Tour Operatorunge emme bodu bahdhaluvun fashaifi
image
ޓީޓީއެމް ޓްރެވަލް ސަމިޓްގެ ތެރެއިން.-- ފޮޓޯ: ޕީއެސްއެމް
0 ކޮމެންޓް
 

ޓީޓީއެމް ޓްރެވަލް ސަމިޓް ފަށައިފި، 200 އަށް ވުރެ ގިނަ ޓުއާ އޮޕަރޭޓަރުން ބައިވެރިވޭ!

ރާއްޖޭގައި މިހާތަނަށް ބާއްވާ ޓުއާ އޮޕަރޭޓަރުންގެ އެންމެ ބޮޑު ބައްދަލުވުން ކަމަށްވާ، ޓީޓީއެމް ޓްރެވަލް ސަމިޓް މިއަދު ފަށައިފި އެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ދުނިޔޭގެ ބޮޑެތި ޓްރެވަލް އެޖެންޓުންނާ ގުޅުވާލަދިނުމަށް އޯރކާ މީޑިއާ ގްރޫޕުން އިންތިޒާމުކުރާ ސަމިޓް ބާއްވަނީ ބަނޑޮސް އައިލެންޑް ރިސޯޓްގަ އެވެ. މިއަދުން ފެށިގެން ބުރާސްފަތި ދުވަހަށް ކުރިއަށްދާ ސަމިޓުގައި 200 އަށް ވުރެ ގިނަ ޓުއާ އޮޕަރޭޓަރުން ބައިވެރިވާ ކަމަށް ޓީޓީއެމް އިން ބުނެ އެވެ.

ޓީޓީއެމް ޓްރެވަލް ސަމިޓް ފައްޓަވައިދެއްވީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ. އެ ރަސްމިއްޔާތުގައި ސަފީރު ވިދާޅުވީ، ރާއްޖެ އަށް އެންމެ ގިނަ އަދަކަށް ފަތުރުވެރިން އަންނަ ގައުމަކަށް އިންޑިއާވެގެން ދިއުމަކީ ދެކެން ބޭނުންވާ ހުވަފެނެއް ކަމަށެވެ.

މި އަހަރުގެ ޓީޓީއެމް ޓްރެވަލް ސަމިޓް ހާއްސަކޮށްފައިވަނީ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށެވެ. އެގޮތުން އެ ދާއިރާގެ ތަޖުރިބާކާރުން މި އަހަރުގެ ސަމިޓުގައި މައުލޫމާތު ދެއްވާނެ އެވެ. އެގޮތުން އާރޓިފިޝަލް އިންޓޭލިޖެންސް ބޭނުންކޮށްގެން ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ޕްރޮފެސަރު ހަސަން އުގެއިލް ޙާއްސަ ޕްރެސެންޓޭޝަނެއް ދެއްވުމަށް ހަމަޖެހިފައި ވެއެވެ.

އޯރކާ މީޑިއާ ގްރޫޕުން "ޓީޓީއެމް" ޓްރޭޑްމާކުގެ ދަށުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަ ހަރަކާތްތައް އަންނަނީ ބާއްވަމުންނެވެ. އެ ކުންފުނިން ބުނީ، މި އަހަރުގެ ޓީޓީއެމް ފެއާގެ އަމާޒަކީ ރާއްޖެ އަށް ދެ މިލިޔަން ފަތުރުވެރިން ގެނައުން ކަމަށެވެ. އަދި އަންނަ އަހަރުގެ ނިޔަލަށް ފަތުރުވެރިކަމުގެ ދާއިރާ އަށް 3.5 ބިލިޔަން ޑޮލަރުގެ ފައިދާއެއް ހޯދައިދިނުން ކަމަށެވެ.
ހިޔާލު