Thalhun matheega kudhinnah naasthaa dhinumun fiyavalhu alhaifi!
image
ތަޅުން މަތީގައި ކަރުދާސް އަޅައިގެން ކުދިންނަށް ނާސްތާ ދެނީ-- ފޮޓޯ: ސޯޝަލް މީޑިއާ
1 ކޮމެންޓް
 

ތަޅުންމަތީގައި ނާސްތާ ދިނުމުން ފިޔަވަޅު އަޅައިފި

މިއަދު އިފްތިތާހު ކުރި ނާސްތާ ޕްރޮގްރާމްގެ ތެރެއިން ސްކޫލެއްގެ ކްލާސްރޫމުގެ ތަޅުންމަތީގައި ކަރުދާސްގަނޑެއްގައި ކާއެއްޗެހި ބަހައްޓައިގެން ކިޔަވާ ކުދިންތަކަކަށް ކާންދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.
މިއަދު އިފްތިތާހުކުރި އެ ޕްރޮގްރާމާއެކު ރާއްޖޭގައި ހުރި ސަރުކާރުގެ 213 ސްކޫލުގައި ކިޔަވަމުން އަންނަ 70،000 އަށް ވުރެ ގިނަ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ލިބޭނެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަނީ ގދ. ތިނަދޫގައި ހުންނަ އަބޫބަކުރު ސްކޫލުގެ ދަރިވަރުންތަކެއް ހެނދުނުގެ ނާސްތާ ކަރުދާސްގަނޑެއްގެ މަތީގައި ބާއްވައިގެން ކަމުން އައި މަންޒަރެވެ. އެހެންވެ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވާތީ މިއަދު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނޫސް ބަޔާނެއް ނެރި އެކަން ކުށްވެރިކޮށްފަ އެވެ.

އެ ނޫސްބަޔާނުގައި ބުނީ، ނާސްތާ ޕްރޮގްރާމުގެ އުސޫލާ ހިލާފަށް ބައެއް ސްކޫލުތަކުގައި ކަންކަން ހިނގަމުންދާކަން ފާހަގަކުރެވިފައިވާ ކަަމަށާއި އެކަމުގެ ސަބަބުން ސަރުކާރުން ހިންގާ އެފަދަ ޕްރޮގްރާމުތަކަށް ބެލެނިވެރިން ކުރާ އިތުބާރު ގެއްލޭ ކަމަށެވެ.

"މަދު މުވައްޒަފުންތަކެއް މިފަދަ އަމަލެއް ހިންގާފައި ވާތީ އެކަން މިނިސްޓްރީން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. އަދި މިކަން ކޮށްފައިވާ ފަރާތާ މެދު މިހާރު ފިޔަވަޅު އަޅާފައިވާ ވާހަކަ ވެސް ދަންނަވަމެވެ،" އެ މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެ އެވެ.

އެއީ ކޮން ސްކޫލެއްކަން ބަޔާނުގައި ފާހަގަކޮށްފައި ނުވާއިރު އެކަން ކޮށްފައިވާ ފަރާތާ މެދު އެޅީ ކޮންކަހަލަ ފިޔަވަޅެއް ކަމެއް ވެސް ނުބުނެ އެވެ.

އެކަމާ ގުޅިގެން މިނިސްޓްރީގެ އޮފިޝަލަކު ސީއެންއެމް އަށް ވިދާޅުވީ އަޅާފައި ވާނީ ސިވިލް ސާވިސްގެ ގަވައިދުގެ މައްޗަށް ބިނާކޮށް އެކަށޭނެ ފިޔަވަޅެއް ކަމަށެވެ. އެކަމަކު އެއީ ކޮން ފިޔަވަޅެއް ކަމެއް ވިދާޅެއް ނުވެ އެވެ.
ހިޔާލު

އަލީ

މި ސްކޫލް ގެ އިސްވެރިން އަދި ޕްރިންސިޕްލަ ވަގުން އިސްތިއުފާދީ ފައި ގެއަށް ދިއުމަށް ގޮވާލަން. މިކަމަކީ ވަރަށް ދަށުދަރަޖާގެ ކަމެއް. އަދި މީ ކުދިންތަކަކަށް ވެވުނު ވަރަށް ބޮޑު އިޙްމާލެށް، މިކަން ބަލާ ފިޔަވަޅު އަޅަން ގޮވާލަން..