Adheeb ge hukum baathil kuree chuhteegai hure, Fandiyaaru Shujaau court ah vadaigen!
image
ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު: އަދީބުގެ ހުކުމް ބާތިލް ކުރަން ރައުޔު ދެއްވީ ޗުއްޓީގައި ހުރެ ކޯޑަށް ވަޑައިގެން.
2 ކޮމެންޓް
 

އަދީބުގެ ހުކުމް ބާތިލް ކުރީ ޗުއްޓީގައި ހުރެ، ފަނޑިޔާރު ޝުޖާއު ކޯޓަށް ވަޑައިގެން!

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ތަފާތު ތިން މައްސަލައެއްގައި އިއްވާފައިވާ 33 އަހަރުގެ ޖަލު ހުކުމް ބާތިލް ކުރި އިރު، އެ މައްސަލަތަކުގެ ތެރެއިން އެންމެ ފަހު މައްސަލަ، ހައި ކޯޓުން ބާތިލް ކުރި ގޮތާއި މެދު ސުވާލު އުފެދިއްޖެ އެވެ.
ރިޔާސީ ލޯންޗްކޮޅު ގޮއްވާލި މައްސަލާގައި އަދީބުގެ މައްޗަށް 15 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ކުރި ނަމަވެސް، ހައި ކޯޓުން ފަހުން އެ ހުކުމް ވަނީ ބާތިލް ކޮށްފަ އެވެ. އަދި އެއަށް ފަހު، ފިސްތޯލައެއް ގެންގުޅު މައްސަލާގައި އަދީބުގެ މައްޗަށް އިއްވި 10 އަހަރުގެ ޖަލު ހުކުމް ސްޕްރީމް ކޯޓުން ބާތިލް ކުރީ އެވެ.

އެ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑަށް ސުވާލު އުފެދިފައިވަނީ ތިން ވަނަ މައްސަލަ ކަމަށްވާ، ޅ. މާބިންހުރާގެ އިކިއުޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އަށް އަދީބު ހިޔާނާތްތެރިވިކަން ސާބިތުވުމުން 2016 ވަނަ އަހަރު ކްރިމިނަލް ކޯޓުން ކޮށްފައިވާ އަށް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުން ބާތިލް ކުރި ގޮތާއި މެދު އެވެ.

އެގޮތުން މެއި މަހުގެ 30 ވަނަ ދުވަހު ހައި ކޯޓުން އެ ހުކުމް ބާތިލް ކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރޭގައި އަދީބުގެ ހުކުމް ބާތިލް ކުރީ ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އާއި ފަނޑިޔާރު ހުސައިން ޝަހީދުގެ އަގުލަބިއްޔަތުންނެވެ.

އެ މައްސަލާގައި ސުވާލު އުފެދިފައިވަނީ، ޗުއްޓީގައި ހުންނެވުމަށް ފަހު އިސް ފަނޑިޔާރު ޝުޖާއު ސީދާ އެ މައްސަލަ ބެއްލެވުމަށް ކޯޓަށް ވަޑައިގެންނެވުމުންނެވެ. އަދި އެ މައްސަލަ އަށް ފަހު އަލުން އެނބުރި ފަނޑިޔާރު ޗުއްޓީގެ ބާކީ ބަޔަށް ވަޑައިގެންނެވީ އެވެ. އެހެންކަމުން ސީދާ އެ މައްސަލަ އަށް އެކަނި އިސް ފަނޑިޔާރު ވަޑައިގެންނެވުމުން، އެ ކަމުގައި އެހެން ކަންތައްތަކެއް ނުވަތަ ގޯސްތަކެއް އުޅޭ ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވެ އެވެ.

ޗުއްޓީގައި ހުންނެވުމަށް ފަހު އިސް ފަނޑިޔާރު ޝުޖާއު ސީދާ އަދީބުގެ މައްސަ އަށް ކޯޓަށް ވަޑައިގެން، އަދީބު މިނިވަން ކުރުމަށް އަގުލަބިއްޔަތު ހޯއްދަވައި ދެއްވުމަށް ފަހު، އެނބުރި ޗުއްޓީ އަށް ވަޑައިގެންނެވި ނަމަވެސް، ފަހުން ޗުއްޓީ އެއްކޮށް ނުނިމި އުޅެނިކޮށް ރަސްމީ މަސައްކަތަށް އެނބުރި ވަޑައިގެންނެވި ކަން އެނގިފައި ވެއެވެ.

އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ ރައުޔު ވަނީ ތަފާތުވެފަ އެވެ. އެގޮތުން އެ މައްސަލާގައި ހުށަހެޅުނު ހެކިތަކަށް ބަލާއިރު އަދީބުގެ މައްޗަށް ކުށް ސާބިތުވާ ކަމަށާއި، ކްރިމިނަލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށް ފަނޑިޔާރު ޝުއައިބުގެ ރައުޔުގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން އެ މައްސަލާގައި އަދީބާ އެކު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް އަށް އަހަރަށް އަދި ހާމިދު އިސްމާއިލް ދެ އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓާފައި ވާކަން ފަނޑިޔާރު ޝުއައިބު ފާހަގަ ކުރެއްވި އެވެ.
ހިޔާލު

ފަނޑިޔާރުގެ

ތިޔަ ހައިކޯޓުގެ ފަނޑިޔާރުންގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ ހާއްސަކޮށް ފަހުން ތިޔަ ކޯޓަށް ވެއްދި ފަނޑިޔާރުން އިސްފަނޑިޔާރު ސުޖާޢު އަކީ ކުރީގެ އިސްފަނޑިޔާރު ޢަބުދﷲ ދީދީގެ ބެސްޓް ފްރެންޑް ޢަބުދުﷲ ދީދީ ސްޕްރީމްކޯތަށް ބަދަލްކުރީމާ ޢަބުދުﷲ ދީދީ ހިންގި ޖަރީމާތައް ހިންގުމަށޑް މަތިކޮށް މުރަނގަގަހު މާޅިމީ ސުޖާއިވަނީ އިސް ފަނޑިޔާރަކަށްހަމަޖައްސާފަ ދެން ތިޔަ ޝަހީދު އެއީ ފަނޑިޔާރުކަމުގެ އެއްވެސް ތަޖުރިބާއެއްހުރި މީހެއްނޫން ސުއައިބަކީ ސަރުކާރުން ބޭނުންވާ ގޮތަކަށް ކަންކޮށްދޭ ބޭފުޅެއް ހައިކޯޓުގަ އިންސާފަށްކަންކުރަން މަސައްކަތްކުރާ އެންމެ ފަނޑިޔާރަކު ހުރީ އެއީ ވަރށްތަޖުރިބާކާރު ޚުލްޤުހެޔޮ އިންސާފާ ހަމަ ދެނެވަޑައިގަންނަވާ ޢިލްމީ ބޭފުޅެއް ހައިކޯތުގަ ދުވަސްވީ ބޭފުޅެއް މިނޫނީ ދެންތިބީ މުޅިންވެސް ފީ

ސައުދު

ޝުއައިބު ޒަކަރިއްޔާއަކީ ނުވިކޭނެ މީހެއް. އަދުލު ގާއިމްކުރުމަށް ފަހަކަށްވެސް ނުޖެހޭ ވަރަށް ގޮތެއްގައި ހުންނަވާ ބޭފުޅެއް.