22 School ehge kiyevun eh dhanfalhiah badhalukohfi
image
އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ-- ފޮޓޯ: ވަން އޮންލައިން
0 ކޮމެންޓް
 

22 ސްކޫލެއްގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކޮށްފި

ރާއްޖޭގެ ސްކޫލުތައް އެއް ދަންފަޅި އަށް ބަދަލުކުރުމުގެ ޕްރޮގްރާމުގެ ދަށުން ރާއްޖޭގެ 22 ސްކޫލެއް އެއް ދަންފަޅި އަށް ބަދަލުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ބައިވެރިވެ ވަޑައިގެން މިނިސްޓަރު ވިދާޅުވީ އެއް ދަންފަޅި އަށް ކިޔަވައި ދިނުމުގެ ޕައިލެޓް ޕްރޮޖެކްޓުގެ ދަށުން އިއްޔެ 22 ސްކޫލެއް އެއް ދަންފަޅި ކުރެވިފައިވާ ކަމަށެވެ. އަދި އެއް ދަންފަޅި އަށް ބަދަލުކޮށްފައިވާ 22 ސްކޫލަކީ ރާއްޖޭގެ ކޮންމެ އަތޮޅަކުން ސްކޫލެއް ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެއް ދަންފަޅި އަށް ސްކޫލްތައް ބަދަލު ކުރަނީ ހަމައެކަނި ސެޝަން ބަދަލުކުރުމުގެ މާނައިގައި ނޫން ކަމަށާއި އެއީ ސްކޫލްތަކުގައި އެއް ދަންފަޅި އަށް އެކަށީގެންވާ ވަސީލަތް ގާއިމްކޮށް ވަށާޖެހޭ ތައުލީމެއް ފޯރުކޮށްދީގެން ދަރިވަރުން ދުނިޔެ އަށް ތައްޔާރުކޮށް ދިނުން ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެގޮތުން ވަށާޖެހޭ ތައުލީމުގެ އަމާޒަކީ ދަރިވަރުންނަކީ ދުނިޔެއަށް ލޯހުޅުވި، އެހެން މީހުންނާއެކު އުޅެން ދަސްވެފައިވާ، ހުނަރުވެރި، ތައުލީމީ އަދި ދީނަށް ލޯބިކުރާ، ހަށިހެޔޮ ކުދިން ތަކަކަށް ހެދުން ކަމަށް ވެސް މިނިސްޓްރީން ފާހަގަކުރެ އެވެ.

އެއް ދަންފަޅި އަށް ސްކޫލްތައް ބަދަލުވުމުން ސްކޫލް ސެޝަން ނިމުމުން ދަރިވަރުންނާއި ޓީޗަރުން ގެއަށް ގޮސް އާއިލާތަކާއެކު ވަގުތު ހޭދަ ކުރުމުގެ ފުރުސަތު ލިބޭނެކަން ފާހަގަކޮށް މިނިސްޓްރީން ބުނީ، އެއް ދަންފަޅި އަށް ކިޔަވައި ދިނުން ކުރިއަށް ގެންދަނީ ޓީޗަރުންނާއި ބެލެނިވެރިން އަދި ކަމާ ގުޅޭ ފަރާތްތަކުގެ ލަފައާ މަޝްވަރާއާއެކު ކަމަށެވެ.

ތައުލީމީ އާ މަންހަޖުގެ މަގުސަދަކީ ދަރިވަރުން ޓެސްޓުތަކަށް ތައްޔާރުކޮށް ހަމައެކަނި ޓެސްޓުގެ ނަތީޖާ އަށް ބެލުމުގެ ބަދަލުގައި ދިރިއުޅުމަށް ފުރާ ފުރިހަމަވެފައިވާ ދަރިވަރުންތަކެއް މުޖްތަމައަށް ނެރެދިނުން ކަމަށާއި އެއް ދަންފަޅި އަށް ކިޔަވައި ދޭން ފެށުމުން އެ އަމާޒަށް ވާސިލުވާން ފަސޭހަ ވެގެންދާނެ ކަމަށް ވެސް މިނިސްޓްރީން ފާހަގަކުރެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއް އެއް ދަންފަޅި އަށް ބަދަލު ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ކުރިން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
ހިޔާލު