Majilihuge gavaaidhah Transparency Maldives ge muhimmu hushahelhun thakeh!
image
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ޓްވިޓާ/ ރައްޔިތުންގެ މަޖިލިސް
ސާޔާ އަހްމަދު
0 ކޮމެންޓް
 

މަޖިލިހުގެ ގަވައިދަށް ޓްރާންސްޕޭރެންސީގެ މުހިއްމު ހުށަހެޅުންތަކެއް!

ރައްޔިތުންގެ މަޖިލިހުގައި މެމްބަރުންގެ މަސްލަހަތަށް ވުރެ އާއްމުންގެ މަސްލަހަތު އިސްކޮށް، މެމްބަރުން ޖަވާބުދާރީ ކުރުވާ، މަޖިލިސް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުވުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން މަޖިލިހުގެ ގަވައިދަށް ފަސް އިސްލާހަކާއި 30 ހިޔާލެއް ހުށަހަޅައިފި އެވެ.
އަލަށް މަސައްކަތް ފަށައިގަތް 19 ވަނަ މަޖިލިހުން ދަނީ މުހިއްމު މަސައްކަތެއްގެ ގޮތުގައި ގަވާއިދު އިސްލާހް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އާއްމުންނާއި، އަމިއްލަ ޖަމާއަތްތަކަށް އެ ގަވާއިދަށް އިސްލާހް އަދި ހިޔާލު ހުށަހަޅަން ހުޅުވާލި ފުރުސަތު އިއްޔެ ވަނީ ހަމަވެފަ އެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ރާއްޖޭގެ އޮފީހުން ބުނީ އެފަރާތުން ހުށަހެޅި ކަންކަމުގެ ބޭނުމަކީ "މަޖިލިހާ މެދު ރައްޔިތުންގެ އިތުބާރު އިތުރު ކުރުމާއި، މަޖިލިހުގެ މަސައްކަތުގެ ހާމަކަން އިތުރު ކުރުމާއި، މަޖިލިހުގެ މަސައްކަތްތައް ވީހާވެސް ރައްޔިތުންނާ ގާތުން ކުރިއަށް ގެންދިޔުން" ކަމަށެވެ.

ޓީއެމް އިން ހުށަހެޅި އިސްލާހުތައް

ޓީއެމް އިން ހުށަހެޅި ފުރަތަމަ އިސްލާހުގައި ބުނެފައި ވަނީ މަޖިލިހުގެ ކޮންމެ މެމްބަރެއްގެ މަސްލަހަތު ފުށޫއަރާ ކަންކަމުގެ ރެޖިސްޓްރީއެއް އެކުލަވާލާ، އާއްމުންނަށް އެއަށް ހިޔާލު ހުށަހެޅޭނެ ގޮތް ހަދަން ޖެހޭ ކަމަށެވެ. އޭގެ ބޭނުމަކީ ފޮރުވިފައިވާ މަސްލަހަތުގެ މައްޗަށް ރައްޔިތުންގެ މަސްލަހަތު އިސް ކުރުމެވެ.

ދެވަނަ އިސްލާހުގައި ބުނެފައި ވަނީ މެމްބަރެއްގެ މަސްލަހަތު ފުށު އަރާ މައްސަލައެއްގައި އެ މެމްބަރަކު ވޯޓުގައި ބައިވެރި ކޮށްގެން ނުވާނެ ކަމަށެވެ. އެ އިސްލާހުގެ މަގްސަދަކީ ވެސް ރައްޔިތުންގެ މަސްލަހަތު އިސް ކުރުމެވެ.

އޭގެ އިތުރުން މަޖިލިހުގެ ގަވައިދަށް އާ ޗެޕްޓަރެއް އިތުރުކޮށް، އެ ގަވައިދު ބިނާވެގެންވާ މަގްސަދުތައް ކަނޑައަޅާ، މާނަ ކުރުމުގެ އޮނިގަނޑެއް ހެދުމަށް ވެސް ވަނީ އެ ޖަމިއްޔާ އިން ހުށަހަޅާފަ އެވެ.

ޓީއެމް އިން ހުށަހެޅި އިތުރު އިސްލާހެއްގައި ބުނެފައި ވަނީ މަޖިލިސް މެމްބަރުން ފަސޭހައިން ރައްޔިތުންނާ ބައްދަލު ކުރެވޭނެ ގޮތެއް ހަމަޖައްސާ އެކަން ރައްޔިތުންނަށް އަންގަން ޖެހޭނެ ކަމަށެވެ. އަދި ދާއިރާގެ ރައްޔިތުން މެމްބަރާ ގުޅަން ބޭނުންވެއްޖެ ހާލަތެއްގައި މަޖިލިހުގެ އިދާރާ މެދުވެރިކޮށް އެކަން ކުރެވޭނެ ގޮތް ހަމަޖައްސަން ވާނެ ކަމަށެވެ.

އެންމެ ފަހު ކަމެއްގެ ގޮތުން ޓީއެމް އިން ހުށަހަޅާފައި ވަނީ ކޮމިޓީ އެލަވަންސް އުވާލާ، މަޖިލީހުގެ މަސައްކަތާ ގުޅިގެން މެމްބަރުންނަށް ކުރެވޭނެ ހަރަދުތަކުގެ ތާވަލެއް އެކަށައަޅާ، އެ ތާވަލުގެ ދަށުން ކުރެވޭ ހަރަދުތައް ރީއިމްބާސް ކުރުން ނުވަތަ ފަހުން ދިނުމުގެ އުސޫލެއް ކަނޑައަޅުމެވެ.

