School thah Fathis Namaadhun Fashaa gothah badhalu kuranee
image
އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ-- ފޮޓޯ: ޕީއެސްއެމް ނިއުސް
5 ކޮމެންޓް
 

ސްކޫލުތައް ފަތިސް ނަމާދުން ފަށާ ގޮތަށް ބަދަލުކުރަނީ

ރާއްޖޭގެ ސްކޫލުތައް ފަތިސް ނަމާދުން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
މިހާރު ހެނދުނު ދަންފަޅީގައި ސްކޫލުތަކުގެ ކިޔެވުން ފަށަނީ 6:45 އާއި 7:00 އާ ދެމެދު އެވެ.

ބައެއް ނޫސްތަކަށް މިނިސްޓަރު ވިދާޅުވީ، ފަތިސް ނަމާދުން ސްކޫލުތައް ފަށައި ހެނދުނު 6:00 އިން 7:00 އަށް ކަސްރަތާއި ކުޅިވަރު ހަރަކާތްތަކުގައި ދަރިވަރުން ބައިވެރި ކުރުމަށް ރޭވިފައިވާ ކަމަށާއި އެ ޕްރޮގްރާމު ކުރިއަށް ދާނީ މުދައްރިސުންގެ ބެލުމުގެ ދަށުން ކަމަށެވެ.

ކުޅިވަރު ހަރަކާތްތައް ކުރިއަށް ދާނީ ސްކޫލުތަކުން އިންތިޒާމު ކުރާ ތަންތަނުގައިކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ކަސްރަތަށް ފަހު ދަރިވަރުން ސްކޫލަށް އެނބުރި ދާނީ 8:00 ގައި ކަމަށާއި އަދި ސްކޫލުން ނާސްތާ ނަގައި ކިޔެވުން ފެށުމުގެ ކުރިން ފޮތް ކިޔުން ފަދަ ހަރަކާތެއްގައި ކުދިން ފަނަރަ މިނެޓު ހޭދަ ކުރާނެ ކަމަށެވެ. އެގޮތުން ދަރިވަރުންގެ ކިޔެވުން ނުވަތަ ކަރިކިއުލަމް ޓައިމް ފަށާނީ އެ ފަނަރަ މިނެޓަށްފަހު ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން މިނިސްޓަރު ވަނީ ކޮންމެ ދުވަހަކު ވެސް ކިޔެވުން ނިންމާލުމަށް ފަހު ދޮޅުގަޑިއިރު އެކި ހަރަކާތްތަކުގައި ދަރިވަރުން ހޭދަ ކުރާނެ ކަމަށާއި އެއީ ދިރިއުޅުމުގެ އެކި ހުނަރު ދަރިވަރުންނަށް ދަސްކޮށްދެއްވުމަށް ކަމަށް ވިދާޅުވެފަ އެވެ.

އެގޮތަށް އެއް ދަންފަޅިއަށް ސްކޫލުތައް ބަދަލުކުރުމުން ސްކޫލުތައް ނިމޭނީ ތިނެއް ޖަހާއިރު ކަމަށާއި ސްކޫލު ނިމުމުން އިތުރު ހަރަކާތްތަކަށް ދަރިވަރުން ސްކޫލަށް ދާން ނުޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ހަފްތާ ބަންދުގައި އެއްވެސް ހަރަކާތެއް ސްކޫލުގައި ނޯންނާނެ އެވެ.

އިއްޔެ ރާއްޖޭގެ 22 ސްކޫލެއް އެއް ދަންފަޅިއަށް ބަދަލުކުރެވުނުއިރު ބަޖެޓު ލިބޭ މިންވަރަކުން އިތުރު ސްކޫލްތައް އެއް ދަންފަޅި ކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

"ދަރިވަރުންގެ އުޅުމަށް އަންނަ ބަދަލުތައް ވެސް މޮނިޓާ ކުރަމުން ގެންދާނެ. ފަތިހު ހޭލައި، އަވަހަށް ނިދަން އާދަވާނެ. ކުށް ކުރުން މަދުވާނެ. ދަރިވަރުންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ހިޔާލު

ކިއުންތެރިޔާ

ވ. ރަނގަޅު ކަމެއް

ބެލެނިވެރިއެއް

މިއީ މިހާތަނަށް މިއަހަރު އިވުނު އެންމެ ހިތްހަމަޖެހުނު ވާހަކަ. ވަރަށް ރަނގަޅު އާދައެއް ތީ. މާތްﷲ ކަމަނާފާނަށް އިތުރު ކުރިއެރުން ދެއްވާ ތިފަދަ ކަންކަން ކުރެއްވުމުގެ އެޔޮ ތަޢުފީޤް ދެއްވާށި. އާމީން.

އުފާފާގަތިކަން

ވަރަށް ރަގަޅު ނިންމެވުމެއް

ނާ

ކަލޭމެނަށް ފަސޭހަވާނެ އެކުމު މައިންބަފައިން ނަށް ދުއްޕާން ކުރަން ނޫނީ ތިގޮތަކަށް ހަމައެއް ނުޖައްސާނެ ކަމެއްނެތި އަތް އުރާލައިގެން ތިބޭ މީހުނަށް ތިގޮތް ކަމުގޮސްފާނެ ފިނި ކޮޓަރީ ތިބެ އަތްދޮށަށް އައުވާނުން ލައިގެން ތިބޭ މީހުނަށް

މުކޭ

ފަތިސް ނަމާދުން ފެށުމަކީ ރަނގަޅު ކަމެއް، ފަތިސް ނަމާދަށް މިސްކިތަށް ގެންދިއުން މާ ރަނގަޅު ވާނެ ސްކޫލް އަށް ގެންދިއުމަށް ވުރެން. ކަސްރަތު ކޮށް ނިމިގެން ގެއަށް އައިސް އަނެއްކާވެސް ސްކޫލް އަށް ގެންދިއުން މީ ކުރެވޭނެ ކަމެއްނޫން.