Memberun ge committee allowance uvaalan hushahalhaifi
image
ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުން-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
0 ކޮމެންޓް
 

މެމްބަރުންނަށް ކޮމިޓީ އެލަވަންސްގެ ގޮތުގައި ލިބޭ ފައިސާ އުވާލަން ހުށަހަޅައިފި

ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ކޮމިޓީ އެލެވަންސްގެ ގޮތުގައި ލިބިވަޑައިގަންނަވާ 20،000 ރުފިޔާ އުވާލުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިޞްލާހު ކުރުމުގައި ޚިޔާލު ހުށަހެޅުމަށް ހުޅުވާލައިފައިވާ ފުރުޞަތުގައި ޓީއެމް އިން މަޖިލީހަށް ހުށަހެޅި އިޞްލާހުގައި ވަނީ މަޖިލީހުގެ ކޮމިޓީ އެލަވަންސް އުވާލައި މެންބަރުންނަށް ކުރެވޭނެ ޚަރަދުތަކުގެ ތާވަލެއް އެކަށައަޅާ އެތާވަލުގެ ދަށުން ކުރެވޭ ޚަރަދުތައް ފައިސާ ދެވޭނެ އުޞޫލެއް އެކަށައެޅުމަށް ހުށަހަޅާފަ އެވެ.

އެގޮތަށް ކުރެވޭ ޚަރަދުތައް އިސްނެގުމާއެކު ޝާއިޢު ކުރުމަށް ވެސް ޓީއެމް އިން ވަނީ މަޖިލީހުގެ ގަވާއިދަށް ހުށަހަޅާފަ އެވެ.

އެ އިޞްލާހުގައި ވަނީ މަސްލަޙަތު ފުށުއަރާ ޙާލަތްތަކުގައި މެންބަރުން ވޯޓުގައި ބައިވެރި ނުކުރުމަށް ވެސް ހުށަހަޅާފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ހުށަހެޅި އިޞްލާޙުތަކުގައި ޓީއެމް އިން ވަނީ މަޖިލީހުގެ މެންބަރުންނަށް ރައްޔިތުންނާއި ފަސޭހައިން ބައްދަލުކުރެވޭނެ ގޮތެއް ހަމަޖައްސައި އެކަން ރައްޔިތުންނަށް ޢާއްމުކޮށް އަންގާ އަދި މަޖިލީހުގެ އިދާރާ މެދުވެރިކޮށް ވިއަސް އެ މެންބަރަކާއި ދާއިރާގެ މެންބަރުން ގުޅަން ބޭނުންވެއްޖެ ޙާލަތްތަކުގައި ގުޅޭނެ މަގު ފަހި ކޮށްދިނުމަށް ހުށަހަޅާފައެވެ.

އިތުރު އިޞްލާހެއްގައި ވަނީ މަޖިލިހުގެ މެމްބަރުކަމުގެ ދައުރުގައި އެހެން ވަޒީފާއެއް އަދާކޮށްގެން ނުވާނެ ކަމަށް ބުނެފައެވެ. އަދި މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާނަކީ ޢާއްމު ކުރަންޖެހޭ އެއްޗެއްގެ ގޮތުގައި ހެދުމަށް ވެސް ހުށަހަޅާފައި ވެއެވެ.

މަޖިލީހުގެ ގަވާއިދު އިޞްލާހު ކުރާ ކޮމިޓީން އަންނަނީ ރައްޔިތުން މަޖިލީހުގެ ގަވާއިދަށް ގިނަ އިޞްލާހުތަކެއް ގެނެސް މަޖިލިސް ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.
ހިޔާލު