Lavakiyuntheriyaa Adnan Sami ge Twitter Hack koh eynaage Profile Photo ah Pakistan he Boduvazeeruge Photo eh!
image
އަދްނާން ސާމީ--
0 ކޮމެންޓް
 

އަދުނާން ސާމީގެ ޓްވިޓާ ހެކްކޮށް، ޕްރޮފައިލަށް ޕާކިސްތާނުގެ ބޮޑުވަޒީރު

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދުނާނު ސާމީގެ އޮފިޝަލް ޓްވިޓާ އެކައުންޓަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާނުގެ ފޮޓޯއެއް ލައިފި އެވެ. މިކަމެއް ހިނގާފައި މިވަނީ ބޮލީވުޑުގެ ބަތަލު އަމީތާބު ބައްޗަންގެ ޓްވިޓާ އެކައުންޓު ބަޔަކު ހެކް ކުރުމުން އެކަން ރަނގަޅު ކޮށްފައިވާތާ މާގިނަ އިރުތަކެއް ނުވެ އެވެ.
ޕާކިސްތާނަށް ނިސްބަތްވާ އަދުނާނަކީ ބޮލީވުޑުގައި ނަން ހިނގާ މަޝްހޫރު ލަވަކިޔުންތެރިއެކެވެ. އިންޑިއާގައި އޭނާ މިހާރު ދިރިއުޅެމުން އަންނައިރު ޕާކިސްތާނާއި އިންޑިއާ ދެމެދުގައި އޮންނަ ޒަމާންވީ ރުޅިވެރިކަމުގެ އަސަރު ބޮޑު ކަމެއް ހިނގާ ކޮންމެ ފަހަރަކު އިންޑިއާގައި ދިރިއުޅޭ ޕާކިސްތާނަށް ނިސްބަތްވާ މީހުންނަށް ކުރިމަތިވެ އެވެ. އަދި އެކަން ޕާކިސްތާނުގައި އުޅޭ އިންޑިއާ މީހުންނަށް ވެސް ކުރިމަތިވެ އެވެ.

އިއްޔެގެ ވަގުތެއްގައި މިވަނީ އަދުނާނުގެ ޓްވިޓާ އެކައުންޓު ބަޔަކު ހެކްކޮށްފަ އެވެ. އެގޮތުން ހެކްކުރި މީހުން ވަނީ އޭނާގެ ޕްރޮފައިލް ފޮޓޯ އަށް ޕާކިސްތާނުގެ ބޮޑު ވަޒީރުގެ ފޮޓޯއެއް ލުމަށްފަހު ކަވާ ފޮޓޯ ވެސް ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން ކަވާ ފޮޓޯގެ އެއް ފަޅިއެއްގައި ބާޒެއް އިންއިރު އެއް ފަޅިއެއްގައި ލިޔެފައި ވަނީ "އައްޔިލްދިޒް ޓިމް ލަވް ޕާކިސްތާން" ކަމަށެވެ.

އަމީތާބުގެ އެކައުންޓު ހެކްކުރި ބަޔަކު ވެސް ލިޔެފައި ވަނީ އެހެންނެވެ. އައްޔިލްދިޒް ޓިމް ނަމަކަށް ކިޔާ ހެކްކުރާ އެ ގްރޫޕަކީ ތުރުކީ އަށް ނިސްބަތްވާ ބައެއްކަން ދެއްކުމަށް އެމީހުން ވަނީ ކަވާ ފޮޓޯގައި ތުރުކީގެ ދިދައިގެ ފޮޓޯއެއް ވެސް ހިމަނާފަ އެވެ.

އަދުނާނުގެ އެކައުންޓު މެދުވެރިކޮށް ޓްވީޓެއް ވެސް ކުރި ކަމަށް ވެއެވެ. އެކަމަކު އެ ޓްވީޓު މިހާރަކު ނުފެނެ އެވެ. ޓްވީޓު ނުފެނުނަސް ޕްރޮފައިލް ފޮޓޯއާ ކަވާ ފޮޓޯއަށް ބަދަލެއް ނާދެ އެވެ.

އުމުރުން 45 އަހަރުގެ އަދްނާނަކީ ބޮލީވުޑުގެ ކާމިޔާބު ގިނަ ފިލްމުތަކަކަށް ލަވަ ކިޔާފައިވާ ކުޅަދާނަ ލަވަކިޔުންތެރިއެކެވެ. އޭނާ ކިޔާފައިވާ ބައެއް ލަވަތަކަކީ ދިވެހިންގެ ތެރޭގައި ވެސް މަގްބޫލު ލަވަތަކެކެވެ. އެގޮތުން "ކަބީ ތޯ ނަޒަރު މިލާއޯ" އާއި "ބީގި ބީގި ރާތޮން މޭ" އަދި "ތެރެ ޗެހެރާ" އާއި "ދިލް ކިޔާ ކަރޭ" ގެ އިތުރުން "ސުން ޒަރާ" ފަދަ ލަވަތައް ހިމެނެ އެވެ.
ހިޔާލު