އެ ފަސް އިސްލާހުގެ އިތުރުން 30 ހިޔާލެއް ވެސް ޓީއެމް އިން ވަނީ މަޖިލިހަށް ފޮނުވާފަ އެވެ. އޭގެ ތެރެއިން ބައެއް މުހިއްމު ކަންކަން ތިރީގައި އެވަނީ އެވެ.

1. މެމްބަރުންގެ މާލީ ބަޔާން އާއްމުންނަށް ފެންނާ ގޮތް ހެދުމަކީ އަމީންއާއްމުގެ ޒިންމާއެއް ކަމަށް ކަނޑައެޅުން
2. ޖަލްސާ ސިއްރު ކުރަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގައި ބުނެފައިވާ ހާލަތްތަކުގައިކަން ކަށަވަރުކުރުން
3. އެ ދައުރެއްގެ މެމްބަރުންނަށް އެ ދައުރުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތް ކަނޑަނޭޅޭނެ ގޮތަށް ހެދުން
4. މެމްބަރުންގެ މާލީ ބަޔާންތަކަކީ ރައްޔިތުންނަށް އާއްމުކޮށް ފެންނަން ޖެހޭ އެއްޗެއް ކަމަށް ކަނޑައެޅުން
5. މާލީ ބަޔާން ހުށަނާޅާ މެމްބަރުންނާ މެދު ފިޔަވަޅު އެޅުން
6. މާލީ ބަޔާނުގައި ދޮގު މައުލޫމާތު ވާނަމަ ފިޔަވަޅު އެޅުން
7. ދައުލަތުގެ ކޮންމެ މަގާމެއްގައި ހުރި މީހަކުވެސް މަޖިލިހަށް ހާޒިރު ކުރެވޭ ގޮތް ހެދުން
8. ކޮމިޓީތަކުގެ މަސައްކަތް ހަރުދަނާ ކުރުމަށް ފިޔަވަޅުތަކެއް އެޅުން

އަދާލަތު ޕާޓީން ހުށަހެޅި އިސްލާހުތައް

މަޖިލިހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް ކުރަމުންދާ މަސައްކަތުގައި އަދާލަތު ޕާޓީން ވެސް ވަނީ މެމްބަރުންގެ މުސާރަ އާއި އިނާޔަތް ދިނުމުގެ އުސޫލަށް އިސްލާހެއް ހުށަހަޅާފަ އެވެ. އެއް ކަމަކީ އެ ދައުރެއްގެ މުސާރަ އާއި އިނާޔަތަށް އެ ދައުރެއްގެ މެމްބަރުންނަށް ބަދަލު ނުގެނެވޭނެ ގޮތް ހެދުމެވެ.

އޭގެ އިތުރުން މުސާރަ އާއި އިނާޔަތް ދޭން ވާނީ އެއް މަހެއްގެ ތެރޭގައި ބާއްވާ ޖަލްސާތަކުގެ ތެރެއިން ދެބައި ކުޅަ އެއްބައި ޖަލްސާއެއް ހާޒިރުވާ މެމްބަރުންނަށް އެކަނި ކަމަށް ވެސް އަދާލަތުގެ ހުށަހެޅުމުގައި ވެއެވެ.

މަހަކު މަދުވެގެން ކޮމިޓީގެ ތިން ޖަލްސާ ބާއްވަން ޖެހޭނެ ކަމަށާއި، ކޮމިޓީ އެލަވަންސް ދިނުމުގައި ވެސް މަހެއްގެ ބާއްވާ 50 އިންސައްތަ ޖަލްސާ އަށް ހާޒިރުވިތީ ބަލަން ވަނީ ހުށަހަޅާފަ އެވެ.

މަޖިލީހަށް 1500 މީހުން ސޮއިކޮށް ޕެޓިޝަނެއް ހުށަހަޅައިފި ނަމަ 14 ދުވަހުގެ ތެރޭގައި އެ ޕެޓިޝަނާ މެދު ބަހުސްކުރަން މަޖިލީހުގެ ޖަލްސާއެއް ބާއްވާ ގޮތަށް ގަވާއިދު އިސްލާހު ކުރަން ވެސް އެ ޕާޓީން ވަނީ ހުށަހަޅާފަ އެވެ.

ގަވާއިދު އިސްލާހު ކުރުމުގެ ކޮމިޓީ

މަޖިލިސް ހިންގަން އާ ގަވާއިދެއް ހެދުމަށް ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްތަކުގެ މެމްބަރުންގެ މައްޗަށް އެކުލަވާލި ވަގުތީ ކޮމިޓީގައި 11 މެމްބަރުން ތިއްބަވަ އެވެ. އެ ކޮމިޓީން ގަވައިދަށް ގެނައި އެންމެ ފުރަތަމަ އިސްލާހަކީ ބަހުސް ވަގުތު ހަތަރު ގަޑިއިރަށް އިތުރު ކުރުމެވެ.

ކުރިން ގަވާއިދު އޮތް ގޮތުން ބަހުސް ކުރުމަށް ލިބޭނީ ތިން ގަޑިއިރެވެ. ވާހަކަ ދައްކަވަން ފުރުސަތު ލިބިވަޑައިގަންނަވަނީ ޕާޓީތަކަށް މެމްބަރުން ތަމްސީލް ކުރައްވާ ނިސްބަތަކަށް ބަލައިފަ އެވެ.

މަޖިލީހުގެ ގަވާއިދު އިސްލާހު ކުރާ ކޮމެޓީގެ މެމްބަރުންނަކީ މަރަދ ދާއިރާގެ މެމްބަރު އިބްރާހިް ޝަރީފާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖްގެ އިތުރުން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މުސާ އެވެ.
ހިޔާލު