހިންގުމުގެ ގާބިލް ކަމެއް ނެއް.

ޔުކާން

ކަރަންޓް އަގުހެޔޮވިނަމަ ތިޔަ ވާހަކަ ދައްކާކަށް ނުޖެހުނީސް..އޭގެ މާނައަކީ އެ ވައުދުވެސް ނުފުއްދުނީ..ޕެންޝަން ފަންޑުން ހައްޖައްދެވޭނެގޮތް ހެދި ގޮތައް މިދިޔައީ..