Hajju quota thah alun beelamah lumah edhijje
image
ދިވެހިންތަކެއް ހައްޖުގެ އަޅުކަން އަދާކުރަން ސައުދީގައި.-- ފޮޓޯ: މިހާރު
1 ކޮމެންޓް
 

ހައްޖު ކޯޓާތައް އަލުން ބީލަމަށް ލުމަށް އެދިއްޖެ

ރާއްޖޭން މި އަހަރު ހައްޖަށް މީހުން ގެންދަން ހުއްދަ ދީފައިވާ ގުރޫޕްތަކަށް ދޫކޮށްފައިވާ ކޯޓާތައް ބާތިލްކޮށް، އަލުން ބީލަމަށް ހުޅުވާލުމަށް ސިސިލްފަރުން އިސްލާމިކް މިނިސްޓްރީގައި އެދިއްޖެ އެވެ.
މި އަހަރު ރާއްޖޭން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ހަ ކުންފުންޏަކަށް ދީފަ އެވެ. ނަމަވެސް ހުއްދަ ދިން ގޮތާއި މެދު ހިތްހަމަނުޖެހިގެން ސިސިލްފަރުން ވަނީ އެ މައްސަލަ ސިވިލް ކޯޓަށް ވެސް ހުށަހަޅާފަ އެވެ. އެކަމަކު ކޯޓަށް ހުށަހެޅުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއާއަތުތައް ފުރިހަމަ ނުކުރާކަމަށް ބުނެ އެ މައްސަލަ ވަނީ ކޯޓުން ބޭރުކޮށްލައިފަ އެވެ.

ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދިން ގްރޫޕްތަކުގެ ކޯޓާތައް ބާތިލްކޮށް އަލުން ބީލަމަށް ލުމަށް ސިސިލްފަރުން އިސްލާމިކް މިނިސްޓްރީގައި އެދުނީ އިޖުރާއާތުތައް ފުރިހަމަ ނުކުރާ ކަމަށް ބުނެ ކޯޓުން އެ މައްސަލަ ބޭރުކޮށްލުމާ ގުޅިގެން، އެ އިޖުރާއާތުތައް ފުރިހަމަ ކުރުމުގެ ގޮތުންނެވެ. އެގޮތުން އިއްޔެ ސިސިލްފަރުން އިސްލާމިކް މިނިސްޓްރީގައި އަލުން ހައްޖު ކޯޓާތައް ބީލަމަށް ލުމަށް އެދިފައިވާއިރު، ހުއްދަ ދިން ކުންފުނިތަކަށް ޕޮއިންޓް ދިނުމުގައި ގިނަ މައްސަލަތައް ހުރި ކަން އެ ކުންފުނިން ފާހަގަ ކޮށްފައި ވެއެވެ.

އެންޓިކޮރަޕްޝަންސް ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ ހައްޖަށް މީހުން ގެންދަން ގުރޫޕްތަކަށް ހުއްދަ ދިނުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވިގެން އެ މައްސަލަ ބަލަމުން އައުމަކީ ވެސް އަލުން ބީލަން ހުޅުވާލަންޖެހޭ ސަބަބެއް ކަމަށް ސިސިލްފަރުން ބުނެ އެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ އޭސީސީން އަންގާ ގޮތަކަށް މިނިސްޓްރީން އަމަލު ކުރާނެ ކަމަށް ބުނެފަ އެވެ. އޭސީސީން މީގެ ކުރިން ހާމަކުރި ރިޕޯޓެއްގައި، ރާއްޖޭން މީހުން ހައްޖަށް ގެންދިއުމުގައި އިންތިހާ އަށް ކޮރަޕްޝަން ހިނގާ ކަމަށް ބުނެފައި ވެއެވެ.
ހިޔާލު

ނިޔާމަ

ސިސިލްފަރުގެ ފަރާތުން ހައްޖުވެރިންނާ ހަވާލުވެގެން އިސްކޮށް މިއަހަރު ހައްޖަށް ދާބޭފުޅާގެ ނަން މި ނޫހުން ހޯދައި ހާމަކޮށްލަބަ. ވަރަށް ގިނަކަންކަން ސާފުވެގެންދާނެ.

އަދި ދަންނައެވެ.
1 އައިޖީއެމްއެޗްގެ 25 ބުރީގެ ޢިމާރާތް އަޅަން ހަވާލުކުރުމައެއް ކޮރަޕްޝަނެއްނެތް.: "އޭސީސީ"
2 ހުޅުމާލެ ބުރިޖް އަޅަން ހަވާލުކުރުމުގައެއް ކޮރަޕްޝަނެއްނެތް: "އޭސީސީ"
3 ސައޫދީން އިތުރުކޮށްދިން 1000 ކޯޓާއަށް މީހުން ހައްޖައްފޮނުވުނައެއް ކޮރަޕްޝަނެއްނެތް: (އޭސީސީ)
4 މިނިސްޓްރީގެ އެކައުންޓަށް ޖަމާކުރާފައިސާއިން ބައެއް ފައުންޑޭޝަނަށް ދިނުމުގައެއް ކޮރަޕްޝަނެއްނެތް: (އޭސީސީ)
5 ބަހަންދޭ ކަދުރުގަ އަމިއްލަ ލޭބަލް ތަތްކޮށްގެން ބެހުމުގައެއް ކޮރަޕްޝަނެއްނެތް: (އޭސީސީ)
6 ޕާޓީ މެންބަރުންގެ ޙިއްސާ އޮންނަކުންފުނިތަކަށް ޕްރޮޖެކްޓްތައް ދިނުމުގައެއް ކޮރަޕްޝަނެއްނެތް: (އޭސީސީ)
7 ހުޅުމާލޭ ޗައިނާ ފުލެޓްތައް ބެހުމުގައެއް ކޮރަޕްޝަނެއްނެތް: (އޭސީސީ)
8 ޕާޓީހިންގަން ދައުލަތުގެ އިމާރާތްތަކާއި މުދާ ބޭނުންކުރުމުގަ ކޮރަޕްޝަނެއްނެތް: (އޭސީސީ)
9 އެމްއެމްޕީއާރުސީ ގެ މައްސަލާގައި ކޮރަޕްޝަނެއްނެތް: (އޭސީސީ)
ރައީސުލް ޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މަޖިލީހުގެ އެންމެހާމެންބަރުން މިކަމަށް ސަމާލުކަން ދޭނެކަމަށް އުންމީދުކުރަން. އޮޑި ބަންނަންވާނީ ފީނުވާ ފަނި ނާޅާ ހުންނަ ލަކުޑިން، ނޫނީ މާކަނޑުގަ ދުއްވަން ޖެހޭއިރު އޮންނާނީ ދިޔަވާވަރުން އޮބިނޯވެފަ.